ޑައިރެކްޓަރު އަނިލް ޝަރްމާގެ ދަރިފުޅު އުތުކާޝްގެ ފުރަތަމަ ފިލްމަކީ "ޖީނިއަސް"
ޑައިރެކްޓަރު އަނިލް ޝަރްމާގެ ދަރިފުޅު އުތުކާޝްގެ ފުރަތަމަ ފިލްމަކީ "ޖީނިއަސް"

މާބޮޑު ސަމާލުކަމެއް ލިބިފައި ނެތަސް ލީޑިން އެކްޓަރެއްގެ ގޮތުގައި މި އަހަރު ބޮލީވުޑަށް ތައާރަފުވާ އެކަކީ ޑައިރެކްޓަރު އަނިލް ޝަރްމާގެ ދަރިފުޅު އުތުކާޝް ޝަރްމާ އެވެ.

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ލީޑް ރޯލް ކުޅުނު އަނިލްގެ 2001 ގެ ކާމިޔާބު ފިލްމް "ގަދަރު: އޭކް ޕްރޭމް ޙަތާ" ގައި އުތުކާޝް ފެނުނީ ކުޑަކުއްޖެއްގެ ގޮތުގަ އެވެ. އެއީ ސަނީ އާއި އަމީޝާގެ ދަރިފުޅުގެ ރޯލުންނެވެ.

"ގަދަރު" ރިލީޒް ކުރިތާ 17 އަހަރު ފަހުން އުތުޝާކް މިހާރު ބޮޑު ސްކްރީނަށް މި އަންނަނީ ބައްޕަ ޑައިރެކްޓްކޮށްފައިވާ ފިލްމަކުންނެވެ. އެއީ އަންނަ މަހުގެ 24 ގައި ރިލީޒްކުރާ "ޖީނިއަސް" އެވެ.

މި ފިލްމްގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ.

"ގަދަރު"ން ފެނުނު ތުއްތު ޗަރަންޖީތު ޒުވާނަކަށް ބަދަލުވެ، އޭނާގެ އެކްޓިން ހުނަރު ލީޑިން އެކްޓަރެއްގައި ދައްކައިލަން ތައްޔާރުވެފައިވާ އިރު، އަނިލް ހުރީ ދަރިފުޅު ތައާރަފުކޮށްދޭ ފިލްމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. "ޖީނިއަސް" ގައި އުތުކާޝް، 24، އާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ އިޝިތާ ޗޯހަން އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މިތުން ޗަކްރަބަތީ، އަޔެޝާ ޖުލްކާ އަދި ނަވާޒުއްދީން ސިއްދީގީ ފަދަ ތަރިން ހިމެނެ އެވެ.

"ޖީނިއަސް" އަކީ އެކްޝަން ޑްރާމާއެކެވެ. ދަރިފުޅު ލީޑް އެކްޓަރެއްގެ ގޮތުގައި ތައާރަފު ކުރާ ފިލްމަށްވާތީ އަނިލް ވަނީ ފިލްމް ވީހާ ވެސް ފުރިހަމަ އަދި ބެލުންތެރިން ގަޔާވާ ކަހަލަ ގިނަ ރަހަތައް ވެސް ލައްވައިފަ އެވެ.