ސިޓީއާ ވާދަކުރާނީ ޗެލްސީ: ސާނޭ
ސިޓީއާ ވާދަކުރާނީ ޗެލްސީ: ސާނޭ

މެންޗެސްޓާ (ޖުލައި 24) – އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީއާ އެންމެ ގާތުން ވާދަކުރާނީ ޗެލްސީ ކަމަށް ސިޓީގެ ފޯވާޑް ލެރޯއީ ސާނޭ ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގު ކާމިޔާބުކުރި ކާމިޔާބުކުރި ޗެލްސީން ވަނީ ކޯޗު އެންޓޯނިއޯ ކޮންޓޭ މަގާމުން ބަކިކޮށް މައުރީޒިއޯ ސާރީ ގެނެސްފަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން މިދިޔަ ސީޒަނުގައި ނަޕޯލީގައި މޮޅަށް ކުޅުނު ޖޯޖީނިއޯ ގެނެސްފައިވީ ނަމަވެސް އަދި މާބޮޑު ޓްރާންސްފަތަކެއް ނުކުރެ އެވެ. އަނެއްކޮޅުން އެ ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ތެރޭ ހިމެނޭ އެޑެން ހަޒާޑާއި ގޯލްކީޕަރު ތިބައޫ ކޯޓުއާ ރެއާލް މެޑްރިޑަށް ބަދަލުވާ ވާހަކަތައް ވަނީ ގަދަވެފަ އެވެ.

"ޗެލްސީން އެ ގެނައީ ވަރަށް މޮޅު ކޯޗެއް. ނަޕޯލީން މިދިޔަ ސީޒަނުގައި ކުޅުނު ކުޅުން ވަރަށް ކަމުދޭ. އަހަރެމެން އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ވަރަށް އުނދަގުލާ ކުރިމަތިލާން ޖެހުނު،" ޗެމްޕިއަންސް ލީގު މެޗަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

ސާނޭ ބުނީ ސާރީގެ ޓެކްޓިކްސްތަކަށް ޗެލްސީ ފެތެން ދުވަސްކޮޅެއް ނަގާފާނެ ކަމަށާއި އެކަމަކު ޗެލްސީ ވެގެންދާނީ ވަރަށް ވަރުގަދަ ޓީމަކަށް ކަމަށެވެ. އަދި ސިޓީ އަށް އެންމެ ބޮޑު ފައިޓެއް ދޭނެ ކަމަށް ބެލެވެނީ ވެސް ޗެލްސީ ކަމަށް އޭނާ ބުންޏެވެ.

ސާނޭ އެހެން ބުނި ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި އަންނަ ސީޒަނުގައި ސިޓީއާ އެންމެ ފައިޓްކުރާނީ ލިވަޕޫލުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިޔަ ޓީމުން ވަނީ މުޅިން އަލަށް ވަރުގަދަ ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ވިންގާ ޒެރްދާން ޝަގީރީ އާއި ގޯލްކީޕަރު އެލިސަން ބެކާ އާއި ދެ މިޑްފީލްޑަރުން ކަމަށްވާ ފަބީނިއޯ އަދި ނަބީ ކެއިޓާ އެވެ. އެ ޓީމު ދޫކޮށް ދިޔަ މަޝްހޫރު ހަމައެކަނި ކުޅުންތެރިއަކީ ޔުވެންޓަސްއާ ގުޅުނު ޖަރުމަން މިޑްފީލްޑަރު އެމްރޭ ޗޭން އެވެ.