24 ޖުލައި 2018 - 13:45

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓަކު ހޮވުމުގެ އިންތިޚާބު އަލުން ބޭއްވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން މޫސާ އަންވަރު ނިންމައިފި އެވެ.
ސެޕްޓެމްބަރު 23ގައި ބާއްވާ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންމޭޓް ކަމަށް ޖުމްހޫރީ ޕާޓީން އިންތިޚާބުކޮށްފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ. ނަމަވެސް އާ އިންތިޚާބެއް ބޭއްވުމުގެ އަމުރަކަށް، އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން އެ ގައުމުގައި ދިރިއުޅެމުން އަންނަ މޫސަ ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
މޫސަ މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކުރީގެ ނަައިބު ރައީސް އަހުމަދު އަދީބުގެ އެދިވަޑައިގަތުމަކަށް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމީ ކަމަށެވެ. އަދި އެގޮތަށް ނިންމީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށާއި އަދި އިބޫ އާއި ފައިސަލަށް ތާއީދުކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
މޫސަ ހުށަހަޅާފައި ވަނީ ރަނިންމޭޓަކު ހޮވުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓުގައި ފައިސަލް ނަސީމާ އެންމެ ގާތުން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާ ދެ ބޭފުޅުންނަށް އެއް އަދަދަކަށް ވޯޓު ލިބިފައިވާ ކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމުގެ އަމުރަކަށް އެދި އެވެ. ނަމަވެސް އަލީ ހުސެއިން ވަނީ އެ އިންތިޚާބު ބޭއްވީ ރަނގަޅަށް ކަމަށާއި އަލުން އިންތިޚާބު ބާއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ރަނިންމޭޓް ކަމަށް ފައިސަލް އާއި އަލީ ހުސައިންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިިނިސްޓަރު އަބްދުﷲ އަމީނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ވާދަ ކުރެއްވި އެވެ. ފައިސަލް ރަނިންމޭޓަކަށް ހޮވުނީ އަލީ ހުސައިނާ އެއް ވޯޓުގެ ތަފާތަކުންނެވެ.