ޖަޒްލާން މަރުވި އެކްސިޑެންޓް ހިނގީ އެހެން އުޅަނދެއްގައި ޖެހިގެނެއް ނޫން: ޕޮލިސް
ޖަޒްލާން މަރުވި އެކްސިޑެންޓް ހިނގީ އެހެން އުޅަނދެއްގައި ޖެހިގެނެއް ނޫން: ޕޮލިސް

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވީ، އޭނާ ދުއްވި ސައިކަލު ބަމްޕަރެއްގެ މަތިން ކަހާލައިގެން ވެއްޓި ކަމަށާއި އެއީ އެހެން އެއްވެސް އުޅަނދެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއް ނޫން ކަމަށް ފުލުސްް އޮފީހުން ބުނެފި އެވެ.

އުމުރުން 18 އަހަރުގެ ޖަޒްލާންގެ މަރާ ގުޅޭ ގޮތުން ފުލުހުން އެންމެ ފުރަތަމަ ވެސް ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގީ، ފިތުރޯނު މަގުގައި، ލަގްޒަރީ ފްލެޓްތަކެއް އިމާރާތްކުރާ ތަނަކުން ފެން ބޭރުކުރަން މަގު ހުރަސްކޮށް އަޅާފައިވާ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެން ކަމަށެވެ.

އެކަމަކު އެ ކަމުގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށާއި ޖަޒްލާން އެކްސިޑެންޓުވީ ބާރު ސްޕީޑްގައި ދުއްވި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް އޭނާގެ ބައެއް ރަހުމަތްތެރިން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ ވާހަކަތައް ބައެއް މީޑިއާތަކުން ގެނެސްދީފައިވާ އިރު، ރަހުމަތްތެރިން ތުހުމަތު ކޮށްފައިވަނީ އެކްސިޑެންޓު ހިނގުމާއެކު އަނެއް ސައިކަލުގައި ތިބި މީހުން ފިލާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުވި އަނެއް ސައިކަަލުގެ ބައިތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް، ރަހުމަތްތެރިންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ.

އެކްސިޑެންޓު ހިނގިތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް ފުލުހުން މިއަދު ވަނީ އާއްމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޖަޒްލާން ބަމްޕަރު މައްޗަށް އެރުމާއެކު ކަހާލައިގެން ވެއްޓެ އެވެ. އަދި މާ ދުރަށް ސައިކަލު ފުރޮޅިގެންދާ މަންޒަރު ވެސް ފެނެ އެވެ. މާ ބޮޑު އަލިކަމެއް ނެތް އެ ސަރަހައްދުގައި އެ ވަގުތު އެހެން އުޅަނދެއް ނެތެވެ. އެކަމަކު އެކްސިޑެންޓުވިތާ ގިނަ އިރުތަކެއް ނުވެ، އެ ސަރަހައްދަށް ދިޔަ އެހެން ބަޔަކު އޭނާ އަށް އެހީވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކްސިޑެންޓުގެ ހަބަރު އެންމެ ފުރަތަމަ ލިބުނީ، އެ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހުރި ޗެކްޕޮއިންޓެއްގައި ތިބި ފުލުހުންނަށް ކަމަށެވެ. އަދި ވަގުތުން ފުލުހުން އެ ސަރަހައްދަށް ގޮސް، ޕިކަޕެއްގައި ޖަޒްލާން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ޅ. އޮޅުވެލިފުއްޓަށް އުފަން އެ ޒުވާނާ މަރުވީ، ބޮލަށް ލިބުނު އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ ޖަޒްލާންގެ އަތުގައި ލައިސަންސް ނޯންނަ ކަމަށާއި ލައިސަންސް ނެތި ދުއްވައިގެން މީގެ ކުރިން ވެސް ހަ ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެހެންްވެ، ފުލުހުންގެ ތަހުގީގުތަކާ ގުޅޭ ގޮތުން އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައި ވެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިއުޓީ ފްރީގައި މަސައްކަތް ކުރި ޖަޒްލާނަކީ ރޭސިން ގްރޫޕެއްގައި، ރޭސް ޖެހުމުގައި ވެސް ބައިވެރިވެ އުޅުނު ޒުވާނެކެވެ.