24 ޖުލައި 2018 - 12:31

އިސްލާމްއާބާދު (ޖުލައި 24) - ޕާކިސްތާނުގައި މާދަމާ ބާއްވާ އާއްމު އިންތިޚާބު ކާމިޔާބުކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޅިން އާ ޕާކިސްތާނެއް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ޚިޔާލު ހޯދުންތައް ދައްކާ ގޮތުން ކުޑަ ތަފާތަކުން ނަމަވެސް ކުރީގައި އުޅޭ ކަމަށް މި ފަހަރު ދައްކަނީ އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ނުވަތަ ޕާކިސްތާން ޖަސްޓިސް މޫވްމަންޓެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާގެ ރުހުން އޮތީ ވެސް އިމްރާން ޚާންގެ ޕާޓީއަށެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ފޯރިގަދަވެފައި ވަނީ ކުރީގެ ބޮޑު ވަޒީރު ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް-އެން) ގެ ކުރީގެ ލީޑަރު ނަވާޒް ޝަރީފް އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް 10 އަހަރަށް ޖަލަށް ލުމުންނެވެ. ނަވާޒް ޝަރީފުގެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި ޕީއެމްއެލް-އެން ވެރިކަމަށް އަޔަ ނުދޭން ސިފައިންނާއި ކޯޓުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިމްރާން ޚާން ކެމްޕޭން ކުރައްވަމުން ގެންދަވަނީ "ނިއު ޕާކިސްތާން" ޝިއާރުގެ ދަށުންނެވެ. އޭނާގެ ކެމްޕޭން އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ވެސް ގައުމުން ކޮރަޕްޝަން ނައްތާލުމަށެވެ. ނަވާޒް ޝަރީފުގެ ވެރިކަމުގައި ޕާކިސްތާނުގައި ކޮރަޕްޝަން ހިންގާފައިވާވަރު ސިފަކޮށްދެއްވަމުން އިމްރާން ޚާން ވިދާޅުވެފައި ވަނީ އެއީ ފިލްމަކުން ވެސް ފެންނާނެ މަންޒަރުތަކެއް ނޫން ކަމަށެވެ. ގައުމުގެ ޚަޒާނާ ލޫޓުވާލައިގެން އެ އާއިލާގެ ބައެއް މީހުން މިލިއަނަރުންނަށްވެފައިވާ ކަމަށް އިމްރާން ޚާން ވިދާޅުވި އެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި މިއީ އުމުރުން 65 އަހަރުގެ ކުރީގެ ކްރިކެޓް ޗެމްޕިއަން މީގެ ވިއްސަކަަށް އަހަރު ކުރިން ސިޔާސީ ދާއިރާ އަށް ވެންނެވި ފަހުން، ގައުމުގެ އެންމެ މަތީ މަގާމަށް ވަޑައިގަތުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ޕާކިސްތާނަށް 1992 ވަނަ އަހަރުގެ ކްރިކެޓް ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން ސިޔާސީ ދާއިރާ އަށް ވެންނެވީ 1996 ވަނަ އަހަރު އެވެ.
ޕާކިސްތާނުގެ ޕާލަމެންޓުގެ ދަށުގޭގެ 272 ގޮނޑިއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި 106 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.