ނޯތު ކޮރެއާ އިން ރޮކެޓް އުދުއްސާ ސައިޓް ނައްތާލަން ފަށައިފި
ނޯތު ކޮރެއާ އިން ރޮކެޓް އުދުއްސާ ސައިޓް ނައްތާލަން ފަށައިފި

ޕިއޮންޔޮން (ޖުލައި 24) - ނޯތު ކޮރެއާގެ ހުޅަނގު އުތުރުގައިވާ ރޮކެޓް އުދުއްސާ ސައިޓް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސެޓެލައިޓް ފޮޓޯތަކާ ހަވާލާދީ އެމެރިކާގެ މޮނިޓާރިން ގްރޫޕެއް ކަމަށްވާ "38 ނޯތު" އިން ބުނީ އެމެރިކާއާ އެކު ޖޫން މަހު ބޭއްވި ސަމިޓުގައި އެއްބަސްވި ގޮތަށް ނޯތު ކޮރެއާ އިން އަމަލު ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޖީން ސައިޓެއް ނައްތާލާނެ ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޓްރަމްޕާއި ކިމް ޖޫން މަހު ސިންގަޕޫރުގައި ބޭއްވި ސަމިޓުގައި ވަނީ ކޮރެއާ ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް އެ އެއްބަސްވުމުގައި ތަފްސީލުތައް ނެތުމުން ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ ނޯތުު ކޮރެއާއާ އެކު ގުޅުން ކުރިއަށްދާ ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ވޭތުވެދިޔަ ނުވަ މަސް ދުވަހު ތެރޭ ނޯތު ކޮރެއާ އިން އެއްވެސް ނިއުކްލިއާ ޓެސްޓެއް ކޮށް އަދި މިސައިލެއް ފޮނުވާލާފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.