25 ޖުލައި 2018 - 07:27

"ގާޑިއަންސް އޮފް ދަ ގެލެކްސީ" ސީރީޒްގެ ޑައިރެކްޓަރު ޖޭމްސް ގަން މީގެ އަހަރުތަކެއް ކުރިން ކުރި ޓްވީޓްތަކެއްގެ މައްސަލައެއްގައި، އެ ސީރީޒްގެ ތިން ވަނަ ފިލްމްގެ ޑައިރެކްޝަނުން އޭނާ ބޭރުކޮށްލުމާ ގުޅިގެން ފޭނުންތަކެއް ޖޭމްސްގެ ދިފާއުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" ޖޭމްސް ލައްވައި ޑައިރެކްޓް ނުކުރުވަން ޑިޒްނީން މިދިޔަ ހުކުރު ދުވަހު ނިންމި ނިންމުމާ ދެކޮޅަށް ސޮއިކުރާ ޕެޓިޝަނުގައި ބުނެފައި ވަނީ އެ ނިންމުން ބަދަލުކުރަން ގޮވައިލާ ކަމަށެވެ.
ޑިޒްނީން ޖޭމްސް އަށް ފިޔަވަޅު އަޅާފައި ވަނީ ކަމަކަށް ނުވާ ކަހަލަ ކޫސަނި ސަބަބުތަކެއް ދައްކައިފައި ކަމަށް ބުނެފައި އެވެ.
"ރި-ހަޔާ ޖޭމްސް ގަން" ގެ ނަމުގައި ސޮއި ކުރަމުން އަންނަ ޕެޓިޝަނުގައި މިހާތަނަށް ދެލައްކަ ސާޅީސް ހާހަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ އިރު، އޭގެ ތެރޭގައި "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ޑޭވާ ބަޓިސްޓާ، ޑައިރެކްޓަރު ޖޯއީ ކަނަން އަދި ބަތަލާ ސެލްމާ ބްލެއާ ފަދަ ފަންނާނުން ވެސް ހިމެނެ އެވެ.
އެ މީހުން ވަނީ ސޯޝަލް މީޑިއާގައި ޕެޓިޝަން ހިއްސާ ވެސް ކޮށްފަ އެވެ.
"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" ޖޭމްސް ލައްވައި ޑައިރެކްޓް ނުކުރުވަން ޑިޒްނީން ނިންމީ ރޭޕް ކުރުމާއި އެކި ކަހަލަ ޖިންސީ ވާހަކަތަކާ ބެހޭ ގޮތުން މީގެ އަހަރުތަކެއް ކުރިން ޖޭމްސް ކޮށްފައިވާ ޓްވީޓްތަކެއް އަލުން ތިލަވެ، ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒުވުމުންނެވެ.
އެގޮތުން 2008-2011 އާ ދޭތެރޭ ޖޭމްސް ކޮށްފައިވާ ޓްވީޓްތަކެއްގައި، ރޭޕަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ދޭހަވާ ކަހަލަ އިބާރާތްތައް ބޭނުންކޮށްފައިވެ އެވެ.
ނަމަވެސް ޑިޒްނީން އެޅި ފިޔަވަޅާ ގުޅިގެން ޖޭމސް ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާ ދައްކާފައި ހުރި ގިނަ ވާހަކަތަކަކީ ސަމާސާއަކަށް ދައްކާފައި ހުރި ވާހަކަތަކެއް ކަމަށެވެ. އަދި އޭނާއަކީ ކަންކަމަށް އަބަދު ވެސް ޖޯކު ޖަހާ މީހެއް ކަމަށާއި ޓްވީޓްތަކުގައި ވެސް ހުންނާނީ މަޖަލަށް ދެއްކި ވާހަކަތަކެއް ކަމަށް ބުންޏެވެ.