25 ޖުލައި 2018 - 07:26

ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "ދަޅަކް" ގައި ދައްކުވައި ދިން އެކްޓިން އަށް ގިނަ ބަޔަކު ޖާންވީ ކަޕޫރަށް ތައުރީފު އޮއްސަމުން އަންނަ އިރު، އިންޑިއާގެ އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ވެސް ތައުރީފުކޮށްފި އެވެ.
އުމުރުން 88 އަހަރުގެ ލަވަކިިޔުންތެރިޔާ ބުނި ގޮތުގައި އޭނާ އަށް ވަނީ ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" ގެ ބައެއް މަންޒަރުތައް ފެނިފަ އެވެ.
"އޭނަ ވަރަށް ރީތި. އަހަރެން ބޭނުން އޭނާ އަށް ލަވައެއް ކިޔައިދޭން،" ޖާންވީގެ މަންމަ ސްރީދޭވީގެ ވަރަށް ގިނަ ފިލްމްތަކަށް ލަވަތައް ކިޔައިދީފައިވާ ލަތާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދޮށީ ދަރިފުޅު ޖާންވީގެ ފިލްމް ސްކްރީނުން ބަލައިލަން މިއަދު ސްރީދޭވީ ދުނިޔޭގައި ހުރި ނަމަ އެކަމާ ފަހަރުވެރި ވާނެ އެވެ. ލަތާ ބުނި ގޮތުގައި ޖާންވީއަކީ ސްރީދޭވީ ހޯދި ވަރުގެ ކާމިޔާބީއެއް ހޯދުމުގެ ގާބިލުކަން ލިބިފައިވާ ބަތަލާއެކެވެ.
"އަހަރެމެން މަންގޭޝްކަރް އާއިލާއަކީ އަބަދު ވެސް ބޯނީ ]ޖާންވީގެ ބައްޕަ] ގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ އާއިލާއެއް،" ލަތާ ބުންޏެވެ. "އެ އާއިލާގެ މެމްބަރުންނަށް އަބަދުވެސް ކާމިޔާބީ އާއި ފާގަތިކަމަށް އެދެން."
އިންޑިއާގެ ސިނަމާގެ ހައެއްކަ ޖެނެރޭޝަނުގެ ބަތަލާއިންނަށް ލަވަތައް ކިޔައިދީފައިވާ ރަން އަޑުގެ ވެރިޔާ ބުނި ގޮތުގައި ދުނިޔޭގައި ހުއްޓައި ޖާންވީގެ ފިލްމަކަށް ލަވައެއް ކިޔައިދިނުމަކީ ކުރާ އުންމީދެކެވެ.
އަންނަ މަހުގެ 3 ގައި ރިލީޒްކުރާ "ފަނޭ ހާން" ގައި އަނިލް ކަޕޫރް ކުޅެފައި ވަނީ ލަތާ އާއި މަރުވެފައިވާ ލަވަކިޔުންތެރިޔާ މުހައްމަދު ރަފީގެ ވަރަށް ބޮޑު ފޭނެއްގެ ރޯލްކަން އެނގިފައިވާތީ ލަތާ ވަނީ އެކަމާ ވެސް އުފާ ފާޅުކޮށްފަ އެވެ.
"އަހަރެން ވަރަށް އުފާ ކުރަން އަހަރެމެންގެ މަސައްކަތްތަކުގެ ހަނދާންތައް އާވާ ގޮތަށް ފިލްމްތައް ގެނެސްދޭތީ،" އުމުރުން އެންމެ 12 އަހަރުގައި ޕްލޭބެކް ލަވަކިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ފެށި ލަތާ ބުންޏެވެ.