24 ޖުލައި 2018 - 10:55

ޔުނައިޓެޑް ނޭޝަންސް (ޖުލައި 24) - ގަތަރުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް އދ.ގެ އެންމެ މަތީ ކޯޓުން އަންގައިފި އެވެ.
ދަ ހޭގުގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ނިންމުމުގައި ވަނީ ގަތަރަށް ނިސްބަތްވާ މެންބަރުން ހިމެނޭ އާއިލާތައް އެކުގައި އަލުން އުޅުމުގެ ފުރުސަތު ދިނުމަށާއި ގަތަރުގެ ދަރިވަރުން ޔޫއޭއީގައި ކިޔެވުމުގެ ފުރުސަތު ވެސް ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.
ގަތަރާ ދެކޮޅަށް މިދިޔަ އަހަރުގެ ޖޫން މަހު ފިޔަވަޅު އެޅި ގައުމުތަކަކީ ޔޫއޭއީ، ސައުދީ އަރަބިއާ، ބަހުރޭން، އަދި މިސްރެވެ. ޖޫން 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ޔޫއޭއީ އިން ވަނީ އެ ގައުމުގައި ތިބި ގަތަރު މީހުން 14 ދުވަހު ތެރޭ ގައުމުން ދިއުމަށް އަންގައިފަ އެވެ. އަދި ގަތަރު އެއާވޭސްގެ ބޯޓުތައް އެ ގައުމުތަކަށް ދަތުރު ކުރުން މަނާކޮށް، ސައުދީއާ ގުޅިފައި އޮންނަ ގަތަރުގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.
އައިސީޖޭ އަށް ގަތަރުން ހުށަހެޅި މައްސަލާގައި ވަނީ ބިރުވެރިކަމުގެ މާހައުލެއް އުފައްދަން ޔޫއޭއީ އިން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އައިސީޖޭގެ ނިންމުން ގަތަރާ އެއްކޮޅަށް ދިޔައީ އެއް ވޯޓުގެ ތަފާތުންނެވެ. ގަތަރަށް ތާއީދުކޮށް އަށް ފަނޑިޔާރުން ވޯޓު ދިން އިރު ދެކޮޅު ހެދީ ހަތް ފަނޑިޔާރުންނެވެ.
އައިސީޖޭގެ ނިންމުމަށް ގަތަރުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ޚާރިޖީ ވުޒާރާގެ ތަރުޖަމާން އަހުމަދު ބިން ސައީދު އަލް ރުމައިހީ ވިދާޅުވީ ޔޫއޭއީއާ އެކު އޮތް ގުޅުން އިތުރަށް ގޯސްކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ޔޫއޭއީ އިން ބުނެފައި ވަނީ ގަތަރުން ހުށަހެޅި މައްސަލަ ބެލުމުގެ ހައިސިއްޔަތު އައިސީޖޭ އަށް ލިބިގެން ނުވާ ކަމަށެވެ.