25 ޖުލައި 2018 - 07:23

ސިއްހީ ގޮތުން ތިމާގެ ހާލު އެންމެ ފުރިހަމަވާނީ މަދު ބައެއްގެއެވެ. ކޮންމެ މީހަކުވެސް އުޅޭނީ ކޮންމެވެސް ކަހަލަ ސިއްހީ ނުތަނަވަސްކަމެއްގައެވެ. ނަމަވެސް ސިއްހީ ގޮތުން ބަލިކަށިވިޔަސް މިހާރު ބަދުނަސީބުގެ އަހުލުވެރިޔެއްކަމަށް ނުބަލާށެވެ.
ގިނަ ބަޔަކު އެންމެ ކަންބޮޑުވަނީ ހިތުގެ ނުރައްކާތެރި ބަލިތަކާމެދުގައެވެ. ހިތަށް އަންނަ ކުއްލި ހާލަތްތަކަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައި ވެސް އާންމުވަމުން އަންނަ ކަމެކެވެ. ބޮޑަށް މިމައްސަލަ ނުކުންނަނީ ތަރައްގީވެފައިވާ ގައުމުތަކުގައެވެ. އެމެރިކާގައި އެކަނިވެސް އަހަރަކު ހަ ލައްކަ މީހުން ހިތް ހުއްޓިގެން ފަރުވާކުރަންޖެހޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ބުނެވޭ ގޮތުގައި އެމެރިކާގައި އެންމެ ގިނަ ބަޔަކު މަރުވަނީ ވެސް މި ބަލީގައެވެ. ހިތް ހުއްޓޭ ހާލަތުގައި ފަރުވާނުދެވި ލަސްވާ ކޮންމެ މިނިޓަކީ ބަލިމީހާގެ ހާލަތު 10 ޕަސެންޓް ދަށަށް ދުއްވާލާ މިނިޓެކެވެ. ވީމާ، ހިތް ހުއްޓުމުގެ ބިރަކީ ގިނަ ބަޔަކު ސަމާލުވާ ކަމަކެވެ.
"އައިބީޓް" އަކީ މިކަމަށް ހޯދި ހައްލެކެވެ.
އައިބީޓް ސްމާޓްގަޑީގެ ބޭނުމަކީ ހިތްހުއްޓެން އުޅޭކަމުގެ އިޝާރާތާއެކު އިމަޖަންސީ ޓީމްތައް ސަމާލުކުރުވުމެވެ. އަތުގައި އަޅާފަ އޮންނަ އައިބީޓް ގަޑީގެ ފިތަކަށް ފިތާލުމުން އިމަޖަންސީ ނަބްމަރުތަކަށް ވަގުތުން މެސެޖުދާނެއެވެ. އަދި ލަސްތަކެއްނުވެ ބަލިމީހާ ހުރި ތަނަކަށް އެހީގެ ޓީމްތައް ގޮސް، ފަރުވާގެ ކަންތައް ފަށާނެއެވެ.
އައިބީޓް ގަޑި މަސައްކަތްކުރުމަށް ކޮންމެހެން ފޯނެއް ބޭނުމެއް ނޫނެވެ. އިންޓަނެޓް ކަނެކްޝަނެއް ވެސް ހޯދާކަށްނުޖެހެއެވެ. މި ގަޑި އުފައްދާފައިވަނީ ސީދާ ގަޑިން ކަނެކްޝަން ހޯދޭގޮތަށެވެ. ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް ބަލިމީހާގެ ހާލު ދެނެގަނެވޭނެއެވެ. މި ގަޑި ފަރުމާކޮށްފައި ވަނީ ޓަޗްސްކްރީން ސޯނާއަކާއި ޓައިމަރާއި ސްޓޮޕްވޮޗް ހިމަނައިގެންނެވެ.