ކުނާލް ކޯލީ ހަ އަހަރު ފަހުން ޑައިރެކްޝަނަށް
ކުނާލް ކޯލީ ހަ އަހަރު ފަހުން ޑައިރެކްޝަނަށް

"ހަމް ތުމް" އާއި "ފަނާ" ފަދަ ކާމިޔާބު އަދި ހިތްގައިމު ފިލްމްތައް ގެނެސް ދިން ޑައިރެކްޓަރު ކުނާލް ކޯލީ ހަ އަހަރަށް ފަހުން އަލުން ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވެއްޖެ އެވެ.

އޭނާ މި ފަހަރު ގެނެސް ދޭން ނިންމާފައި ވަނީ އިންޑިއާގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ހާދިސާތަކެއް ކިޔައިދޭ ރަމާޔަންގެ ވާހަކަ އެވެ. ފިލްމާ ބެހޭ ގޮތުން ކުނާލް ބުނީ އެ ވާހަކަ އަށް ފިލްމެއް ހަދަން ނިންމީ، އެއީ މި ޒަމާނުގެ ޖީލަށް އަދިވެސް ކިޔައި ދޭން މުހިއްމު ވާހަކައަކަށްވާތީ ކަމަށެވެ.

ރަމާޔަންއަކީ ވަރަށް ވެސް އިބުރަތްތެރި ފިލާވަޅުތަކެއް ގެނެސްދޭ ކެރެކްޓާތަކެއް ހިމެނޭ އެއްޗަކަށްވާތީ އެ ފިލްމް ހެދުމުގެ ޝައުގުވެރިކަން ބޮޑު ކަމަށް ބުންޏެވެ.

ކުނާލް ބުނި ގޮތުގައި އޭނާ ރަމާޔަން ގެނެސް ދޭނީ މުޅިން އާ އެކްޓަރުތަކެއް ހިމަނައިގެންނެވެ. އަދި އޭގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އަންނަ އަހަރު ފިލްމް ރިލީޒް ކުރާނެ ކަމަށް ބުންޏެވެ.

ކުނާލް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2012 ގައި ޕްރިޔަންކާ ޗޯޕްޅާ އާއި ޝާހިދު ކަޕޫރް ކުޅުނު "ތޭރީ މޭރީ ކަހާނީ" އެވެ.

އޭގެ ފަހުން ޑައިރެކްޝަނާ ވަރަށް ބޮޑަށް ދުރައި ޖެހިލައި، ކުނާލް ވަނީ 2015 ގައި "ޕިރް ސޭ" ކިޔާ ފިލްމެއްގެ ބަތަލުގެ ރޯލް ކުޅެފަ އެވެ. އެ ފިލްމްގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅުނީ އިންޑިއާގެ ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ އެންމެ ރީތި އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ ޖެނިފާ ވިންގެޓް އެވެ.

"ޕިރް ސޭ" ބޮޑު ސްކްރީނުގައި ރިލީޒް ކުރުމުގެ ބަދަލުގައި ގެނެސް ދިބީ ވެބް ފިލްމެއްގެ ގޮތުގައި ޑިޖިޓަލް ޕްލެޓްފޯމްގަ އެވެ.

ކުނާލް ބުނީ އަލުން ޑައިރެކްޝަނަށް އަންނަ އިރު، އާ ފިލްމްގައި އެކްޓް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން މިހާރު 47 އަހަރުގެ ޑައިރެކްޓަރު އެންމެ ފުރަތަމަ ޑައިރެކްޝަނަށް ނުކުތީ 2002 ގައި ރާނީ މުކަރްޖީ އާއި ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރް ލީޑް ރޯލް ކުޅުނު "މުޖް ސޭ ދޯސްތީ ކަރޯގީ" އިންނެވެ.

ކުނާލް ފީޗާ ފިލްމެއްގެ ގޮތުގައި ރަމާޔަން ގެނެސް ދޭން ނިންމާފައިވާ އިރު، ރާމަނަންދު ސާގަރު ވަނީ ޓީވީ ސިލްސިލާއެއްގެ ގޮތުގައި އެ ވާހަކަ 1987-1988 އަށް ގެނެސް ދީފަ އެވެ. އަދި އެއީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ސިލްސިލާއެކެވެ.