27 ޖުލައި 2018 - 07:56

ހެޑްފޯން ހަދާފަ ހުންނަނީ ހުރިހާ އެންމެންނާވެސް ގުޅޭ ގޮތަށެވެ. އެކަމަކު ހެޑްފޯންގެ ކަންފަތު އުނގުރި ހެޔޮވަރުކުރުމާއި ހެޑްފޯން ބޯމައްޗަށް ހަމަކުރުމާއި ހެޑްފޯނުން އިވޭ އަޑު، ކަންފަތަށް ރަހަކުރުމަކީ ބުރަ، އުނދަގޫ އަދި ވަގުތު ހޭދަވާ ކަމެކެވެ. ކިތަންމެ މޮޅު ހެޑްފޯނަކަސް މިހުރިހައި ތުރާލަކުން ސަލާމަތްވެގެން ނޫނީ އޭގެ ބޭނުން ފުރިހަމައަކަށް ނުހިފެއެވެ.
"ހިއަރީ" އުފެއްދި ކުންފުނިން ބުނާ ގޮތުގައި މި ހުރިހައި ތަކުލީފެއް، ހިއަރީ ގެންގުޅޭ ނަމަ އުފުލާކަށް ނުޖެހޭނެއެވެ.
ހިއަރީ އުފައްދާފައިވަނީ ބޮލުގެ ބަދަލުގައި ކަރުގައި އަޅާ ގޮތަށެވެ. މީގެ ކަންފަތު އުނގުރީގެ ބަރުދަނުގައި ހުންނަނީ އެންމެ ތިން ގްރާމެވެ. މީގެ އެންމެ ހާއްސަ ސިފައަކީ މީގައި އެކުލެވޭ އޯމިއޯ ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީ ފައްކާކޮށްފައިވަނީ އެމީހެއްގެ ކަންފަތަށް އަޑުތައް އެކަށީގެންވާ ގޮތަށް ބަދަލުކުރެވޭ ގޮތަށެވެ. ހިއަރީގެ ބޭނުންކުރުމުގެ ކުރިން އޯމިއޯ ހިއަރީ އެޕްގައި ހިމެނޭ ކަންފަތު ޓެސްޓު ހަދަންޖެހެއެވެ. މިއީ ކަންފަތުގެ ކަށިތައް އެތުރިފައި ހުންނަ ގޮތާއި އިވުމަށް މަގުފަހިކޮށްދޭ އިސްތަށީގެ ގިނަމަދުމިނާއި ކަންފަތަށް އަޑު އިވޭ މިންވަރު އަންގައިދޭ ކުރު ޓެސްޓެކެވެ. މިކަމަށް ހޭދަވާ ދެތިން މިނިޓްތެރޭގައި އޯމިއޯއިން އެއްކުރާ މައުލޫމާތަށް ރިއާޔަތްކޮށް، ހެޑްފޯނުން އަޑުތައް އަންނަންޖެހޭ ވަރު ވަޒަންކުރެއެވެ. އަދި އެމީހަކަށް އެންމެ އެކަށީގެންވާ މިންވަރަށް އަޑުތައް ހަމަކޮށްދެއެވެ.
ހިއަރީ ހެޑްފޯނުން ސާފުކޮށް އިވޭނީ ހަމައެކަނި ހެޑްފޯނުން ޖަހާ ލަވައިގެ އަޑެއް ނޫނެވެ. ވަށައިގެން ހިނގާ ކަންކަމާއި މީހުން ދައްކާ ވާހަކައިގެ އަޑުވެސް އެހާމެ ސާފުވާނެއެވެ. އެކަމަށް މަގުފަހިކޮށްދެނީ މި ހެޑްފޯނުގައި އެކުލެވޭ ތިން މައިކެވެ. ހިއަރީ ހެޑްފޯނަކީ ކޮންމެ މީހެއްގެ ކަންފަތަށް ވެސް ހެޔޮވަރަށް އަޑު ފަރުމާކޮށްދޭ ހެޑްފޯނެކެވެ.