24 ޖުލައި 2018 - 00:52

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއް ގައި ބުނީ، އިންތިޚާބު އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ޚާއްސަ ފޯމެއް ހުށަހަޅަން ޖެހޭއިރު އެ ފޯމު ބަލައި ގަންނަނީ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑީގަ އެވެ.
އޮބްޒާވަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ. ސިޔާސީ ޕާޓީތަކުގެ އިތުރުން ދެން އޮބްޒާވަރުންނަށް ވުމަށް ހުށަހަޅާ މީހުންނަކީ ސިޔާސީ ޕާޓީއެއް ގައި ރަޖިސްޓަރީ ވެފައި ނުވާ މީހަކަށް ވާން
ޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އެ އިންތިޚާބު އޮބްޒާވު ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް، އާއްމުކޮށް ހުޅުވައިލާނެ ކަމަށެވެ. އެގޮތުން، އަށް ގައުމެއްގެ އިންތިޚާބާ ބެހޭ އިދާރާތަކަށް ދައުވަތު ފޮނުވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، އިންތިޚާބު އޮބްޒާވް ކުރުމުގެ ދައުވަތު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވެފައި ވެ އެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އަންނަ އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.