23 ޖުލައި 2018 - 21:42

މިއުނިކް (ޖުލައި 23) - ޖަރުމަން ސަޕޯޓަރުންނާއި މީޑިއާގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ މިޑްފީލްޑަރު މެސުތު އޮޒިލް އުމުރުން 29 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، އޭނާގެ އެ ނިންމުމަށް ޖަރުމަނު ސަރުކާރުން އިހުތިރާމްކުރާ ކަމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ ސްޕޯކްސްޕާސަން އުރީކޭ ޑެމާ ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީމަށް އޮޒިލް ކުޅުން ހުއްޓާލުމާ ގުޅިގެން ޖަރުމަނު މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވެމުން ދަނިކޮށް އުރީކޭ ވިދާޅުވީ ޗާންސެލާ މާކެލްގެ ފުރިހަމަ ސަޕޯޓް އޮޒިލަށް އަބަދުވެސް އޮންނާނެ ކަމަށެވެ.
"ޗާންސެލާ އަބަދުވެސް ދެކެނީ އޮޒިލަކީ ވަރަށް ގާތް މީހެއްގެ ގޮތުގައި. އޭނާ އަކީ ޖަރުމަނު ގައުމީ ޓީމަށް ވަރަށް އަގުހުރި މަސައްކަތްކޮށްދިން ކުޅުންތެރިއެއް. މިހާރު އޭނާ އެ ނިންމި ނިންމުމަށް އަހަރެމެން އިހުތިރާމް ކުރަން ޖެހޭ،" އުރީކޭ ވިދާޅުވި އެވެ.
އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރަން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އޭނާއާ މެދު ވަރަށް ބޮޑަށް ނަސްލީ ތަފާތު ކުރުންތައް އޮތުމާއި ޖަރުމަނު ފެޑެރޭޝަނުން އޭނާއާ މެދު އިހުތިރާމް ކުޑަކޮށް ދެކޭތީ ދެން ޖަރުމަނު ޓީމަށް ކުޅެން ބޭނުމެއް ނުވާ ކަމަށެވެ.
ޖަރުމަނު މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ޒިންމާ ގިނަ ބަޔަކު އެޅުވީ އޮޒިލްގެ ބޮލުގަ އެވެ. އަދި އޭގެ ސަަބަބުން އޮޒިލްގެ އަގުވެއްޓޭ ފަދަ ގޮތަކަށް ޖަރުމަނުގެ އެކި ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފަ އެވެ.
ޖަރުމަނު ފެޑެރޭޝަނުން ވަނީ އޮޒިލްގެ އެ ވާހަކަތަކަށް ޖަވާބުދާރީވެފަ އެވެ. އަދި އޮޒިލްއާ މެދު ކަންތައްތައް ދިޔަ ގޮތުން އެންމެ ހިތްހަމަ ނުޖެހޭ ކަމަށް ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.
"ގައުމީ ޓީމުން އޮޒިލް ދިއުމަކީ ލިބުނު ދެރައެއް. އެކަމަކު އަހަރެމެން ނަސްލީ ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް އޮޒިލް ދެއްކި ވާހަކަތަކުގައި ހަގީގަތެއް ނެތް. ޖަރުމަނުން ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަތާ އެތަކެއް އަަހަރުތަކެއްވެއްޖެ." ޖަރުމަނު ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.
ވޯލްޑް ކަޕް ފެށުމުގެ އެއް މަސް ކުރިން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު އޮޒިލާއި ޖަރުމަނުގެ ކުޅުންތެރިއާ އިލްކާއި ގުންޑޮގާން ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ގުންޑޮގާން އާއި އޮޒިލް ޖަރުމަނު ގައުމީ ޓީމަށް ކުޅުނު ނަމަވެސް މި ދެ ކުޅުންތެރިންނަކީ ތުރުކީ އަށް އުފަން ދެ ކުޅުންތެރިންނެވެ. އެ ފޮޓޯއާ ގުޅިގެން ޖަރުމަނު މީޑިއާ އިން ވަނީ އުރުދުގާނުގެ ކެމްޕޭނުގައި އޮޒިލާއި ގުންޑޮގާން ބައިވެރިވީ ކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެއާ އެކު ޖަރުމަނުގެ ސިޔާސީ ފަރާތްތަކުން ވެސް އޮޒިލަށް ފާޑުކިޔެވެ.
އޮޒިލް ރިޓަޔަކުރިއިރު ބުނެފައިވަނީ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ރެއިންހާޑް ގްރިންޑެލް އާއި އޭނާގެ ސަޕޯޓަރުންގެ ނަޒަރުގައި ޖަރުމަނު މޮޅުވާއިރު އަހަންނަކީ ޖަރުމަނު މީހެއް އެކަމަކު ޓީމު ބަލިވާއިރު އަހަންނަކީ އެހެން ގައުމަކުން އައިސް އުޅޭ މީހެއް ކަމަށެވެ.
އޮޒިލް ބުނީ އުރުދުގާންއާ ފުރަތަމަ ބައްދަލުވީ 2010 ވަނަ އަހަރު އެއީ ޖަރުމަނާއި ތުރުކީ ކުޅުނު މެޗެއް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އާއި އުރުދުގާން އެކުގައި ބެއްލެވި ފަހުން ކަމަށެވެ. އަދި އުރުދުގާނާ އެކު ފޮޓޯ ނެގީ ސިޔާސީ މަގުސަދެއް އޮވެގެން ނޫން ކަމަށާއި އުރުގާނަކީ އޭނާގެ އާއިލާ ނިސްބަތްވާ ގައުމުގެ ވެރިޔާ ކަމަށްވުމުން އޭނާ އަށް އިހުތިރާމް އަދާކުރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.
ޖަރުމަނު ފެޑެރޭޝަނުން ބުނީ އޮޒިލްއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އޮޒިލް ގައުމީ ޓީމުގެ ޖޯޒީގައި ކޮށްދިން ހިދުމަތުގެ އަގު ފެޑެރޭޝަނުން ވެސް ވަޒަންކުރޭ. އެކަމަކު އޮޒިލް އާއި ގުންޑޮގާން އެބަޖެހޭ އެ ފޮޓޯ (އުރުދުގާންއާ އެކު ނެގި ފޮޓޯ)އާ ބެހޭގޮތުން ޖަވާބުދާރީވާން ވެސް. ޖަރުމަނު ޓީމު މޮޅުވާނީވެސް ޓީމެއްގެ ގޮތުގައި ބަލިވާނީ ވެސް ޓީމެއްގެ ގޮތުގައި. އޮޒިލްއާ މެދު ކަންތައްތައް ދިޔަ ގޮތް އޭނާ ފެޑެރޭޝަނާ ހިއްސާކުރިނަމަ މި ކަންތައް އެހެން ގޮތަކަށް ނިމޭނެ. އެކަމަކު އޮޒިލް ނިންމީ އޭނާގެ އަމިއްލަ ނިންމުމެއް،" ފެޑެރޭޝަނުން ބުނެފައިވެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ޖަރުމަނު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި އޮޒިލް ވަނީ 90 މިނިޓް ކުޅެފަ އެވެ. އޮޒިލް ކުޅުނު ދެ މެޗުން ޖަރުމަނު ވަނީ މެކްސިކޯ އާއި ދެކުނު ކޮރެއާ އަތުން ބަލިވެފަ އެވެ. އޮޒިލް ނުކުޅެނީ ސްވިޑަން އަތުން ޖަރުމަނު މޮޅުވި މެޗުގަ އެވެ. ވޯލްޑް ކަޕްގައި ޖަރުމަނު މި ފަހަރު ކުޅުނު ފަހު މެޗުން ދެކުނު ކޮރެއާ އަތުން ބަލިވުމުން އެ މެޗަށް ފަހު ދަނޑުން ފައިބައިގެން ދަމުން އޮޒިލްއާ ބައެއް ސަޕޯޓަރުންނާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.