ސީއެސްސީގެ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
ސީއެސްސީގެ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

ރިޔާސީ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރޭޝަން ކުރުމުގެ މަސައްކަތް ސިވިލް ސާވަންޓުންނަށް މަޖުބޫރުކޮށްގެން ކުރަމުންދާ ކަމަށާއި އެހެންވެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

ސީއެސްސީގެ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
ސީއެސްސީގެ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކާ އެކު އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން ދޮށުގައި މުޒާހަރާކޮށްފަ އެވެ. ނަމަވެސް މުޒާހަރާ ފެށިތާ އިރުކޮޅެއް ފަހުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ބިސްބުރު ޕާކާ ހަމައަށް ފަހަތަށް ޖައްސައިފަ އެވެ.

ސީއެސްސީގެ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
ސީއެސްސީގެ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

އެ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރަން ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުން ދާ ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުން ލައްވާ އެ މަސައްކަތް ކުރުވަނީ ޝަމީމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ.

"މުވައްޒަފުންނަށް ވަކި ފޮއްޓަކަށް ވޯޓުލާން މަޖުބޫރެއް ނުކުރެވޭނެ. އެކަމުގެ ޒިންމާ ޝަމީމް ނަންގަވަން ޖެހޭނެ. އެ މައްސަލަ އަޅުގަނޑުމެން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނަން،" ނިޔާޒު ވިދާޅުވި އެވެ.

އޭސީސީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތަކަށް ވެސް ޝަމީމްގެ މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

ސިވިލް ސާވެންޓުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ވެސް، އެ ތަންތަނުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރަޖިސްޓްރީ ކުރަމުންދާ ކަމަށާއި އެ ކުންފުނިތަކުގެ ވެރިންގެ ލިސްޓެއް، އިދިކޮޅު ޕާޓީތަކުގައި އެބަ އޮތް ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެހެންވެ އެ ބޭފުޅުންގެ މައްސަލަތައް ވެސް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ބުންޏެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަމަށްޓަކައި ރަޖިސްޓްރީ ކުރަން އިލެކްޝަންސް އިން މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ. އެއާއެކު، މިނިސްޓްރީއަކަށް ނުވަތަ އެ ކުންފުންޏަކަށް ކަނޑައަޅާފައިވާ އަދަދަށް، ވޯޓުލާން މީހުން ރަޖިސްޓްރީ ކުރުމަށް އެ ތަންތަނުގެ މުވައްޒަފުންނަށް ވަނީ އަންގައިފަަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ފަރާތުން ވާހަކަދެއްކެވި އާމިނަތު ނާދިރާ ވެސް ވިދާޅުވީ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ވޯޓުލުމުގެ ކަންތައްތައް ކުރަމުން ދާއިރު ސީއެސްސީ އިން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

"މިކަމުގައި ދިވެހި ރައްޔިތުން ވަރަށް ސާބިތުކަމާއެކު ތިއްބަވަން ޖެހޭތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ދިވެހި ރައްޔިތުންގެ ވޯޓު ލުމުގެ ހައްގު ނިގުޅައިގަންނަމުން މި ދަނީ،" ނާދިރާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވޯތު ލުމުގެ ހައްގު ލިބިފައިވާއިރު، ވަކި ފޮއްޓަކަށް ނުވަތަ ވަކި މީހަކަށް ވޯޓުލާން މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފެންނަމުންދަނީ، ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ މަންޒަރު ކަން އޭނާ ފާހަގަކުރެެއްވި އެވެ.

"އެ ފަރުދަކަށް ލިބިގެންވާ ހައްގެއް، އޭނާ މާލޭގައި ހުންނަންޏާ މާލޭގައި އެ ދުވަހު ވޯޓު ލާނީ ކޮންތަނަކަށް ކަމެއް ނިންމުން. އެނގިވަޑައިގެން ނެތް ނަމަވެސް ތި ކުރެއްވެނީ ވަރަށް ބޮޑު ކުށެކޭ. ފަރުދީގޮތުން ލިބިގެންވާ ހައްގެއް. ނުފޫޒު ބޭނުންކޮށްގެން ވަކި ތަނެއްގައި ވޯޓު ލުމަށް އެންގުމަކީ ވަރަށް ބޮޑު ގޯހެއް. އެހެންވެ އެކަހަލަ ގޯސް ހެއްދެވުން ސިވިލް ސާވިސްގެ ވެރިން ވެސް އަދި ކުންފުނިތަކުގެ ވެރިން ވެސް ހުއްޓާލަން ޖެހޭ،" ހުސެއިން ވިދާޅުވި އެވެ.