ކުޅެން ލިބޭ ރޯލްގެ ދިގުމިން މުހިއްމެއް ނޫން، މުހިއްމީ ލިބޭ ކެރެކްޓާ: ވިކީ ކޯޝަލް
ކުޅެން ލިބޭ ރޯލްގެ ދިގުމިން މުހިއްމެއް ނޫން، މުހިއްމީ ލިބޭ ކެރެކްޓާ: ވިކީ ކޯޝަލް

ފިލްމަކަށް އެއްބަސްވާ އިރު، ކުޅެން ލިބޭ ރޯލްގެ ދިގުމިނަށް ނުބަލާ ކަމަށާއި ކިތަންމެ ކުރު ނަމަވެސް ލިބޭ ރޯލަކީ ވަރުގަދަ ކެރެކްޓާއެއް ނަމަ އެ ފިލްމަކަށް އެއްބަސްވާނެ ކަމަށް، ވިދަމުން އަންނަ އުންމީދީ އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.

އުމުރުން މިހާރު 30 އަހަރުގެ އެކްޓަރުގެ އާންމުންގެ މެދުގައި ފާހަގަކުރެވެން ފެށީ 2015 ގައި ރިލީޒް ކުރި "މަސާން" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ފިލްމްތަކެއްގައި މަސައްކަތްކޮށްފަ އެވެ،

ވަކިން ހާއްސަކޮށް މި އަހަރަކީ ވިކީ އަށް ވަރަށް ވެސް ކާމިޔާބު އަހަރެކެވެ. އޭނާގެ ދެ ފިލްމެއް މި އަހަރު 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ވެސް ވަނީ ހޯދައިފަ އެވެ. އެއީ އާލިއާ ބަޓާ އެކު ކުޅުނު "ރާޒީ" އާއި ރަންބީރު ކަޕޫރާ އެކު ކުޅުނު "ސަންޖޫ" އެވެ.

އެ ފިލްމްގައި ވިކީ ކުޅުނީ ސަންޖޭގެ ރޯލް ކުޅުނު ރަންބީރުގެ އެކުވެރިޔާ ކަމްލީގެ ރޯލެވެ. "ސަންޖޫ" އަށް ތައުރީފު ކުރި ވަރަށް ގިނަ ކްރިޓިކުން ވަނީ ރަންބީރަށް ދޫނުކުރާ ވަރުގެ އެކްޓިންއެއް ވިކީ ދައްކާފައިވާ ކަމަށް ބުނެ އޭނާ އަށް ހަބޭހަށް ތައުރީފު ވެސް އޮއްސާލައިފަ އެވެ.

މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ރަންބީރަކީ "ސަންޖޫ" ގެ ރޫހު ކަމަށްވާ ނަމަ، ވިކީއަކީ އެ ފިލްމްގެ ފުރާނަ އެވެ.

މި އަހަރު ދެން ރިލީޒްވި ވިކީގެ އަނެއް މަސައްކަތަކީ ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" އެވެ. އެ ފިލްމްގައި ވިކީ ކުޅުނީ ކަރަން ޖޯހަރު ޑައިރެކްޓް ކުރި ސެގްމަންޓެވެ.

އޭނާ ބުނި ގޮތުގައި ރާޖްކުމާރް ހިރާނީ އާއި ކަރަން ފަދަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ނަސީބު ގަދަ އެކްޓަރަކަށް ނޫނީ ނުލިބޭނެ ކަހަލަ ފުރުސަތުތަކެކެވެ.

"އަހަރެން އަދިވެސް ގަބޫލު ކުރާ ގޮތުގައި ފިލްމެއްގެ އަސްލު ހީރޯއަކީ އޭގެ ސްކްރިޕްޓް. އެހެންވެ އެއް އިރެއްގައި ވެސް ނުބަލަން ލިބޭ ކެރެކްޓާއަކީ ސްކްރީން ޓައިމް ބޮޑު ކެރެކްޓާއެއްތޯ. ކިތަންމެ ކުރަސް، ވާހަކައިގެ މުހިއްމު އަދި ވަރުގަދަ ކެރެކްޓާއެއް ނަމަ އަހަންނަށް ފުދޭނެ،" ނެޓްފްލިކްސް އިން މި އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ލަވް ޕާ ސްކެއާ ފުޓް" ވެސް ކުޅުނު އެކްޓަރު ބުންޏެވެ. "އަދި ބޮލީވުޑްގައި ތިބި އެންމެ ނަން ހިނގާ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބެމުން ދިއުމަކީ ބޮޑު ނަސީބެއް."

ވިކީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސެޕްޓެމްބަރު 21 ގައި ރިލީޒް ކުރާ އަނޫރާގް ކެޝަޕްގެ "މަންމަރްޒިޔާ" އިންނެވެ. އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި އަބީޝެކް ބައްޗަން އާއި ތާޕްސީ ޕައްނޫ ވެސް ހިމެނެ އެވެ.

ވިކީ މިހާރު އަންނަނީ "ޔޫރީ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. މިއީ އިންޑިއާގެ ޖައްމޫ/ކަޝްމީރުގެ އަވަށެއް ކަމަށްވާ ޔޫރީ އަށް 2016 ގައި ދިން ޓެރަރިސްޓް ހަމަލާގައި އިންޑިއާގެ 19 ސިފައިން މަރައިލި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.