25 މެއި 2016 - 16:39

އަމިއްލަ ބަޔަކު އައްޑޫގައި ސޯލާ ޕެނެލް ހަރު ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހިދުމަތް ދެނީ ހުޅުދޫގެ ޒުވާނުންތަކަކާއި ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލިންކް ސާވް ގުޅިގެންނެވެ. އައްޑޫގެ ކޮންމެ ރަށަކުން ހިދުމަތް ބޭނުންވެގެން އެދުނަސް ހިދުމަތް މިހާރު ފޯރުކޮށް ދޭނެ އެވެ.

ސޯލާ ޕެނަލް ހަރު ކޮށްދޭ ޓީމުގެ އޮފިޝަލަކު މިއަދު ބުނީ މިހާރު ވެސް ހުޅުދޫގެ ގެއެއްގައި 1.5 ކިލޯވޮޓްގެ ކަރަންޓް އުފައްދަން އަށް ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަަމަށެވެ. އެ އަށް ޕެނަލް ހަރު ކުރަން ހަރަދު ކުރަން ޖެހެނީ ގާތްގަނޑަކަށް 45،000-50،000ރ. އާ ދެމެދުގެ އަދަދެކެވެ.
"ހުޅުދޫގެ އިތުރު ގެއެއްގައި ވެސް ޕެނަލް ޖަހަން ތައްޔާރީތައްވަމުން މި އަންނަނީ،" އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ ސޯލާ ޕެނަލް ހަރު ކޮށްދެނީ، އެކަމަށް ބޭނުންވާ އަދަދަށް ފައިސާ ދެއްކުމުން ކަމަށެވެ.
"ލިންކް ސާވް މެދުވެރިކޮށް ޕެނަލްތައް އައްޑު އަށް ގެނައުމާއި އޭގެ އިންސްޓަލޭޝަނާއި އޮޕަރޭޝަނަލް ބައި އަޅުގަަނޑުމެންގެ ސްޓާފުން ކުރި އަށް ގެންދާނީ." އޭނާ ބުންޏެވެ. "މިއީ އިއާދަ ކުރަނިވި ހަކަތަ އަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު މިކަން ކުރަން މަގު ފަހި ކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ފެށި ހިދުމަތެއް. އަޅުގަނޑުމެންނަށް ގުޅާލީމަ ކުރި އަށް ގެންދެވޭނެ."
އޮފިޝަލް ބުނީ ހަރު ކުރާ ޕެނަލްތައް ހުންނާނީ ފެނަކަ އިން އެ ރަށެއްގައި އަޅާފައިވާ ކަރަންޓު ވިއުގައާ ގުޅިފައި ކަމަށެވެ. އެހެންވެ ކަރަންޓް ބެލެންސް ކުރެވިގެން ދާނެ އެވެ.
"އޭގެ މާނައަކީ ގެއެއްގައި ހަރު ކުރާ ޕެނަލްތަކުން އެގެއަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކަރަންޓް އުފައްދާ ނަމަ، ފެނަކަ އަށް އެ ކަރަންޓް އެހެން ފަރާތަކަށް ވެސް ފޯރުކޮށް ދެވިދާނޭ،" އޭނާ ބުންޏެވެ. "ވަރަށް ބޮޑަށް ކަރަންޓް ބެލެންސް ކުރެވޭ ގޮތަށް މިކަން މި ކުރަނީ."
މީގެ ކުރިން ވެސް އައްޑޫގެ ބައެއް މީހުން ގޭގެ ފުރާޅުގައި ސޯލާ ޕެނަލް އަމިއްލަ އަށް ހަރުކޮށް، ކަރަންޓް އުފައްދަ އެވެ. އައްޑޫ ހައި ސްކޫލަކީ ވެސް ސޯލާ އިން ކަރަންޓް އުފައްދާ ތަނެކެވެ.
އައްޑޫގައި ދުވާލު ބޭނުން ކުރާ ކަރަންޓްގެ 30 ޕަސަންޓް އިއާދަ ކުރަނިވި ހަކަތަ އަށް ބަދަލު ކުރަން ސަރުކާރުން މިހާރު އަންނަނީ މަޝްރޫއެއް ވެސް ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން ސޯލާ ޕެނަލް ހަރުކޮށްގެން 1.7 މެގަވޮޓްގެ ކަރަންޓް އުފައްދާ ގޮތަށް ވަނީ ނިންމައިފަ އެވެ.