ނަވާޒް ޝަރީފުގެ ކިޑްނީ ފެއިލްވުމުގެ ބިރު ބޮޑު، ހޮސްޕިޓަލަށް ބަދަލު ކުރަން އެދިއްޖެ
ނަވާޒް ޝަރީފުގެ ކިޑްނީ ފެއިލްވުމުގެ ބިރު ބޮޑު، ހޮސްޕިޓަލަށް ބަދަލު ކުރަން އެދިއްޖެ

އިސްލާމްއާބާދު (ޖުލައި 23) - ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައި މިހާރު ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ކިޑްނީ ފެއިލްވުމުގެ ބިރު ބޮޑު ކަމަށާއި އެ މަނިކުފާން ހޮސްޕިޓަލަށް ބަދަލުކޮށް ދިނުމަށް އެދިއްޖެ އެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ނަވާޒް ޝަރީފުގެ ލޭގެ ޔޫރިއާ ނައިޓްރޯޖަން ނުރައްކާ ލެވެލް އަށް މައްޗަށް ޖެހިފައިވާ ކަމަށާއި ހިތުގެ ހިނގުމަށް ވެސް ބަދަލު އަންނަ ކަމަށާ އަދި ގަދަޔަށް ދާހިއްލައި ހަށިގަނޑުން ފެންމަދުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ނަވާޒް ޝަރީފަށް ފަރުވާ ދޭނެ ޚިދުމަތްތައް ޖަލުގައި ގާއިމްވެފައެއް ނެތެވެ. އެހެންވެ ނަވާޒް ޝަރީފް ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް ބަދަލުކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

ޕާކިސްތާނުގެ މެޑިކަލް ބޯޑުން ނަވާޒް ޝަރީފުގެ ހާލަތު އިއްޔެ ބަލާފައިވާ ކަމަށްވެ އެވެ.

ޕާކިސްތާނުގެ ވަގުތީ ސަރުކާރުން ބުނީ ނަވާޒް ޝަރީފުގެ ސިއްހީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ޓެސްޓްތައް ނޯމަލް ކަމަށެވެ.

ކޮރަޕްޝަނުގެ ކުށުގައި ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ޖަލަށްލާން ހުކުމްކުރީ މި މަހު 6 ވަނަ ދުވަހު އެވެ. ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ހުކުމްކުރި އިރު ވަނީ އަށް މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ. އަދި މަރިޔަމް ވަނީ އަށް އަހަރަށް ޖަލަށްލާން ހުކުމްކޮށް ދެ މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ.

ލަންޑަނުގައި އުޅުއްވުމަށް ފަހު މި މަހު 13 ވަނަ ދުވަހު ގައުމަށް ވަޑައިގެންނެވުމާ އެކު ނަވާޒް ޝަރީފާއި މަރިޔަމް ވަނީ އެއާޕޯޓުން ޖަލަށް ގެންގޮސްފަ އެވެ.