އިބޫ ރާއްޖެ ވަޑައިގެންފި
އިބޫ ރާއްޖެ ވަޑައިގެންފި

މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަމިއްލަ ދަތުރެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ މިދިޔަ ހަފުތާގައި އިނގިރޭސި ވިލާތަށް ވަޑައިގަތީ ދަރިފުޅުގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. އެކަމަކު އެ ދަތުރުފުޅުގައި، އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ތިއްބެވި ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުންނާ އިބޫ ބައްދަލު ކުރެއްވި އެވެ. މިއީ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސި ފަހުން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާ އިބޫ ބޭރަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

އެ ދަތުަށް ފަހު، އިބޫ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނެވެ. އޭނާ ރާއްޖެ ވަޑައިގަތުމާ އެކު، ކެމްޕެއިން ދަތުރުތައް އަލުން ފަށާނެ ކަމަށް އެމްޑީޕީން ކުރިން އޮތީ ބުނެފަ އެވެ.

ކެމްޕެއިންގައި، އިބޫ ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ ބައެއް ގޭގެ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. އޭގެ ފަހުން، ކެމްޕެއިންގައި އަތޮޅު ތެރޭގެ ފުރަތަމަ ރަށެއްގެ ގޮތުން އޭނާ ވަޑައިގަތީ އައްޑު އަށެވެ. އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމާ އެކު އައްޑޫގައި ކެމްޕެއިން ހަރަކާތްތައް ހިންގެވުމަށް ފަހު، ފުވައްމުލަކަށް ވެސް އިބޫ އާއި ފައިސަލް ވަޑައިގަތެވެ.