24 ޖުލައި 2018 - 06:29

ސަލްމާން ހާންގެ ފިލްމްތަކުގެ ފްރެންޗައިޒްތަކުގެ ތެރެއަށް އަނެއްކާ ވެސް އެހެން ފިލްމެއް އިތުރު ވަނީ އެވެ. "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" އާއި "ދަބަންގް" ގެ އިތުރުން މި ފަހަރު ލިސްޓަށް އިތުރުވާ ފިލްމަކީ "ރެޑީ" އެވެ.
ޓީ ސީރީޒްގެ ބުޝަން ކުމާރް 2011 ވަނަ އަހަރު ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެޓްކުރި ރޮމޭންޓިކް ކޮމެޑީ "ރެޑީ" ގެ ދެވަނަ ބައެއް ހަދާކަން ބުޝަން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނި ގޮތުގައި ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީއާ ގުޅިގެން ޕްރޮޑިއުސް ކުރާ "ބާރަތު" އަށް ފަހު، ސަލްމާނާ އެކު ޓީ ސީރީޒުން ދެން ހަދާ ފިލްމަކީ "ރެޑީ 2" އަށް ވެދާނެ އެވެ.
ބުޝަން މުމްބާއީ މިރާ އަށް ބުނި ގޮތުގައި އަނީސް މިހާރު އަންނަނީ އޭގެ ސްކްރިިޕްޓްގެ މަސައްކަތް ކުރަމުންނެވެ.
"ރެޑީ 2" އާ ބެހޭ ގޮތުން މިދިޔަ އަހަރު "މުބާރަކަން" ގެނެސް ދިން އަނީސް ބުނީ ބުޝަން ހުރީ ފިލްމްގެ ދެވަނަ ބައެއް ހަދަން ފޫގަޅައިގެން ކަމަށެވެ. އެހެންވެ އެކަމާ ބެހޭ ގޮތުން ކުރިން ވާހަކަ ދެކެވި، ފަހު ނިންމުމަކާ ހަމައަށް އާދެވުމުން ހިތްހަމަޖެހިފައި ހުރި ކަމަށް އަނީސް ބުންޏެވެ.
"އެކަމަކު އަދި ސީދާ ސަލްމާނާ ފިިލްމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަން. ސްކްރިޕްޓް އެއްކޮށް ފައިނަލްވީމަ ސަލްމާން ކައިރި އަށް ގޮސް އޭނާގެ ތާރީހު ހޯދަން މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ. "ސަލްމާނަށް ވަގުތު ދެވެން އޮތް އިރަކުން ފިލްމްގެ މަސައްކަތް ފަށާނީ."
ސަލްމާނާއި އަނީސް ވަނީ 2005 ގެ "ނޯ އެންޓްރީ" ގައި ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމްގެ ވެސް ދެވަނަ ބައެއް ހަދަން ކިޔާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ދާދި ފަހުން ސަލްމާން ބުނި ގޮތުގައި "ނޯ އެންޓްރީ" ގެ ސީކްއެލްއަކުން އޭނާ ނުފެންނާނެ އެވެ.
ސަލްމާނާއި އާސިން ލީޑް ރޯލް ކުޅުނު "ރެޑީ" އަކީ ބޮކްސް އޮފީހުގައި 28 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. އެ ފިލްމް ހަދަން ހަރަދު ކުރީ އެންމެ 6.0 މިލިއަން ޑޮލަރެވެ.
"ރެޑީ" އަކީ 2008 ގައި ހަމަ އެ ނަމުގައި ރިލީޒް ކުރި ތެލެގޫ ފިލްމެއްގެ ރިމެކިންއެކެވެ.