23 ޖުލައި 2018 - 13:17

ދިހަ މީހުންނާ އެކު ލ. އަތޮޅުގައި މިއަދު ދަތުރުކުރަމުން ދިޔަ ޑިންގީއެއް، މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ބަންޑުން ޖަހާލާފައި ވަނިކޮށް ސިފައިން އެ މީހުން ސަލާމަތް ކޮށްފި އެވެ.
ޑިންގީ ބަންޑުން ޖަހާލީ ލ. ގަސްގަނޑު ފިނޮޅާއި ބޮޑުފިލޮޅާ ދޭތެރޭ ދަތުރުކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:52 ގަ އެވެ. ޑިންގީ ބަންޑުން ޖަހައިލި އިރު އޭގައި ތިބީ ދިވެހި ނުވަ ފިރިހެނުންނާއި ބިދޭސީ އަންހެނެކެވެ.
އާންމުންގެ އެހީއާ އެކު، އެހެން ޑިނގީއެއް އެ ސަރަހައްދަށް ގެންގޮސް، ސިފައިން ވަނީ ބަންޑުން ޖަހައިިލި ޑިންގީގައި ތިބި އެންމެން ލ. މަހަކަންފުށި ކިޔާ ފަޅު ރަށަކަށް ގެންގޮސްފަ އެވެ. އަދި މިހާރު އެމީހުން ވަނީ ލ. ގަމަށް ގެންގޮސްފައި ކަމަށް ސިފައިން ބުންޏެވެ.
އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން މިހާރު ދަނީ އެ ޑިންގީ އެ ސަރަހައްދުން ނަގައި ލ. ބަރެސްދު އަށް ގެންދިއުމުގައި ހަރަކާތްތެރި ވަމުންނެވެ.