24 ޖުލައި 2018 - 06:29

މިހާރު ސިނަމާގައި ދައްކަމުން އަންނަ، ޖާންވީ ކަޕޫރާއި އިޝާން ކައްތަރުގެ ފިލްމް "ދަޅަކް" ބެލުންތެރިންގެ ހިތްތައް ފަތަހަކުރަމުން އަންނަ އިރު، ވަރަށް ގިނަ ކްރިޓިކުންނާއި ފިލްމް ބެލި އޯޑިއަންސް މި ފިލްމަށް ތައުރީފުކޮށްފައިވެ އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓް ކުރި "ދަޅަކް" އަކީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" ގެ ޕްލޮޓަށް ހެދި ފިލްމެއް ނަމަވެސް، ދެ ފިލްމް ގެނެސް ދީފައިވާ ގޮތް ވަރަށް ތަފާތު ކަމަށް ގިނަ ކްރިޓިކުން ބުނެފައިވެ އެވެ.

އެއް ބަޔަކު ބުނި ގޮތުގައި "ސައިރާތު" އާއި "ދަޅަކް" އަކީ މުޅިން ތަފާތު ދެ ފިލްމެކެވެ. އަނެއްކޮޅުން މީގެ ލީޑް ތަރިން ދައްކުވައި ދީފައިވާ އެކްޓިން ވަރަށް މޮޅު ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
"ދަޅަކް" ގެ ބަތަލާ ޖާންވީއަކީ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅެވެ. އިޝާންއަކީ ޝާހިދު ކަޕޫރްގެ އެއްބަނޑު ކޮއްކޮ އެވެ.
މިހާރު ޝޫޓިން ފަށާފައިވާ ސަލްމާން ހާންގެ ފިލްމް "ބާރަތު" ގެ ރޯލަކަށް ޖެކީ ޝްރޮފް ވެސް ސޮއިކޮށްފި އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގައި ޖެކީގެ ރޯލް އެހާ ބޮޑު ނޫން ނަމަވެސް އޭނާ ފެނިގެން ދާނީ ސަލްމާންގެ ބައްޕަގެ ރޯލުންނެވެ.
އަށްޑިހައިގެ އަހަރުތަކުގައި ވިދާލި ޖެކީ، 61، އަކީ މީގެ ކުރިން ވެސް ބައެއް ފިލްމްތަކުގައި ބައެއްގެ ރޯލް ކުޅެފައިވާ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ރިލީޒް ކުރި "ފޭމަސް" އިންނެވެ. ޖެކީގެ ވަރަށް ގިނަ ފިލްމްތަކެއް ކުރިއަށް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ނޮވެމްބަރު 23 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ" އެވެ. އެ ފިލްމަކީ ޖެކީގެ ދަރިފުޅު ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެން ދާނެ ފިލްމެކެވެ.
"ބާރަތު" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ، ތައްބޫ، ޑިޝާ ޕަޓްނީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ. މި ފިލްމް ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމް "ޓައިމް ޓް ޑާންސް" ގެ ޝޫޓިން ލަންޑަނުގައި މިހާރު ކުރިއަށްދާ އިރު، ފިލްމްގައި 8 ލަވަ ހިމެނޭނެ އެވެ.
މި ފިލްމްގައި ނެށުންތަކަށް ބިނާކޮށް ހަދާ ފިލްމަކަށްވާތީ ތަފާތު ވަރަށް ވައްތަރުގެ ނެށުންތައް ވެސް ފިލްމުން ފެނިގެންދާނެ އެވެ. މީގެ ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޓައިމް ޓް ޑާންސް" ގައި އީޒަބެލްގެ ދައްތަ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާންގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި ހިނެނޭ "އޮ އޯ ޖާނެ ޖާނާ" ގެ އާ ވާޝަނެއް ވެސް ހިމެނޭ އެވެ.
މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ރެމޯ ޑި ސޫޒާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސްޓޭންލީ ޑި ސޫޒާ ޑައިރެކްޓް ކުރާ "ޓައިމް ޓް ޑާންސް" ބަތަލަކީ ސޫރަޖް ޕަންޗޯލީ އެވެ. އަދި ފިިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސާގިބް ސަލީމާއި ޝާހްރުކް ހާނާ އެކު "ފޭން" އިން ފެނިގެން ދިޔަ ވަލުސްޗާ ޑި ސޫޒާ ހިމެނެ އެވެ.
ކަރަން ޖޯހަރްގެ ހަ ވަނަ ޑައިރެކްޝަނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަވެފައި ތަފާތެވެ، ކުރިން އަޑުތައް އަރާފައިވާ ގޮތުން އެ ފިލްމްގެ ލީޑް ރޯލް ކުޅޭނީ ޝާހްރުކާއި ކާޖޮލް އެވެ. ރިޕޯޓްތައް މިހާރު ބުނަނީ ފިލްމްގެ ވާހަކައަކީ ދެ އެކްޓަރުން ފެނިގެންދާ ކަހަލަ ފިލްމެއް ކަމަށެވެ.
އެހެންވެ އެއް ފިލްމްގެ އެއް ލީޑް ރަންވީރް ސިންގް އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ރަންވީރް މިހާރު ވެސް އަންނަނީ ކަރަން ޕްރޮޑިއުސް ކުރާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ "ސިމްބާ" އެވެ.
ކަރަން ދާދި ފަހުން ބުނި ގޮތުގައި އޭނާގެ އާ ފިލްމްގެ ސްކްރިޕްޓް މިހާރު އޮތީ ނިމިފަ އެވެ. އެހެންވެ ފިލްމް ދެން ލަސްނުކޮށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
އޭނާ އެންމެ ފަހުން ގެނެސް ދިނީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި އައިޝްވާރިޔާ ރާއީ މުހިއްމު ރޯލްތައް ކުޅުނު އޭ ދިލް ހޭ މުޝްކިލް (2016) އެވެ.