23 ޖުލައި 2018 - 12:58

އިލެކްޝަންސް ކޮމިޝަން (އީސީ) ން ހުސްވެފައިވާ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އަލީ ނަޝާތު އައްޔަން ކުރައްވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައި، އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައި ވަނީ އީސީގެ މެމްބަރު ކަމަށް އއ. ފެރިދޫ ހާލި، ނަޝާތު އައްޔަން ކުރަން ނިންމަވާފައިވާތީ އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށެވެ. އެހެންވެ، އެ މައްސަލަ ރިޔާސަތުން ވަނީ އިތުރަށް ދިރާސާ ކުރަން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ. ނަޝާތުގެ ނަމާ އެކު، އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވި އެވެ.
އީސީ އަށް އާ މެމްބަރަކު އައްޔަން ކުރަން ނިންމީ، އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ޝަކީލް މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ އެކު ޝަކީލް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވައިފަ އެވެ.
އީސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން ވެސް މިދިޔަ ޖެނުއަރީ މަަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވުމާ އެކު، އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސަވާފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ސުލައިމާން މިހާރު ހުންނެވީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްގެ މަގާމުގަ އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް، އީސީ އަށް ބަދަލުތަކެއް މި ގެންނަނީ އެ ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އީސީ ހިންގަމުން ދަނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހެއްގެ ގޮތުގަ އެވެ. އެ ހާލަތުގައި މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިޚާބު ނުބޭއްވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް އީސީން ބުނެފައި ވަނީ މި އަހަރު ބާއްވާނީ އެންމެ އިންސާފުވެރި އިންތިޚާބު ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުން ދަނީ، އެ ކޮމިޝަންގައި މިހާރު ތިއްބެވި ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައި، މިނިވަންކަމާއެކު މަސައްކަތް ކުރެއްވޭނެ ބޭފުޅުން ކޮމިޝަނަށް އައްޔަން ކުރުމަށެވެ.