23 ޖުލައި 2018 - 12:18

ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާން މިއަދު އިލްތިމާސްކޮށްފި އެވެ.
މެޓުން ބުނީ ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އެހެންވެ، އެ އިދާރާއިން ވަނީ، ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ވަނީ ނެރެފަ އެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެއެވެ.
އެ އިދާރާ އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.