25 ޖުލައި 2018 - 07:24

މުހިއްމު ލިޔެކިޔުންތަކާއި ބޭންކު ޗެކްފޮތާއި ފައިސާ ރަސީދު ފަދަ ތަކެއްޗަކީ ތިމާއާ ގުޅުންހުރި މުހިއްމު މައުލޫމާތުތަކެއް ހުންނަ ކަރުދާސްތަކެކެވެ. ވިސްނާނުލައި މިތަކެތި ކުނިވަށިގަނޑަށް އަޅާލައިފި ނަމަ ޓެކްނޮލޮޖީގެ މިޒަމާނުގައި ފަންނުވެރި ވަގުންގެ ފަރާތުން ހީވެސް ނުކުރާ ކަހަލަ ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
މުހިއްމު މައުލޫމާތު ހާމަކޮށްދޭ ލިޔުންތައް ނައްތާލުމުގައި ބައެއް މީހުން ކުދިކުދިކޮށް ކޮށާ ޝްރެޑަ ފަދަ މެޝިން ވެސް ބޭނުންކުރެއެވެ. އެކަމަކު މިއީ ތިމާވެއްޓާ ރަހުމަތްތެރި ގޮތެއް ނޫނެވެ. އެއަށް ހިނގާ ކަރަންޓު އެއްކިބައިގާ އޮއްވާ، ކުދިކުރާ ކަރުދާސް ނިމިގެންދަނީ ކުނީގެ ތެރޭގައެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ޝްރެޑާ ބޭނުމެއް ނުކުރެއެވެ. އެއީ އެފަދަ ކަރުދާސް އަލުން ރިސައިކަލްކުރެވޭނެ ގޮތެއް ނޯންނާތީއެވެ.
މުހިއްމު ލިޔެކިޔުންތައް އުކާލަން ބޭނުން ނަމަ ލިޔުންތަކުގެ މަތީގައި ކުރެހުން އަޅާ ކުރަހާ ހަދާލުން ރަނގަޅެވެ. އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކޮށްދޭނެ އާލާތަކީ "ގާޑް ޔޯ އައިޑީ ސްޓޭމްޕް"އެވެ. މިއީ ތައްގަނޑު ޖަހައިދޭ ސްޓޭމްޕެކެވެ. ނަމްބަރުތަކާއި ނަންތަކުގެ މަތީގައި މި ސްޓޭމްޕް ދުއްވާލުމުން ހައެއްކަ ފަށަލައަށް ހުންނާނެހެން އަކުރުތަކެއް އަޅައިދެއެވެ. މި ތައްގަނޑުގެ ފުޅާމިނުގައި ހުންނަނީ 1 އިންޗި އެވެ. މީގެ ތައްގަނޑުގައި އަޅުވާ ކޮންމެ ރޯލެއްގައި 160 ފޫޓު ހުރެއެވެ. ޖަޕާންގައި 2007 ވަނަ އަހަރު އުފެއްދި މި އުފެއްދުން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކާމިޔާބުކަމާއެކު ބޭނުންކުރަމުންނެވެ.
އެމެޒޯން އިން މީގެ ތައްގަނޑު 16.99 ޑޮލަރަށް ވިއްކަ އެވެ.