24 ޖުލައި 2018 - 06:27

އަތުގައި އޮންނަ ސްމާޓްފޯނަކުން މުޅި މީހާ ސްމާޓްވާ ކަމަކަށްނުވެއެވެ. އަތުކުރީގައި ސްމާޓްގަޑިއެއް އަޅާލެވިއްޖެ ނަމަ އިތުރަށް ފުރިހަމަވާނެއެވެ. އެކަމަކު ބާޒާރުގައި އާންމުކޮށް ލިބެން ހުންނަ ސްމާޓްގަޑިތަކަކީ އަގުގެ ގޮތުން ބަލާއިރު، އާދައިގެ މީހަކަށް ގަނެވޭ ވަރުގެ އެއްޗަކަށްނުވެއެވެ. ސްމާޓްފޯނަކުން ހުރިހާ ކަމެއް ފުރިހަމަވާތީ ސްމާޓްގަޑިއަކާ ނުލައިވެސް އުޅެވިދާނެއެވެ. އެކަމަކު ހަގީގަތަކީ "ސްމާޓް" ދުނިޔޭގައި ފައި ހަމަކޮށްލަން ސްމާޓްގަޑިއެއްވެސް އަޅާހިތްވާކަމެވެ.
ޝޯމީ އަކީ އަތްފޯރާ އަގުގައި ސްމާޓް މުދާ ވިއްކާތީ މިހާރު މަގުބޫލުވަމުން އަންނަ ކުންފުންޏެކެވެ. ޗައިނާގެ ޝޯމީން އެންމެ ފަހުން ޗައިނާގެ ބާޒާރަށް ނެރުނު ސްމާޓް ގަޑިއަކީ ބަލާބެލުމަށް އާދައިގެ ދެ ކަށި ލީ ގަޑިއެކެވެ. ކޯޓްޒް ފެންވަރުގެ މި ގަޑީގެ މޫނުމަތީގެ އަރިމައްޗަކުން ސްމާޓްކަން ދޭހަކޮށްދޭ ފީޗާތައް ފެންނަންހުރެއެވެ.
ދުނިޔޭގެ ފެންވަރުގައި ނަން ހިނގާ ގަޑިތަކުގެ ތެރޭގައި ހިމެނޭ ނޮކިޔާ ސްޓީލް އާއި ގާމިން ވީވޯމޫވް އާއި މިސްފިޓް ކޮމާންޑްއާ ވާދަކުރަން ޝޯމީން ބާޒާރަށް ނެރުނީ މީޖިއާއެވެ. ދާދިފަހުން އެކުންފުނިން ނެރުނު މީބޭންޑް އެކޭ އެއްގޮތަށް މީޖިއާ ވެސް ބޭނުންކުރެވޭނީ މީފިޓް އެޕްގެ އެހީގައެވެ.
ކެލޮރީ އަންދާލެވުނު މިންވަރަކާއި ފިޔަވަޅުގެ އަދަދާއި ދަތުރުކުރެވުނު ރާސްތާ އަންގައިދިނުމުގެ އިތުރުން ސްމާޓްފޯނަށް އަންނަ ކޯލްތައް ވައިބްރޭޝަނުން އަންގައިދެއެވެ. އަދި ސޯނާގަޑި އާއި ދުނިޔޭގެ އެކި ޓައިމްޒޯންތަކަށް ބަދަލުކުރެވެންހުރެއެވެ. މިހުރިހާ ކަމެއްވެސް ކުރެވޭނީ އެޕްގެ ތެރޭންނެވެ.
މީޖިއާގެ މޫނުމަތީގެ އޮނިގަނޑު ހަދާފައިވަނީ ދަބަރުނުޖަހާ ދަގަނޑުންނެވެ. މޫނުމަތި ފަރުމާކޮށްފައިވަނީ މިނެރަލް ބިއްލޫރިންނެވެ. ކަމަރު ތިން ކުލައަކުން ލިބެން އެބަހުއްޓެވެ. އެއީ ހުދު، ކަޅު އަދި އަޅިކުލައިންނެވެ. ފެނުގެ އަޑިއަށް 30 މީޓަރާ ހަމައަށް ދިޔަސް ފެންނޭޅޭނެ ކަމަށްވެއެވެ. ޗައިނާގައި މިވަގުތު މީގެ ގަޑި ވިއްކަނީ 52 އެމެރިކާ ޑޮލަރަށެވެ.