23 ޖުލައި 2018 - 09:42

ލަންޑަން (ޖުލައި 23) - ޖަރުމަން ސަޕޯޓަރުންނާއި މީޑިއާގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ މިޑްފީލްޑަރު މެސުތު އޮޒިލް އުމުރުން 29 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

"އަހަންނަށް ވަރަށް ހައްގުނޫން ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. މިހާ ބޮޑަށް ނަސްލީ ތަފާތު ކުރުންތައް އޮތުމާއި ޖަރުމަނު ފެޑެރޭޝަނުން އަހަންނާމެދު އިހުތިރާމް ކުޑަކޮށް ދެކޭތީ ދެން ޖަރުމަނު ޓީމަށް ކުޅެން ބޭނުމެއް ނޫން،" އޮޒިލް ޓްވިޓާގައި އާންމުކުރި ބަޔާނެއްގައިވެ އެވެ.
ވޯލްޑް ކަޕް ފެށުމުގެ އެއް މަސް ކުރިން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު އޮޒިލާއި ޖަރުމަނުގެ ކުޅުންތެރިއާ އިލްކާއި ގުންޑޮގާން ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ގުންޑޮގާން އާއި އޮޒިލް ޖަރުމަނު ގައުމީ ޓީމަށް ކުޅުނު ނަމަވެސް މި ދެ ކުޅުންތެރިންނަކީ ތުރުކީ އަށް އުފަން ދެ ކުޅުންތެރިންނެވެ. މި ބައްދަލުވުމުގައި އޮޒިލާއި ގުންޑޮގާން ވަނީ އެ ދެ ކުޅުންތެރިން ކުޅޭ ކްލަބްގެ ޖޯޒީއެއް އުރުދުގާނަށް ހަދިޔާކޮށްފަ އެވެ.
އެ ފޮޓޯއާ ގުޅިގެން ޖަރުމަނު މީޑިއާ އިން ވަނީ އުރުދުގާނުގެ ކެމްޕޭނުގައި އޮޒިލާއި ގުންޑޮގާން ބައިވެރިވީ ކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެއާ އެކު ޖަރުމަނުގެ ސިޔާސީ ފަރާްތްތަކުން ވެސް އޮޒިލަށް ފާޑުކިޔެވެ.
"އަހަރެން ނެގި ފޮޓޯއާ ގުޅިގެން ވަރަށް ބަޔެއްގެ ނަޒަރު އެކަމަށް ހުއްޓުނު. އަދި ވަރަށް ގިނަ ބަޔަކު ނިންމި އަހަންނަކީ މަކަރުހަދާ މީހެއް ކަމަށް. އަހަރެމެން ނެގި ފޮޓޯގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތް. ފަހަރެއްގައި އެ ފޮޓޯ ނެގި ވަގުތަކީ ސިޔާސީ ގޮތުން ވަކި ކަންތައްތަކެއް ކުރިއަށްދިޔަ ވަގުތަކަށް ވެދާނެ،" އޮޒިލް ބުންޏެވެ.
އޮޒިލް ބުނީ އުރުދުގާންއާ ފުރަތަމަ ބައްދަލުވީ 2010 ވަނަ އަހަރު އެއީ ޖަރުމަނާއި ތުރުކީ ކުޅުނު މެޗެއް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އާއި އުރުދުގާން އެކުގައި ބެއްލެވި ފަހުން ކަމަށެވެ.
"އެއީ ތުރުކީގެ އިންތިހާބާ ގުޅޭގޮތުން ނެގި ފޮޓޯއެއް ނޫން. އެއީ އަހަރެންގެ އާއިލާ ނިސްބަތްވާ ގައުމުގެ އެންމެ އިސްވެރިޔާ އަށް އަދާކުރި އިހުތިރާމްގެ ޒިޔާރަތެއް. އަހަންނަކީ ފުޓްބޯޅަ ކުޅުންތެރިއެއް. ސިޔާސީ އެކްޓިވިސްޓެއް ނޫން. އަހަރެމެންގެ ބައްދަލުވުމަކީ ސިޔާސީ ކަމެއްގެ އިޝްތިހާރެއް ނޫން،" އޮޒިލް ބުންޏެވެ.
ތުރުކީ އަކީ އޭނާގެ އާއިލާ ނިސްބަތްވާ ގައުމު ކަމަށާއި އެ މީހުންނާ ގުޅުން ބޭއްވުމަކީ އޭނާގެ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް އޮޒިލް ވަނީ ބުނެފަ އެވެ.
"ވަރަށް ގިނަ މީހުންނެކޭ އެއްގޮތަށް އަހަރެން މި އޮތީ ދެ ގައުމަކާ ގުޅިފައި. އަހަރެން އުޅެބޮޑުވީ ޖަރުމަނުގައި. އެކަމަކު އަހަރެންގެ އާއިލާ އަކީ ތުރުކީ ބައެއް. އަހަރެންގެ ދެ ހިތެއް އޮވޭ. އެއީ ޖަރުމަނާއި ތުރުކީ އަށް." އޮޒިލް ބުންޏެވެ.
ޖަރުމަނު ވޯލްޑް ކަޕުން ކެޓުމުން އޭގެ ޒިންމާ ވެސް އޮޒިލް ބޮލުގައި އެ ގައުމުގެ ގިނަ ބަޔަކު ވަނީ އަޅުވައިފަ އެވެ. އަދި ދާދި ފަހުން ޖަރުމަނު އެފްއޭގެ ޑިރެކްޓަރުގެ މަގާމުގައި ހުރި ކުރީގެ ކުޅުންތެރިޔާ އޮލިވިއޭ ބިއަހޯފް ވިދާޅުވީ އޮޒިލާއި ގުންޑޮގާންގެ ސަބަބުން ޓީމާ މެދު ގިނަ ބަޔަކު ނުރުހުންވުމުން އޭގެ ގޯސް އަސަރު ޓީމަށް ކުރި ކަމަށެވެ.
ވޯލްޑް ކަޕުގައި ޖަރުމަނު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި އޮޒިލް ވަނީ 90 މިނިޓް ކުޅެފަ އެވެ. އޮޒިލް ކުޅުނު ދެ މެޗުން ޖަރުމަނު ވަނީ މެކްސިކޯ އާއި ދެކުނު ކޮރެއާ އަތުން ބަލިވެފަ އެވެ. އޮޒިލް ނުކުޅެނީ ސްވިޑަން އަތުން ޖަރުމަނު މޮޅުވި މެޗުގަ އެވެ.
އޮޒިލް ބުނީ އޭނާގެ ފަރާތުން ފެނުނު ކުޅުމަށް މީޑިއާ އިންނާއި ތަޖުރިބާކާރަކު ފާޑުކިޔައިފިނަމަ އެކަން ގަބޫލުކުރާނެ ކަމަށާއި ވޯލްޑް ކަޕެއްގައި ޓީމެއްގެ ފަރާތުން ފެނުނު ދަށް ކުޅުމެއްގެ ހުރިހާ ޒިންމާއެއް އޭނާ ބޮލުގައި އެޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އަހަންނަށް ގަބޫލެއް ނުކުރެވޭނެ ވަކި ބަޔަކު ބޭނުން ގޮތަކަށް މުޅި ޖަރުމަނު ޓީމު ދަށްކޮށް ކުޅެފައި އޮތް ވޯލްޑް ކަޕެއްގައި އަހަރެންގެ ބޮލުގައި އެކަނި ޒިންމާ އެޅުވީމަ. މިއީ އަހަންނަށް ޒާތީ ގޮތުން އައި ކަމެއް. ބައެއް މީޑިއާތަކުން މަސައްކަތްކުރީ ގައުމެއްގެ އެންމެން އަހަންނާ ދެކޮޅަށް ނެރެން،" އޮޒިލް ބުންޏެވެ.
އޮޒިލަށް އަމާޒުވި ފާޑުކިޔުންތަކާ ހެދި އޭނާގެ ބައްޕަ މުސްތަފާ އޮޒިލް ވަނީ ދާދި ފަހުން މީޑިއާގައި އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައިފަ އެވެ. މުސްތަފާ އޮޒިލް ބުނީ އޭނާގެ ދަރިފުޅު އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.