22 ޖުލައި 2018 - 21:45

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކްރިމިނަލް ކޯޓުގައި މިއަދު ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ތަންތަނާއި އެ މަނިކުފާނުގެ ހަވާލުގައި ހުރި ތަންތަން ބަލައި ފާސްކޮށް ޖިނާއީ ތަހުގީގެއް ހިންގަން އެމްޑީޕީން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޓޫރިޒަމްގެ ގާނޫނާ ހިލާފަށް 10 ރަށެއް ދޫކުރި މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން އަދީބު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮލަރު ގުނީ ރައީސް ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެހީގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު ޖަމާކުރީ ރައީސްގެ އެކައުންޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާ އެންމެ އަރިސްކޮށް ކުރިން އުޅުއްވި އަދީބު ވިދާޅުވީ ގައުމު ހިންގަވަން ހަވާލުކުރުމާ އެކު ރައީސް ހަވާލުވެވަޑައިގަތީ "ޑޮލަރު ގުނުމުގެ" މަސައްކަތާ އެވެ. އޭރު ދޫވެހީގައި ފައިސާ ގުނަން ހާއްސަ ކޮޓަރިއެއް ހުންނަ ކަމަށް ވެސް އަދީބު މިއަދު ކޯޓުގައި ވިދާޅުވި އެވެ.
އަދީބުގެ އެ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރައީސް ދިރިއުޅުއްވާ ތަންތަނާއި އެ މަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް ސީރިއަސް ކަމާ އެކު އެ މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ވަގުތުން ހިންގަން އެމްޑީޕީން ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.
"..މިދެންނެވި ވާހަކަތައް ރައީސް އަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ހާމަކުރައްވާފައިވާތީ އާއި އަދި ރައީސް އަބްދުﷲ ޔާމިނުގެ އަމިއްލަފުޅު އިއުތިރާފު ލިބިފައިވާ ކަންކަން ހުރުމާއެކު، އެމްޑީޕީން މިއަދު ފުލުސް އޮފީހަށް ހުށަހެޅި މައްސަލައިގައި އެދިފައިވާ ގޮތަށް، ރައީސް އަބްދުﷲ ޔާމީން ދިރުއުޅުއްވާ ތަންތަނާއި، އެ މަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ސީރިއަސްކަމާ އެކު އެ މައްސަލައިގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ވަގުތުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގޮވާލަމެވެ،" ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.
އަދީބު އެ ގޮތަށް ތުހުމަތުކުރެއްވި އިރު ރައީސް ޔާމީން މީގެ ކުރިން އެތައް ފަހަރަކު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ އެ މަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ހިޔާނާތުގެ ކަންކަން އެނގިވަޑައިގަތީ ފަހުން ކަމަށާއި އެހެންކަމުން "އަޅުގަނޑުމެންގެ ގެ އަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވެސް، މިދިޔަ އަހަރުގެ އޮގަސްޓް 14 ގައި ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.