ކުރީގެ ނޫޓުތައް ބޭނުންކުރުން މިއަދުން ފެށިގެން ހުއްޓާލައިފި
ކުރީގެ ނޫޓުތައް ބޭނުންކުރުން މިއަދުން ފެށިގެން ހުއްޓާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަމުން ގެންދިޔަ ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާގެ ނޫޓު ފިޔަވައި އެހެން ނޫޓުތައް ބޭނުންކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

މަރުކަޒީ ބޭންކުން ބުނީ ކުރީގެ ނޫޓުތައް މިއަދުން ފެށިގެން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންނުކުރެވޭނެ ކަމަށެވެ. އެކަމަކު ބާ ނޫޓުތައް އެމްއެމްއޭ އިން ބަދަލުކުރަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ބޭންކުތަކުން ވެސް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނޫޓުތައް ބަލައިގަންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އާ ނޫޓުތައް ތައާރަފުކުރި އިރު އެމްއެމްއޭ އިން މުއްދަތު ދިނީ މޭ 31ގެ ނިޔަލަށެވެ. ޖުލައި މަހަށް އެ މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

އެމްއެމްއޭއިން ބުނީ މިއަދުން ފެށިގެން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާނީ ރަން ދިހަ ފަހެއްގެ އާ ނޫޓުތަކާއި ކުރީގެ ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާގެ ނޫޓު ކަމަށެވެ. ފަސް ރުފިޔާގެ ނޫޓު ބޭނުންކުރުން ހުއްޓާލާނީ ފަސް ރުފިޔާގެ ފައިސާ ފޮތި ނެރުމުންނެވެ.

"ރަން ދިހަ ފަހެއް"ގެ ނަމުގައި މަރުކަޒީ ބޭންކުން މިދިޔަ ޖެނުއަރީ 26، ގައި ބޭނުންކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ.

ދައުރުވަމުން ދާ ބާ ނޫޓުތަކުގެ ތެރެއިން 91.5 ޕަސެންޓް (2.6 ބިލިއަން ރުފިޔާ) މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އެމްއެމްއޭ އަށް ނަގައިފަ އެވެ. އަދި ބާކީ 247 މިލިއަން ރުފިޔާ ނުނެގި ހުރި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.