އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރާ އެކު ތެލުގެ މުއާމަލާތް ހިންގަން އުޅުނީ ފަހުމީ: ދައުލަތް
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރާ އެކު ތެލުގެ މުއާމަލާތް ހިންގަން އުޅުނީ ފަހުމީ: ދައުލަތް

ސައްހަ ނޫން ގޮތެއްގައި ދިވެހި ދިދަ އާއި ކޯލް ސައިން ބޭނުން ކޮށްގެން އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު ކަނޑުމަތިން ގާނޫނާ ޚިލާފް މުއާމަލާތްތަކެއް ހިންގަން އުޅުނީ އެ މައްސަލާގައި ދައުލަތުން ދައުވާކުރާ އަބްދުﷲ ފަހުމީ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އދ. އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ އުޅަނދަކާ އެކު ރާއްޖޭގެ ދިދަ ނަގާފައިވާ އުޅަނދެއް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގަނިކޮށް ޖަޕާނު ކަނޑުގެ ސިފައިންނަށް މިދިޔަ މާޗް ފެނުނު މައްސަލާގައި ދައުލަތުން ފަހުމީގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައިވާ ގޮތުން ރާއްޖޭގެ އުޅަނދެއްގެ ކޯލް ސައިނެއް ބޭނުން ކޮށްގެން އުތުރު ކޮރެއާގެ އުޅަނދަކާ އެކު މުއާމަލާތް ހިންގަން އުޅުނީ ފަހުމީ އެވެ. އޭނާ އެ މުއާމަލާތް ހިންގީ އޭނާގެ ބޭބެއެއްގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މަސް ދޯންޏެއްގެ ކޯލް ސައިނަކާއި ދިވެހި ދިދަ ސައްހަ ނޫން ގޮތެއްގައި ބޭނުން ކޮށްގެން ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުވާ އިއްވުމުން، ފަހުމީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު މުއިއްޒު ވަނީ ދައުވާއާ ގުޅޭ ގޮތުން ސުވާލުތަކެއް ދައުލަތާ ކުރިމަތި ކޮށްފަ އެވެ. އެގޮތުން އުތުރު ކޮރެއާ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައި، އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގެ ދަށުން ދިވެހި ރައްޔިތުން ގާނޫނީ ގޮތުން އިލްތިޒާމް އުފުލަން ޖެހެނީ ކޮން ހަމައަކުން އޭނާ ސުވާލު ކުރެއްވި އެވެ.

ބައިނަލްއަގްވާމީ މުއާހަދާތަކަށް ވެސް ރައްޔިތުން އަމަލު ކުރުން ލާޒިމްވަނީ އެ މުއާހަދާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަން ފާހަގަ ކުރައްވައި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުއިއްޒު ވިދާޅުވީ މަޖިލީހުގެ އެފަދަ އެއްވެސް ނިންމުމެއް ނެތި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކަށް އަމަލު ކުރުން ރައްޔިތުންނަށް ލާޒިމްވަނީ ކޮން އުސޫލަކުންތޯ ވިދާޅުވެ ދައުލަތާ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ދައުވާ ކުރަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކާ ޚިލާފްވެގެން ނޫން ކަމަށާއި އެ ދައުވާ ކުރަނީ އުތުރު ކޮރެއާގެ އުޅަނދަކާ އެކު މުއާމަލާތް ހިންގަން އުޅުމުގެ ސަބަބުން ސަރުކާރަށް އަދި ދައުލަތަށް ނޭދެވޭ އަސަރެއް ފޯރުވަން އުޅެފައިވާތީ ކަމަށެވެ. އެކަންކަން ފަހުމީ ކުރިކަން ހެކިތަކުން ސާބިތުވާނެ ކަމަށާއި އަދި އޭނާގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފް އަމަލެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ. ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ އަސަރެއް ފޯރުވުމުގެ މަގްސަދުގައި ކުރާ ކަންކަމަކީ ޓެރަރިޒަމްގެ އަމަލުތައް ކަން ދައުލަތުން ފާހަގަކުރި އެވެ.

ފަހުމީއާ ދެކޮޅަށް ހަތް މީހަކާއި ނުވަ ލިޔުމެއް ހުށަހަޅާ ކަން ދައުލަތުން ހާމަކުރި އެވެ. އޭގެ ތެރޭގައި ސިއްރު ދެ ހެކިވެރިއަކާއި ސިއްރު ލިޔުމެއްގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރާއި އުތުރު ކޮރެއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ނެރެފައިވާ އެޑްވައިޒަރީއެއްގެ އިތުރުން އިތުރު ބައެއް ލިޔުންތައް ވެސް ހިމެނެ އެވެ.

ހުށަހަޅާފައިވާ ހެކިތަކަށް ބަލައި، އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވައިފަ އެވެ. ފަހުމީގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމަށް އިތުރު ފުރުސަތަކަށް އެދުމުން ގާޒީ އިސްމާއިލް ވަނީ ތިން ދުވަހުގެ ފުރުސަތެއް އެކަމަށް ދެއްވައިފަ އެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތުން ވެސް ބޭނުންވާތީ އެކަމަށް ވެސް ގާޒީ ފުރުސަތު ދެއްވި އެވެ.

އެ މައްސަލާގައި ފަހުމީ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ވަނިކޮށް ހެކިންނަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިދިޔަ ހަފުތާގައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ފަހުމީގެ ވަކީލުން ވަނީ އޭނާ ބަންދުން މިިނިވަންކޮށްދޭން އެދިފަ އެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ބުނީ ހެކިންނަށް ނުފޫޒު ފޯރުވަން އުޅުނު މައްސަލަ ހެކި ނެތިގެން މިދިޔަ މަހު ފުލުހުން ފައިލްކޮށްފައި އޮތުމާއި އޭނާގެ ސިއްހީ ހާލަތު ހުރިގޮތުންނެވެ. ހެއްކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ދައުލަތުން ހުށަހެޅީ ސިއްރު ބަޔާނެއް ކަން ފާހަގަކޮށް، ވަކީލުން ބުނީ، އެ ހެކިވެރިއަކީ ފަހުމީއާ މެދު މައްސަލައެއް އޮތް މީހަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ބަންދާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފަހުމީ ބުނީ އޭނާގެ ގިނަ ސިއްހީ މައްސަލަތަކެއް ހުންނަ ކަމަށާއި ބަންދުގައި ހުންނައިރު އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށެވެ. އަދި ހާލު ގޯސްވުމުން އޭނާއަށް ރަނގަޅަށް ނުނިދޭ ކަމަށް ވެސް ބުންޏެވެ. އޭނާއަކީ އިތުރު މީހެއްގެ އެހީތެރިކަމެއް ނެތި، އަމިއްލަ މަސައްކަތުން އާއިލާއެއް ބަލަހައްޓަމުންދާ މީހެއް ކަމަށާއި އެކަމަކު އޭނާ ބަންދު ކުރުމުގެ ސަބަބުން އާމްދަނީއަށް ހުރަސް އެޅި، އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ފަހުމީ ބުންޏެވެ. އޭގެ އަސަރު މުޅި އާއިލާއަށް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެއްވެސް ހެކިވެރިއަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ބުނެ، ފަހުމީ ބުނިގޮތުގައި އެ މައްސަލާގައި އޭނާ ފުރަތަމަ ހައްޔަރު ކުރުމަށް ފަހު، އޭނާ ދޫކޮށްލިއިރު އޭރު ކޯޓުން ކުރި އެއްވެސް ޝަރުތަކާ އޭނާ ޚިލާފްވެފައެއް ނުވާނެ އެވެ. އަދި އޭނާ ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ ހެކިވެރިއަކީ އޭނާއަށް ތިން މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހިފައިވާ މީހެއް ކަމަށާއި އެކަމުގެ ލިޔުންތައް ވެސް އޭނާގެ އަތުގައި އެބަހުރި ކަމަށް ފަހުމީ ބުންޏެވެ.

ގާޒީ ނިންމެވީ ފަހުމީ ބަންދުގައި ބަހައްޓަން ކުރިން ނިންމަވާފައިވާ ނިންމުން މިވަގުތު ބަދަލު ކުރެވެން ނެތް ކަމަށެވެ. ފަހުމީގެ ސިއްހީ ހާލަތަށް ބަލައި، އޭނާގެ ބޭސްފަރުވާގެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތަށް ގާޒީ އެންގެވި އެވެ.

އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން އޮންނާނީ އަންނަ މަހު ކަމަށް ގާޒީ އިސްމާއިލް އިއުލާން ކުރެއްވި އެވެ.

އުތުރު ކޮރެއާގެ އުޅަނދަކާ އެކު މުއާމަލާތް ހިންގީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.