ނުކުޅެދޭ މީހުން ވޯޓު ލާ ގޮތް ބަދަލުކޮށްފި
ނުކުޅެދޭ މީހުން ވޯޓު ލާ ގޮތް ބަދަލުކޮށްފި

ހާއްސަ އެހީ އަށް ބޭނުންވާ މީހުން ވޯޓުލުމުގައި އެހީތެރިވެދެވޭނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ކަމަށް ނިންމާފައި އޮތް ނިންމުން އެ ކޮމިޝަނުން މިއަދު ބަދަލުކޮށް، އެމީހަކު ބޭނުން މީހަކާ އެކުގައި އައިސް ވޯޓު ލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ނުކުޅެދޭ މީހުން ވޯޓު ލާ ގޮތް ބަދަލުކޮށްފި
ނުކުޅެދޭ މީހުން ވޯޓު ލާ ގޮތް ބަދަލުކޮށްފި

ހާއްސަ އެހީ އަށް ބޭނުންވާ މީހުން ވޯޓުލުމުގައި ހަމަޖެއްސި ގޮތް ބަދަލުކޮށްފައި މި ވަނީ އިދިކޮޅު އިއްތިހާދުން އަދި ވަރަށް ގިނަ އާންމުންގެ ފާޑުކިޔުން އެ ނިންމުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ނިންމުން ބަދަލު ކުރީ ލޯފަން މީހުންގެ ޖަމިއްޔާގެ ރައީސްއާ ކުރެއްވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.

"[އެ ނިންމުމުގެ ސަބަބުން] ޕާޓީތަކުން ވެސް އަޅުގަނޑުމެންނާ ސުވާލުތަކެއް ކުރި. އެހެން ނަމަވެސް އަޅުގަނޑުމެންނާ ހަމަ އަށް ވަރަށް ޖެނުއިންކޮށް ލޯފަން މީހުންގެ ޖަމިއްޔާގެ ފަރާތުން އެ އެސޯސިއޭޝަންގެ ރައީސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށް އެ ބޭފުޅުންގެ ކޮންސާންސް އަޅުގަނޑުމެންނަށް ރެއިސް ކުރި،" ޝަރީފް ވިދާޅުވި އެވެ. "އެބޭފުޅުންގެ ކޮންސާންސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޖަސްޓިފައިވި."

މިއަދު ގެޒެޓް ކުރި ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދުގައި ބުނެފައި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހަކު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި ވޯޓު ފޮށީގެ ވެރިޔާގެ ހުއްދައާ އެކު އެހެން މީހަކަށް އޭނާ އަށް އެހީތެރިވެވިދާނެ ކަމަށެވެ.

އެހީތެރިޔަކު ބޭނުން ކޮށްގެން ވޯޓުލާ މީހަކީ ޖިސްމާނީ ގޮތުން ނުކުޅެދޭ މީހެއްތޯ ވޯޓު ފޮށީގެ ވެރިޔާ ޔަގީން ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވާ އިރު އެހީތެރިވާ މީހާގެ މައުލޫމާތު ވެސް ކޮމިޝަނުން ނަގަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖިސްމާނީ ގޮތުން ނުކުޅެދޭ މީހަކަށް ވޯޓުލުމުގައި އެހީތެރިވާ ފަރާތުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ނަގާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި އެފަދަ މީހުން ކަމަށް ބަލާނީ ލޯފަން މީހުންނާއި އަތް ބޭނުން ނުކުރެވޭ މީހުންނާއި މުސްކުޅިވުމުގެ ސަބަބުން ވޯޓު ފާހަގަނުޖެހޭ މީހުން ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ކަންބޮޑުވުން ހުރި ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ޝަރީފް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރިސޯޓުތަކުގެ ވޯޓު ފޮށީގެ މައްސަލަ އާއި ވޯޓުނުލެވުނަސް ހެޔޮ ކަމަށް ބުނެ ސަރުކާރުގެ އިދާރާތަކުން މީހުން ލައްވައި ސޮއި ކުރުވާ މައްސަލަ ހިމެނެ އެވެ.

ރިސޯޓުތަކުގެ މައްސަލައިގަިއ ޝަރީފް ވިދާޅުވީ ބައެއް ރިސޯޓުތަކުގައި ފޮށި ބެހެއްޓުމަށް މެނޭޖްމަންޓުން ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަ ދެއްކިން 130 ރިސޯޓާއެކު. މީގެ ތެރެއިން 100 މީހުން ހަމަވަނީ 79 ރިސޯޓުގައި. މީގެ ތެރެިން 36 ރިސޯޓަކުން ބުނީ ފޮށި ބެހެއްޓޭނެ ކަމަށާއި އިދާރީ ކަންކަން ވެސް ހަމަޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ދަފްތަރުގައި ރަޖިސްޓްރީ ކުރާ މީހުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ނުލެވުނަސް ހެޔޮ ކަމަށް ބުނެ ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ލިޔުމެއްގައި ސޮއި ކުރުވާ މައްސަލައާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ ވޯޓާސް ރަޖިސްޓްރީއަށް ބަދަލު ގެނައުމުގެ ފުރުސަތު ދެން ނެތް ކަމަށެވެ.

"ދަފްތަރުގައި ރަޖިސްޓްރީކޮށްގެން އެމީހެއްގެ ދާއިމީ އެޑްރެސް ވޯޓާސް ރަޖިސްޓްރީގައި އޮތް އެޑްރެހާ ބަދަލުވާ ނަމަ ވޯޓުލުމުގެ ފުރުސަތު ގެއްލިގެންދާނެ. ގާނޫނީ ގޮތުން އަޅުގަނޑުމެންނަކަށް ނެތް އިތުރަށް ވޯޓާސް ރަޖިސްޓްރީއަށް ބަދަލުގެނެވޭކަށް،" އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު 483 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. ރިޔާސީ އިންތިހާބު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނުގެ 3000 ވަރު އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.