އިންތިޚާބަށް ތިން ދުވަހަށްވެފައި ވަނިކޮށް ނަވާޒް ޝަރީފް ޕާޓީގެ ކެންޑިޑޭޓް އުމުރަށް ޖަލަށް
އިންތިޚާބަށް ތިން ދުވަހަށްވެފައި ވަނިކޮށް ނަވާޒް ޝަރީފް ޕާޓީގެ ކެންޑިޑޭޓް އުމުރަށް ޖަލަށް

އިސްލާމްއާބާދު (ޖުލައި 22) - ޕާކިސްތާނުގައި އާއްމު އިންތިޚާބު ބާއްވަން ތިން ދުވަހަށްވެފައި ވަނިކޮށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) ގެ ކެންޑިޑޭޓަކު އުމުރަށް ޖަލަށްލާން އިއްޔެ ހުކުމްކޮށްފި އެވެ.

ޕީއެމްއެލް-އެންގެ ސީނިއާ ލީޑަރެއް ކަމަށްވާ ހަނީފް އައްބާސީގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހަ އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލައެއްގަ އެވެ. ރާވަލްޕިންޑީގެ ކޮންޓްރޯލް އޮފް ނާކޮޓިކްސް ސަބްސްޓެންސް ކޯޓުން އޭނާ އުމުރަށް ޖަލަށްލީ ކޮންޓްރޯލްޑް ބޭހެއް ކަމަށްވާ އެފެޑްރިން ގެންގުޅުނު ކަމުގެ ކުށުގަ އެވެ.

ނަވާޒް ޝަރީފުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އައްބާސީގެ މައްޗަށް ހުކުމް އިއްވުމާ އެކު އޭނާ ވަނީ ވަގުތުން ޖަލަށް ގެންގޮސްފަ އެވެ.

ރާވަލްޕިންޑީގެ ގޮނޑިއަށް އައްބާސީ ވާދަކުރަނީ އަވާމީ މުސްލިމް ލީގުގެ ކެންޑިޑޭޓް ޝެއިޚް ރާޝިދާ ދެކޮޅަށެވެ. އައްބާސީ ޖަލަށްލުމާ އެކު ޝެއިޚް ރާޝިދަށް މިހާރު ވަނީ ގޮނޑި ޔަގީންވެފަ އެވެ. އެ ގޮނޑިއަށް އެހެން ކެންޑިޑޭޓެއް ވާދައެއް ނުކުރެ އެވެ. ޝެއިޚް ރާޝިދުގެ ކެމްޕޭން އެއްވުންތަކުގައި ވަނީ އިންތިޚާބުގެ ކުރިން އައްބާސީ ޑިސްކޮލިފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެފެޑްރިންގެ މައްސަލަ އައްބާސީއާ ދެކޮޅަށް އެންޓި-ނާކޮޓިކްސް ފޯސް އިން ރަޖިސްޓްރީ ކުރީ ޖޫން 2012 ގަ އެވެ. އައްބާސީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އޭނާގެ ފާމަސީން ވިއްކަން ހޯދި ބޭސް ސްމަގްލަރުންނަށް ދޫކުރި ކަމަށެވެ.

ޕާކިސްތާނުގައި އިންތިޚާބު ބާއްވާ އިރު ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ވެސް މިހާރު ހުންނެވީ ޖަލުގަ އެވެ. އެ ދެ މީހުންގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ކުށުގައި ހުކުމް އިއްވައިފަ އެވެ.