22 ޖުލައި 2018 - 13:37

މެންޗެސްޓާ (ޖުލައި 22) – އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވަނީ ލޯން އުސޫލުން ނޫން ކަމަށާއި ބޭނުންވަނީ ދާއިމީ ކޮންޓްރެކްޓެއް ކަމަށް މެންޗެސްޓާ ސިޓީގެ އިނގިރޭސި ގޯލްކީޕަރު ޖޯ ހާޓް ބުނެފި އެވެ.
ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ 2016 ގައި ހަވާލުވި ފަހުން އެ ޓީމަށް ކުޅުނީ އެންމެ މެޗެކެވެ. އޭނާ މިދިޔަ ދެ ސީޒަން ހޭދަކުރީ ލޯން އުސޫލުން އިޓަލީގެ ޓޮރިނޯ އާއި އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑުގަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި އިނގިރޭސި ޓީމުން ފުރުސަތު ހޯދަން ބޭނުންވިޔަސް އެކަން ކާމިޔާބެއް ނުވި އެވެ. އޭނާ މިހާރު ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ހާޓް ބުނީ އޭނާ އަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެއް އެންމެ މަތީ ފަންތީގައި ވެސް ކުޅެފައިވާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ އެ ކްލަބެއްގެ މުހިއްމު ކުޅުންތެރިއަކަށްވާން. އެކަމަކު އެކަން ވާން އޮތީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކްލަބަކަށް ބަދަލުވެވިގެން،" އުމުރުން 31 އަހަރުގެ ކުޅުންތެރިއާ ބުންޏެވެ.
ހާޓް މި ވަގުތު އަންނަނީ ސިޓީގެ އެމެރިކާ ޓުއާގައި ބައިވެރިވަމުންނެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ހުކުރު ދުވަހު 1-0 އިން ސިޓީ ބަލިވި މެޗުގެ ދެ ވަނަ ހާފުގައި އޭނާ ކުޅުނެވެ. އެކަމަކު އޭނާ އަށް ޖާގަ އޮތީ އެޑަސަން އާއި ކްލައުޑިއޯ ބްރާވޯގެ ފަހަތުންނެވެ.
ސިޓީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެންމެ އަހަރެއް އޮތްއިރު އޭނާގެ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފަ އެވެ. ހާޓް ބުނީ އޭނާ އަށް ކޮންމެ ލީގެއްގައި ވެސް ކުޅެވިދާނެ ކަމަށެވެ.
"ހުރިހާ ލީގެއް ދެކެ ވެސް އަހަރެން ލޯބިވޭ. އަހަރެން އެކަން ދައްކައިދީފިން. އަހަރެން އިޓާލިއަން ލީގަށް ދިޔައިން އަދި އަހަރެން އެ ލީގު ދެކެ ލޯބިވޭ. އަހަރެން ނޫނެކޭ ބުނާނެ ލީގެއް ނޯންނާނެ،" ސިޓީއާ އެކު ދެ ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފައިވާ ހާޓް ބުންޏެވެ.
އިނގިރޭސި ގައުމީ ޓީމަށް 75 މެޗު ކުޅެދީފައިވާ ހާޓް ބުނީ އަދިވެސް ގައުމީ ޓީމަށް ކުޅެން އުއްމީދު ކުރާ ކަމަށާއި އޭނާގެ ނަޒަރުގައި އޭނާ އަދިވެސް ޒުވާންކަމަށެވެ. އެކަމަކު އެކަން ވާން އޮތީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކްލަބަކަށް ބަދަލުވެވިގެންނެވެ.