22 ޖުލައި 2018 - 12:33

ނޭޕާލުގައި އަންނަ އަހަރުގެ މާޗު 9-18 އަށް ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި 27 ކުޅިވަރެއް ހިމަނަން އިއްޔެ ފާސްކުރި އިރު މީގެ ތެރެއިން 11 ކުޅިވަރަކީ ރާއްޖެއަށް ވާދަކުރެވޭނެ ކުޅިވަރުތަކެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ކްރިކެޓް، ފުޓްބޯޅަ، ހޭންޑްބޯޅަ، ސްވިމިން، ޝޫޓިން، ޓޭބަލް ޓެނިސް، ޓެނިސް އަދި ވޮލީބޯޅަ އެވެ. މީގެ ތެރެއިން ބާސްކެޓްބޯޅައިގައި ތުރީއޮންތުރީ އަދި ވޮލީބޯޅައިގައި ބީޗް ވޮލީބޯޅަ ހިމެނެ އެވެ. އަދި ކޮންމެ ކުޅިވަރެއްގައި ވެސް އަންހެން، ފިރިހެން ވަކިން އޮންނާނެ އެވެ.
މި ކުޅިވަރުތަކުގެ ތެރެއިން ވެސް ރާއްޖޭން ބައިވެރިވާނެ ކުޅިވަރުތައް ނިންމާނީ އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީންނެވެ. ރާއްޖޭގެ ފަރާތުން ކްރިކެޓާއި ނެޓްބޯޅަ އަދި ބޮޑީބިލްޑިން އިތުރުކުރުމަށް ހުށަހެޅި ނަމަވެސް ކާމިޔާބުވީ ކްރިކެޓުގައި އެކަންޏެވެ.
ކްރިކެޓުގެ ފިރިހެން އިވެންޓްތައް އޮންނާނީ 23 އަހަރުން ދަށުގެ ޓީމުތަކަށެވެ. އެކަމަކު ސީނިއާ ތިން ކުޅުންތެރިން ހިމެނޭނެ އެވެ. އަންހެން އޮތީ ސީނިއާ ޓީމަށެވެ. ކްރިކެޓުގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ މި ސަރަހައްދުގެ މުބާރާތެއްގައި ވާދަކުރެވުމަކީ ރާއްޖޭގެ ކްރިކެޓަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ. މީގެ ކުރިން 2010 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ގޭމްސްގައި ވެސް ރާއްޖޭން ކްރިކެޓުގައި ވާދަކުރި އެވެ.
ގޭމްސް އަށް ނޭޕާލުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ކަތުމަންޑުގެ މައި ސްޓޭޑިއަމް ކަމަށްވާ ދަސްރަތު ސްޓޭޑިއަމަށް މީގެ އަހަރުތަކެއް ކުރިން ބިންހެލުމުގައި ލިބުނު ގެއްލުންތައް އަންނަނީ މަރާމާރުކުރަމުންނެވެ. އެތަނުގައި މުޅިން އާ ސްވިމިން ޕޫލެއް އަޅައި ދުވާ ޓްރެކް ވެސް ބަދަލުކުރާނެ އެވެ.
މި ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ތާރީހަށް ނުބޭއްވޭތީ އެތުލީޓުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެކަމަކު މީގެ 35 އަހަރު ކުރިން 1981 ވަނަ އަހަރު އުފެދި ސައުތު އޭޝިއަން ފެޑެރޭޝަން (ސާފް) ގެ ނަން ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އަށް މިދިޔަ އަހަރު ބަދަލުކޮށް ދާއިމީ އޮފީހެއް ކަތުމަންޑޫގައި ގާއިމްކޮށް ރަނގަޅު ބަދަލުތަކެއް މިހާރު ވަނީ ގެނެސްފަ އެވެ.
ބަންގްލަދޭޝްގައި 2010 ވަނަ އަހަރު ބގޭމްސް ބޭއްވުމަށް ފަހު އިތުރު ގޭމްސް އެއް ބޭއްވިފައިވަނީ ހަ އަހަރު ފަހުން 2016 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާގަ އެވެ. ގޭމްސް ބާއްވަން ފަސް ފަހަރެއްގެ މަތިން ތާރީހު ކަނޑައެޅި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ފަސްވީ އެވެ. ކަތުމަންޑޫގައި ވަނީ މީގެ ކުރިން 1984 އަދި 1999 ވަނަ އަހަރު ގޭމްސް ބާއްވައިފަ އެވެ.