22 ޖުލައި 2018 - 11:05

ނިއު ދިއްލީ (ޖުލައި 22) - ޕެޑުން ނަގަމުން ދިޔަ 12 ޕަސެންޓުގެ ޓެކްސް އިންޑިއާ އިން އުވާލައިފި އެވެ.
އެކްޓިވިސްޓުން އެތައް ދުވަހެއް ވަންދެން ކެމްޕޭން ކުރުމަށް ފަހު، އެންމެ ފަހުން ޕެޑުން ނަގާ ޓެކްސް އުވާލީ އިންޑިއާގައި ޖީއެސްޓީގެ ނަމުގައި ޓެކްސް ތައާރަފް ކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.
އެކްޓިވިސްޓުން ބުނީ އިންޑިއާގެ ކޮންމެ ފަސް އަންހެނަކުން ހަތަރު އަންހެނަކަށް ސެނިޓަރީ ޕެޑް ގަތުމުގެ މާލީ ކެރިފޯރުންތެރިކަން ނެތް އިރު ޕެޑުން 12 ޕަސެންޓުގެ ޓެކުހެއް ނެގުމަކީ އަންހެނުންނަށް ކުރިމަތިކުރިވި އިތުރު މާލީ ބުރައެއް ކަމަށެވެ.
ސެނިޓަރީ ޕެޑުން 12 ޕަސެންޓުގެ ޓެކްސް ނަގަނީ އެއީ ލަގްޒަރީ އައިޓަމެއްގެ ގޮތުގައި ހިމަނާފައިވާތީ އެވެ.
ޕެޑުން ނަގާ ޓެކްސް ހުއްޓުވުމަށް އިންޑިއާގައި ވަނީ ބޮޑު ކެމްޕޭނެއް ހިންގައިފަ އެވެ. އެ މައްސަލާގައި އެކްޓިވިސްޓުން ވަނީ ކޯޓަށް ގޮސް އަދި ޕެޓިޝަންތައް ވެސް ތައްޔާރުކޮށްފަ އެވެ. ޕެޑުން ނަގާ ޓެކްސް އެކްޓިވިސްޓުން ސިފަކޮށްފައި ވަނީ "ލޭގެ ޓެކްސް" ގެ ގޮތުގަ އެވެ.