ގެޔަށް ފޮނުވާލި ކަލިނިޗް ވޯލްޑް ކަޕް މެޑަލް ބޭނުމެއްނުވި
ގެޔަށް ފޮނުވާލި ކަލިނިޗް ވޯލްޑް ކަޕް މެޑަލް ބޭނުމެއްނުވި

ޒަގްރެބް، ކްރޮއޭޝިއާ (ޖުލައި 22) - މި ފަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން ޓީމާ މައްސަަލަތަކެއް ޖެހިގެން ގެޔަށް ފޮނުވާލި ކްރޮއޭޝިއާގެ ފޯވާޑް ނިކޮލާ ކަލިނިޗަށް، އެ ޓީމުން ވޯލްޑް ކަޕްގެ ރަނަރަޕަށް ދިއުމުން ލިބުނު ރިހި މެޑަލް ދިނުމުން އޭގެ ހިފަން އޭނާ ދެކޮޅު ހަދައިފި އެވެ.

ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުގައި ނައިޖީރިއާ އަތުން 2-0 އިން މޮޅުވި މެޗަށް ފަހު ކަލިނިޗް ގެޔަށް ފޮނުވާލީ އޭނާ ބުރަކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް އެ ޓީމުން އޭރު ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ފޮނުވާލީ ނައިޖިރީއާ އަތުން ކްރޮއޭޝިއާ މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނުމުން، ފަހުން އަރަން ދެކޮޅު ހެދުމުން ކަމަށެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖަށް ފަހު ޓީމަށް އެނބުރި އަންނަން ދިން ފުރުސަތުގެ ބޭނުން ވެސް ކަލިނިޗް ނުހިފި އެވެ.

ވޯލްޑް ކަޕެއްގައި ކްރޮއޭޝިއާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވި އުފާފާޅުކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ކަލިނިޗަށް ދިނެވެ. އެކަމަކު އޭނާ އޭގައި ބައިވެރިވާން ބޭނުމެއްނުވި އެވެ.

ކްރޮއޭޝިއާގެ ނޫހެއް ކަމަށްވާ ސްޕޯޓްސްކޭ ނޮވޯޓްސްކީ އަށް ދިން އިންޓަވިއުއެއްގައި ކަލިނިޗް ބުނީ އޭނާ އަކީ ވޯލްޑް ކަޕްގައި ނުކުޅޭ ކުޅުންތެރިއެއް ކަމަށްވުމުން މި އުފާފާޅުކުރުމުގައި ބައިވެރިވެވެން ނެތް ކަމަށެވެ.

"މެޑަލް ދިނީތީ ޝުކުރު އަދާކުރަން. އެކަމަކު އަހަރެން ރަޝިއާ (ވޯލްޑް ކަޕް)ގައި ނުއެއް ކުޅެން. އެހެންވުމުން ޓީމުގެ މެމްބަރެއް ކަމަށް އަހަރެން ނުދެކެން." ކަލިނިޗް ބުންޏެވެ.

ކަލިނިޗް ވަނީ ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެދިން 42 މެޗުން 15 ގޯލް ޖަހައިދީފަ އެވެ. އޭސީ މިލާނަށް ކުޅޭ ކަލިނިޗް ހިތްހަމަނުޖެހުނީ އޭނާ އަށް ފުރުސަތު ނުދީ ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ޔުވެންޓަސްގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް އާއި ހޮފެންހައިމްގެ ފޯވާޑް އަންދްރޭ ކްރަމަރިޗަށް ފުރުސަތުދޭން ނިންމާފައިވާތީ އެވެ.

ކްރޮއޭޝިއާ އިން ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރީ ނޮކައުޓު ބުރުގެ ތިން މެޗުގައި ވެސް 120 މިނިޓް ކުޅުމަށް ފަހު އެވެ. ފައިނަލް މެޗުގައި 4-2 އިން ފްރާންސް އަތުން ބަލިވިއިރު، އެ މެޗުގެ ދެ ވަނަ ހާފުގައި ކްރޮއޭޝިއާ ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެފައި ތިބި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ. އެ މެޗަށް ފަހު ކޯޗު ޑާލިޗް ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.