23 ޖުލައި 2018 - 06:26

އަހަރު ދެބައިވެފައިވާ އިރު، މި އަހަރު ވެސް އަދި އުންމީދީ ފިލްމްތަކެއް ސިނަމާއަށް އަންނަން އެބަހުއްޓެވެ. އަދި އަންނަ އަހަރަށް ތާވަލުކޮށްފައި ހުރި ބައެއް ފިލްމްތަކުގެ މަސައްކަތް ވަރަށް ފޯރީގައި އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން ބައެއް ފިލްމްތަކުގެ ޝޫޓިން މިހާރު ވަނީ ނިންމާލައިފަ އެވެ.
އަންނަ އަހަރުގެ ދިވާލީގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ސާޖިދު ހާންގެ ފިލްމް "ހައުސްފުލް "4" ގެ ޝޫޓިން ދާދި ފަހުން ލަންޑަނުގައި ފެށުމަށް ފަހު، އެ ގައުމުގައި ކުރިއަށް ގެންދިޔަ ޝޫޓިން ޝެޑިއުލް މިހާރު ވަނީ ނިންމާލައިފަ އެވެ.
އެކަން ފާހަގަކުރުމަށް ފިލްމްގެ ކާސްޓުންނާއި ކްރޫ ވަނީ ކޭކް ފަޅައި، މަޖާ ނަގައިފަ އެވެ. "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރް، ކިރިތީ ސެނަން، ބޮބީ ޑިއޯލް، ޕޫޖާ ހެގްޅޭ، ރިތޭޝް ދޭޝްމުކް އަދި ކިރިތި ކަރްބަންދާގެ އިތުރުން ވެސް ބޮޑު ކާސްޓެއް ހިމެނެ އެވެ.
ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅޭ ފިލްމް "ބާރަތު" ގެ ޝޫޓިން ރަސްމީކޮށް ފަށައިފި އެވެ. އެ ފިލްމްގެ ޑައިރެކްޓަރަކު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ވަނީ އެކަން ހިއްސާކޮށްފަ އެވެ.
"ބާރަތު" އަކީ 2016 ގެ ފަހުން ޕްރިޔަންކާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމް ވެސް މެ އެވެ. މި ފިލްމްގެ ކްރޫއާ އޭނާ ވަރަށް އަވަހަށް ގުޅޭނެ އެވެ. ދެހާސް ސާދައިގައި ރިލީޒް ކުރި ކޮރެއާ ފިލްމް "އޭން އޯޑް ޓް މައި ފާދާ" ގެ ޕްލޮޓްގައި އިންޑިއާގެ ރަހަތައް ލައްވައިގެން ގެނެސްދޭ "ބާރަތު" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ތައްބޫ އަދި ސުނިލް ގްރޯވާ ވެސް ހިމެނެ އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. އަލީ އާއި ސަލްމާން އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ މިދިޔަ އަހަރު ބޮޑު ކާމީޔާބީއެއް ހޯދި "ޓައިގާ ޒިންދާ ހޭ" ގަ އެވެ. ސަލްމާން އެންމެ ފަހުން ފެނިފައި ވަނީ "ރޭސް 3" އިންނެވެ.
"ޕިންކް" އަށް ފަހު އަމީތާބް ބައްޗަން އާއި ތާޕްސީ ޕަންނޫ އެކުގައި ފެނިގެންދާ ފިލްމް "ބަދްލާ" ގެ ޝޫޓިން ނިންމާލައިފި އެވެ. ސުޖޯއި ގޯޝް ޑައިރެކްޓް ކުރާ ފިލްމްގެ މަންޒަރުތައް ނެގީ ލަންޑަނާއި ސްކޮޓްލެންޑްގަ އެވެ.
ޝޫޓިން ނިންމައިލު ފަހު، ސުޖޯއި ކުރި ޓްވީޓްތަކެއްގައި ބުނީ ފިލްމްގެ މަސައްކަތް ނިންމައިލެވުމުން "ހިތް ހަލާކުވެފައިވާ" ކަމަށެވެ. އޭނާ އެގޮތަށް ސިފަ ކުރީ އަމީތާބް ކަހަލަ ވަރުގަދަ އެކްޓަރާ އެކު ވަގުތުތަކެއް ތަޖުރިބާކޮށްލަން ލިބުމުންނެވެ. ސުޖޯއި މީގެ ކުރިން ވެސް ވަނީ އަމީތާބާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2009 ގެ "އަލައްދިން" ގަ އެވެ.
ސިއްރު މަރެއްގެ ވާހަކަ އަށް ބިނާކޮށް ހަދާފައިވާ "ބަދުލާ" އަކީ 2016 ގައި ރިލީޒް ކުރި "ކަހާނީ 2" އަށް ފަހު ސުޖޯއި ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ބަދްލާ" ގެ އެއް ޕްރޮޑިއުސަރަކީ ޝާހްރުކް ހާނެވެ.