ފަތިސްހަނދުވަރު
ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ

"އެޔޯ؟" ސަކީނާއަށް ވުރެ ކުރިން ގާދިރު އެހިއެވެ.

"އޭނަގެ ތިބޭނެ ތިން ކުދިން،" ޒޫނާ ޖަވާބުދިނެވެ. "ބޮޑެތި ކުދިން."

ގާދިރު ބަލައިލީ ސަކީނާގެ މޫނަށެވެ. ސަކީނާ ހީނގަތެވެ.

"އަދި މާ ރަނގަޅެއްނު!" ސަކީނާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެއް ދަނބިކޮޔާ އެއްކޮށް ތިން މާމަދަރިން ހިލޭ! ގައިމު ގޭގެ ފަޅުކަން ފިލާނެ. މަންމަގެ ނެތް އެއްވެސް މައްސަލައެއް."

"މައްސަލައަކީ ވަގުތު،" ގާދިރުގެ ކަންބޮޑުވުން ހާމަކުރިއެވެ. "އިދުރީސް ބުނެފައޮތީ ޒޫނާ ކައިވެނިކުރަން އެންމެ ރަނގަޅު އިރުވަރަކީ ޒޫނާގެ އުފަންދުވަހޭ. މާނައަކީ، ހަފުތާއެއް ވެސް ނެތް."

ޒޫނާ ވިސްނައިލިއެވެ. ޖިނާއަށް ކުރިމަތިވި ހައިޖާނުގަނޑުން ސަލާމަތްވާން ޖިނާއަށް ވަގުތު ބޭނުންވާނެއެވެ. ކުދިން ވެސް ތިބޭނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެ ފަދަ ވަގުތެއްގައި ޖިނާ ކައިވެންޏެއް ކުރާނެ ހެއްޔެވެ؟ އެ ފަދަ ލޯތްބެއް ޒޫނާދެކެ ވެދާނެ ހެއްޔެވެ؟ އެ ފަދަ ކައިވެންޏަކާ މެދު ޖިނާގެ ދަރިން ދެކޭނީ ކިހިނެއް ހެއްޔެވެ؟ ސުވާލުތަކުގެ ޖަވާބު ހޯދަން ޒޫނާއަށް ލިބިފައިވަނީ ކުޑަ ވަގުތުކޮޅެކެވެ. އެންމެ ސިކުންތެއް ވެސް ބޭކާރުކުރެވޭކަށް ނެތެވެ.

އަޒްރާ ނެތުމުގެ ފަޅުކަން ދަރިންނަށް އިހުސާސްވިޔަ ނުދޭން ޖިނާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރިއެވެ. ދަރިންނާ އެކުގައި ގިނައިން ވަގުތު ހޭދަކުރިއެވެ. މަންމަގެ އެހީތެރިކަން ވެސް ޖިނާއަށް ލިބުނެވެ. އެވަރުން ވެސް، ކެއުމުގެ މާޙައުލަށް ހިޔަނިއެޅެމުންދިޔައެވެ. ޖިނާ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެ ވާހަކައިގެ ތެރެޔަށް ކުދިންނަކަށް ނުވަދެވެއެވެ. ދަރިންގެ ބަސް މަދުވެއްޖެއެވެ. ތުންފަތަށް ވެރިވާ ހިނިތުންވުމުގައި ދެ ލޯ ބައިވެރިއެއް ނުވެއެވެ. ޖިނާ ހީކުރަނީ އަޒްރާ ނެތުމުގެ ފަޅުކަން ކުދިންނަށް އިހުސާސްކުރެވޭނެކަމަށެވެ. ކުދިން ހީކުރަނީ އެ ފަޅުކަން އެންމެ ބޮޑަށް އިހުސާސްކުރެވޭނީ ބައްޕައަށް ކަމަށެވެ. އެއްވެސް މީހަކު އެ ވާހަކަދައްކަން ބޭނުން ނުވާތީ ޙަޤީޤަތް ހާމަނުވަނީއެވެ. ކައި ނިމިގެން ޖިނާ ގޮސް ސޯފާގައި އިށީނދެލިއެވެ. ޓީވީ ހުޅުވައިލިއެވެ.

"ޝާޒްލީ ދަރިފުޅާ!" ޖިނާ ގޮވައިލިއެވެ. "އެހެރަ ތަބައް ދިއްކޮށްލަބަލަ!"

ކައިނިމިގެން އަތްދޮންނަންހުރި ޝާޒްލީ އަތް ފުހެލިއެވެ. ތަބައް ގެންގޮސް ޖިނާއަތަށް ދިނެވެ. އެ ވަގުތު ޖިނާގެ ފޯނު ރަނގަބީލުވިއެވެ. ޒޫނާގެ ނަން އެރިއެވެ. ޝާޒްލީއާއި ޖިނާއަށް ފޯނަށް ބަލައިލެވުނީ އެކުއެކީގައެވެ. ނުފެންނަކަމަށް ޝާޒްލީ ހެދިއެވެ. ވައްކަޅިން ޝާޒްލީއަށް ބަލައިލި ވަގުތު ޖިނާއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ.

"އައްސަލާމް އަލައިކުމް!" ޖިނާ ފޯނު ނެގިއެވެ. ވަޔެއްލައިފައި ޖަވާބުދިނެވެ. "ހާލާއަހުވާލާ ދެބެން ކިހިނެއް؟"

ސަލާމް ބަލައިގަންނަމުން ޒޫނާ ހީނގަތެވެ. މީހުން ހެއްވައިލުމަކީ ޖިނާއަށް ލިބިފައިވާ މޮޅު ހުނަރެކެވެ. ޒޫނާ ވަރަށް ގަޔާވާ ސިފައެކެވެ.

"ދެބެން ވެސް ގަދަ!" ސަމާސާ ރާގެއްގައި ޒޫނާ ބުންޏެވެ. "ހާދަ ވަރަކަށް ކެވިގެން ތިއުޅެނީ؟"

ޝާޒްލީ އިށީނީ ތަންކޮޅެއް ދުރުގައެވެ. ސަމާލުކަން ދޭކަމަށް ހެދުނީ ޓީވީއަށެވެ. އެހެންނަމަވެސް، ޖިނާ ދައްކާ ވާހަކަ ޝާޒްލީއަށް ރަނގަޅަށް އިވެއެވެ.

"އާނ!" ޖިނާ ބުންޏެވެ. "އެކަނިވީމަ އަހަންނަށް ވާގޮތަކީ ގިނައިން ކެވެނީ."

ޒޫނާ ގުޅީ ޚާއްޞަ ވާހަކައެއްދައްކާށެވެ. އެކަމަކު، އިހުސާސްކެނޑިފައިވާ މީހަކަށް ވާކަށް ޒޫނާ ނޭދެއެވެ.

"ހާދަހާ ދެރަ ގޮތެކޭ މިވީ ދޯ؟" ޒޫނާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން ތި ކަމަކާ އެއްބަހެއް ނުވާނަން،" ޖިނާ ވާހަކަދެއްކީ އެހެން މީހަކު އަޑުއަހަން އިންކަން ނޭނގިއެވެ. "އަހަރެން ގަބޫލެއްނުކުރަން އަހަންނާ ވަކިވެގެން އެ ދިޔައީ އަހަރެން އެއްޒަމާނެއްގަ ލޯބިން ކައިވެނިކުރި އަޒޫކަމަކަށް. އެ އަޒޫގެ ފޭރާމަކީ އަބުރުވެރިކަން. ގަހަނާއަކީ ލަދުވެތިކަން. މި ގެއިން ނުކުމެގެންދިޔަ އަޒޫ މުޅިން ތަފާތު. އޭނަ ކައިރިން އަހަންނަށް ސަލާމަތްވެވުނުކަން އެއީ ހަމަ ނަސީބެއް. މިހާރު އަހަންނަށް އެއް ކަމެއް ކަށަވަރުވެއްޖެ! އަޒޫއަކީ އަހަރެންގެ ޓޭސްޓެއް ނޫން."

ޖިނާއަށް ނުބަލާއިނަސް ޝާޒްލީގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

"އަހަނ!" ޒޫނާއަށް ބުނެވުނެވެ. "ދެން ކޮބާ ޖިނާގެ ޓޭސްޓަކީ؟"

"ލަދުރަކި، މަޑުމައިތިރި، ކެތްތެރި، ތެދުވެރި ކުރުކޮށް ބުނަންޏާ ޒޫނާ ކަހަލަ ކުއްޖެއް،" ވައްކަޅިން ޝާޒްލީއަށް ބަލައިލަމުން ޖިނާ ބުންޏެވެ. "އެކަމަކު ޒޫނާ ވެސް ބޭނުމެއް ނުވާނެ ދޯ ތިންކުދިން ލިބިފަހުރި މުސްކުޅިއެއް. އެހެންނޫން ނަމަ ކޮންފަދަ! މާދަން ވެސް ކޯޓަށް ފޯމު ވައްޓާލަންވީ!"

ޒޫނާގެ ޖަވާބު ތަންކޮޅެއް ލަސްވިއެވެ. ޖިނާ ހީކުރީ ފޯނު ބޭއްވީ ކަމަށެވެ.

"ހަލޯ!" ޖިނާ ބުންޏެވެ.

"ތީ ހަމަ ސީރިޔަސްކޮށް ބުނި އެއްޗެއްތަ؟" ޝައްކެއްމަތީގައި ހުރި ޒޫނާ އެހިއެވެ.

"ޒޫނާއަށް އިވޭތަ އަހަރެން ހޭނއަޑު؟" ޖިނާ ސުވާލުކުރިއެވެ. "ނުވާންއުޅެނިކޮށް ސީރިޔަސްވެވިފަ މިއޮތީ."

"ދެން ސަމާސަނުކޮށްބަލަ!" ޒޫނާ އެދުނެވެ.

ޖިނާ ތެދުވިއެވެ. ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ދިޔައެވެ.

"ނޫނެކޭ ބުނަން ނުކެރުނީ؟" ޖިނާ އެހިއެވެ. އަދި ބުންޏެވެ. "އެހެންވިއްޔާ ޖެހޭނެ ސަބަބެއް ބުނަން. އަހަރެން ހުތުރީތޯ ނޫނީ ކަޅީތޯ، ވަރިހަމައޭ މާ ރީތީއޭ ބުންޏަސް. ގަބޫލުކުރާނަމޭ!"

"މީ އަދި ހާދަހާ ފޮނި ފިރިހެނެކޭ،" ލާނެތްވެލައިފައި ޒޫނާ ބުންޏެވެ. "ޖިނާޔާ ހެދި މޮޔަވެގެން އަހަރެން އުޅުނަސް ޖިނާ ތީ.."

"އަހަންނަކީ ވެސް އިންސާނެއް،" ޖިނާ ދެން ވެސް ވާހަކަދެއްކީ ސަމާސާ ރާގަކަށެވެ. "ކިހިނެއް އެނގެނީ މޮޔަނުވާކަމެއް؟ ބޭސްކައިގެން ވެސް ހުރެދާނެތާ!"

ޒޫނާ ހީނގަތެވެ. ހިތުގައި އޮންނަ ގޮތަށް ބުނަން ޒޫނާއަށް ހިތްވަރުލިބެނީ ޖިނާގެ ސަކަ މިޒާޖުގެ ސަބަބުންނެވެ.

"އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައްޗޭ އިނގޭ،" ކުރިން ހުޅުވައިނުލާ ވަރަށް ޒޫނާގެ ހިތް ހުޅުވައިލިއެވެ. "އަހަރެން އެންމެ ލޯބިވި މީހަކީ ތީ. އެންމެ ރުޅިއައި މީހަކީ ވެސް ތީ. އަހަރެން މޮޔަކޮށްލި މީހަކީ ވެސް ތީ. ދިރިހުރުމުގެ އުންމީދެއް އަހަންނަށް އަލުން ދިން މީހަކީ ވެސް ތީ. އެހެން މީހަކު ދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެ. ފިރިޔަކު އަދިވެސް ލިބިދާނެ. އެކަމަކު އުފަލެއް ނުލިބޭނެ ޖިނާ."

އަޑު ބެދެން ފެށުމުން ޒޫނާގެ ވާހަކަ މެދުކެނޑުނެވެ. އިތުރަށް ސަމާސަކުރާކަށް ޖިނާއަކަށް ނުކެރުނެވެ.

"ޒޫނާޔާ ދޭތެރޭ އަހަރެން ވިސްނާތާ ވަރަށް ގިނަ ދުވަސް ވެއްޖެ!" ޒޫނާއަށް ގަބޫލުކުރެވޭ ކަހަލަ ރާގެއްގައި ޖިނާ ބުންޏެވެ. "މަހެއްހާ ދުވަސް ތެރޭގަ ގޭތެރޭގެ ކަންކަން ހަމަޔަކަށްއެޅޭނެ. ކުދިންނަށް ޒޫނާ ފެނި ފަރިތަވެލަން ވެސް ޖެހޭނެތާ! މިހާރު ޒޫނާއަށް އެނގޭނެ ސަމާސައެއް ނޫންކަން މި ކުރަނީ."

ޒޫނާ އުފަލުން ފޮޅުނެވެ. އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށް ފަހު އުފާވެރި ނިމުމަކާ ބައްދަލުވީމައެވެ. ހީވި ކަހަލައެވެ. ކަށިޖަންގައްޔާއި އަޑިގުޑަން މަގުތަކަށް ފަހު، ހިތްފަސޭހަ ބަގީޗާއަކަށް ނުކުމެވިއްޖެއެވެ. ކުލަކުލައިގެ މާތައް ހަނާއަޅަން ފަށައިފިއެވެ. ދުރަށް ފެތުރިފައިވާ ގަސްތައް ޒޫނާގެ މަގަށް ހިޔާއަޅަން ފަށައިފިއެވެ. އުންމީދުގެ ކުދި ދޫނިތައް ލަވަކިޔަމުން ގަސްގަހަށް އުދުހެން ފަށައިފިއެވެ. އެހެންނަމަވެސް ޖިނާ ބޭނުންވި ވަރަކަށް ޒޫނާއަކަށް ވަގުތެއް ނުދެވޭނެއެވެ.

"އަހަރެން ނުޖެހޭނެ އަހަރެންގެ މާޒީ ޖިނާއަށް ކިޔައިދޭކަށް،" ޒޫނާ ބުންޏެވެ. "ހަފުތާއެއްހާ ދުވަސް ތެރޭގަ އަހަރެން އެބަޖެހޭ ކައިވެނިކުރަން. ދެން ކިހިނެއް ހަދާނީ؟"

ޖިނާ ވިސްނައިލިއެވެ. ހަފުތާއަކީ ވަރަށް ކުރު މުއްދަތެކެވެ. އެހެންކަމުން ކުރިން ޖިނާ ރޭވިގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެއެވެ.

"ތިހެންވިއްޔާ ދެން ޖެހޭނީ ކުދިންނަށް އިހަށް ސިއްރުކުރަން،" ޖިނާއަށް ވިސްނުނު އެންމެ ރަނގަޅުގޮތް ކިޔައިދިނެވެ. "ހަފުތާއެއްގެ ކުރިން ވިޔަސް އަހަރުމެން ކައިވެނިކުރާނީ. ޒޫނާ ބަހައްޓާނީ އެހެން ގެއެއްގަ. ވަގުތު ލިބިގެން ދަރިންނަށް ވިސްނައިދީފަ ޒޫނާ މި ގެއަށް ގެންނާނީ. އަހަރެންގެ ނިންމުމަކަށް ދަރިން ދެކޮޅުހަދާނެހެނެއް ހިޔެއްނުވޭ!"

ޓީޗަރުންގެ އަހަރީ ބައްދަލުވުން އޮތް ދުވަހެވެ. ޖަލްސާ އޮތީ އިސްލާމީ މަރުކަޒުގައެވެ. އެކި ގޮތްގޮތުން ފާހަގަކުރެވޭ ޓީޗަރުންނަށް އިނާމު ދިންއިރު ޖިނާއަށް ވެސް އިނާމެއް ލިބުނެވެ. ޖަލްސާ ނިންމައިފައި ސަޔަށް އިންސާފުކުރަން ހުއްޓައި ނާގިތު އައިސް ޖިނާގެ ކޮނޑުގައި ޖަހައިލިއެވެ.

"މަރުޙަބާ!" ނާގިތު ބުންޏެވެ. "އަހަރެންގެ ބަސް ގަބޫލުކޮށް ގުރައިދުއަށް ދިޔައީތީ މިއަދު ތި އިނާމު ތި ލިބުނީ. އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެންގެ ނަޞޭޙަތް އަޑުއަހައިގެން ދެރައެއް ނުލިބޭނޭ. މިހާރު ވެސް މިއައީ ނަޞޭޙަތެއް ހިފައިގެން. ދެން އަވަހަށް މީހަކާ އިންނަންއުޅޭ. މަންމައަށް އެހީތެރިވާނެ، ދަރިންނަށް ތަރުބިއްޔަތު ދެވޭނެ، ފިރިމީހާއަށް ވަފާތެރިވާނެ އަންބަކު ހޯދާ! އެބަހުރިތަ އެ ކަހަލަ މީހެއް؟ ނެތިއްޔާ ނޫހުގަ ޖަހައިގެން ނަމަވެސް ލޯބިވާ މީހަކު ހޯދާތި!"

ޖިނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެހެން މީހަކު ގޮވައިގެން ނާގިތު ދާންޖެހުނެވެ. އެ ވަގުތު ޖިނާއަށް ފޯނެއް އައެވެ. ފޯނު ހިފައިގެން ޖިނާ އެއްފަރާތަކަށް ޖެހިލިއެވެ.

"ހީކުރީ މިއަދު މިތަނުން ދިމާވާނެކަމަށް." ޖިނާ ފޯނަށް ޖަވާބުދިނެވެ.

"އަންނަންވެގެން ލާންޗަށް ވެސް އެރިން،" ސަމަދު ބުންޏެވެ. "ކުއްލިއަކަށް ކުއްޖަކު އަނބުރައިގަނެގެން ސިއްހީމަރުކަޒަށް ގެންގޮސް އެ ކަމެއްގަ އަދިވެސް މި އުޅެނީ. އެހެންވެ ހަމަ އެ ވާހަކަ ބުނެލާށާ މަރުހަބާކިޔަން މި ގުޅާލީ. ކޮބާ މިހާރު ދެކުދިން ކައިވެނިކުރީތަ؟"

"ވަރަށް އަވަހަށް ތި ކަން ނިންމާލަން މި އުޅެނީ. އަންނަންވާނެ،" ޖިނާ އެދުނެވެ. "ރަނގަޅު ނިންމުމެއްތަ މީ؟ އަހަރެން އިންނަ މީހެއްގެ ހާދަހާ ގިނަ ޝަރުތެއް ހަމަވާންޖެހެޔޭ! ނާގިތު ދެންމެ ދީފި ލިސްޓެއް."

"އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ސަމަދު ހިތްވަރުދިނެވެ. "ޒޫނާޔާ ދޭތެރޭގަ އަހަރެންގެ އެއްވެސް ޝައްކެއް ނެތް. އެކަމަކު، ޖިނާ ބިރުގަންނަވާކަށް ނޫން މި އުޅެނީ އިނގޭ. ޒޫނާއަކީ ތި ބުނާ ކަހަލަ ޖިންނިއެއް އަވަލެވި ކުއްޖެއްކަމަށް ވަންޏާ، ޒޫނާ ކައިވެންޏެއްކުރަން ދިމާކުރާ ވަގުތު ދެއަތް އުރާލައިގެނެއް އޭނައެއް ނުހުންނާނެ. ޒޫނާގެ އެ ސްޓޯރީ އަހަރެން ގަބޫލުކުރަމެކޭ ނޫން. އެކަމަކު ޒޫނާއަށް އެހެން ދިމާވިކަމަށް ވާނަމަ ދެން ވެދާނެގޮތް މި ބުނީ. އެއީ އަހަރެން ކަންބޮޑުވާ ކަމަކީ ވެސް. އަހަރެންގެ ވާހަކައަކީ ޗާންސަކަށް އެއްވެސް ކަމެއް ދޫކޮށްނުލައްޗޭ!"

ސަމަދު ދެއްކި ވާހަކަތައް ޖިނާގެ ސިކުނޑީގައި ވަރަށް ވަރުގަދަޔަށް ހަރުލިއެވެ. ގެއަށް އައި މަގުމަތީގައި ވެސް ޖިނާއަށް ވިސްނުނީ އެ ކަމަށެވެ. ގެއަށް ވަންގޮތަށް އައިނު ޖީބަށްލަމުން ޖިނާ ވަނީ މަންމަގެ ކޮޓަރިއަށެވެ. މަންމަ ހުރީ ނަމާދަށެވެ.

ނުނިމޭ