21 ޖުލައި 2018 - 23:12

ހަފުތާ ފެށިގެން މި އަންނަނީ ބޮލީވުޑްގެ ވަރަށް ބޮޑު ޚަބަރަކާ އެކުގަ އެވެ. އެއީ ލޯބީގެ މައްސަލައެއްގައި ބޮޑު އަރައިރުންގަނޑެއް މީޑިއާތަކުގައި ހިންގާފައިވާ ރިތިކް ރޯޝަނާއި ކަންގަނާ ރަނާވަތު އަނެއްކާ ވެސް ކުރިމަތިލުމަކަށް ދާން އުޅޭ ވާހަކައާ އެކުގަ އެވެ.
އެކަމަކު މި ފަހަރު ޒާތީ ކަމަކާ ހެދިއެއް ނޫނެވެ. ކެރިއަރުގެ މުހިއްމު މަސައްކަތްތަކަކާ އެކުގަ އެވެ.
މި އަހަރު ނޮވެމްބަރުގައި ރިލީޒް ކުރަން ކުރިން ނިންމާފައި އޮތް ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަންނަ އަހަރަށް ފަސްކުރުމަށް ފަހު މިހާރު ވަނީ ފިލްމް ރިލީޒް ކުރާނެ ރަސްމީ ތާރީހު އިއުލާންކޮށްފަ އެވެ.
އެއީ ޖެނުއަރީ، 25، 2019 ގަ އެވެ. އެ ތާރީހަކީ ރިތިކް ރޯޝަން ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ސުޕަ 30" ރިލީޒް ކުރަން އޮތް ތާރީހެވެ. އެ ފިލްމަކީ 2014 ގެ "ކްއީން" އިން ކަންގަނާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދައި ދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ސްޕަ 30" ގައި ރިތިކް ފެނިގެން ދާނީ އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރްގެ ރޯލުންނެވެ.
ކޮންމެއަކަސް ކަންގަނާގެ ފިލްމާއި ރިތިކްގެ ފިލްމް އެއް ދުވަހެއްގައި ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިއުމަކީ އެއްގޮތަކަށް ވެސް އާދައިގެ ކަމަކަށް ނުވާނެ އެވެ. މިއީ ދެ މީހުންގެ މެދުގައި ރޯވެފައިވާ އަލިފާންގަނޑަށް އިތުރަށް ތެޔޮ އެޅުން ކަހަލަ ކަމެކެވެ. ދެން އޮތީ އެއް ދުވަހެއްގައި ފިލްމް ރިލީޒްކޮށްގެން ކުރި ހޯދަނީ ކާކުތޯ ބަލަން މަޑުކޮށްލައިގެން ތިބުމެވެ.
އަންނަ މަހުގެ 31 ގައި ރިލީޒް ކުރަން އޮތް ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ "ބައްތީ ގުލް މީޓަރު ޗާލޫ" ސެޕްޓެމްބަރު މަހުގެ 14 އަށް ފަސްކޮށްފައި، އޭގެ ފަހުން 24 ގަޑި އިރު ވެސް ނުވަނީސް ސެޕްޓެމްބަރު 21 އަށް ފިލްމް ފަސްކޮށްލީ ބޮޑު އެހެން ފިލްމަކާ ބޮކްސް އޮފީހުގައި ކޯޅުމަކަށް ނުދާންވެގެންނެވެ.
އެކަމަކު މިހާރު މިވީ ގޮތުން އެ ފިލްމާ އެކު ހަމަ އެ ތާރީހުގައި އަނޫރާގް ކެޝަޕް ޑައިރެކްޓްކޮށްފައިވާ "މަންމަރްޒިޔާން" ސިނަމާތަކަށް އަންނާނެ އެވެ. އެ ފިލްމްގެ ފަސްޓްލުކް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މި ފިލްމްގެ ތަރިންނަކީ އަބީޝެކް ބައްޗަން އާއި ތާޕްސީ ޕައްނޫގެ އިތުރުން މި އަހަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ރާޒީ" އާއި "ސަންޖޫ" ގައި މޮޅު އެކްޓިންއެއް ދައްކުވައި ދިން ވިކީ ކޯޝަލް އެވެ.
ތާރީހީ ހާދިސާތަކަށް ފިލްމްތައް ގެނެސް ދޭން ކުޅަދާނަ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ އާ ފިލްމް "ޕަނިޕަޓް" ގެ މިއުޒިކް ތައްޔާރުކޮށް ދޭން އަޖޭ-އަތުލްއާ ހަވާލުކޮށްފި އެވެ. އެ ދެ ފަންނާނުންނަކީ ހުކުރު ދުވަހު ރިލީޒް ކުރި "ދަކަޅް" ގެ ވެސް މިއުޒިކް ކޮމްޕޯޒަރުންނެވެ.
މި އަހަރުގެ ފަހުކޮޅަށް ޝޫޓިން ތާވަލުކޮށްފައިވާ "ޕަނިޕަޓް" ގެ ލީޑް ކާސްޓުންނަކީ އަރްޖުން ކަޕޫރާއި ކިރިތީ ސެނަންގެ އިތުރުން ސަންޖޭ ދަތު އެވެ. މި އަހަރުގެ ކުރީކޮޅު ވަނީ ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފަ އެވެ.
"ޕަނިޕަޓް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު، 6، 2019 ގަ އެވެ. ފިލްމްގެ ޝޫޓިން ފެށުމަށްޓަކައި އަޝުތޯޝް އާއި އޭނާގެ ޓީމުން މިހާރު އަންނަނީ ބިޔަ ސެޓްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
"ޖޯދާ-އަކްބަރު" އާއި "ލަގާން" ފަދަ ކާމިޔާބު މޮޅެތިފިލްމްތައް ގެނެސް ދިން އަޝުތޯޝް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ރިތިކް ރޯޝަނާއި އަލަށް ތައާރަފު ކުރި ޕޫޖާ ހެގްޅޭ ލީޑް ރޯލް ކުޅުނު 2016 ގެ ފްލޮޕް ފިލްމް "މޮހެންޖޮ ދާރޯ" އެވެ.