"ކަސޯޓީ" ގެ އާ ސީޒަނުގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި
"ކަސޯޓީ" ގެ އާ ސީޒަނުގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި

"ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަން ފަށަން ތައްޔާރުވަނީ އެވެ. މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭ ސިލްސިލާގެ ފުރަތަމަ ޕްރޮމޯ މިހާރު ވަނީ ދައްކާލައިފަ އެވެ.

ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވަނީ އޭނާގެ އިސްޓްގަރްމާގައި މި ޕްރޮމޯ ހިއްސާކޮށްފަ އެވެ.

ކުރިން ވެސް "ކަސޯޓީ" ގެނެސް ދިން ސްޓާ ޕްލަސް އިން އާ ސީޒަން ވެސް ގެނެސްދޭ އިރު، ޕްރޮމޯ އިން ކަށަވަރުވި ހަމައެކަނި ކަމަކީ މި ފަހަރު ސިލްސިލާގައި ޕްރޭނާގެ ރޯލް ކުޅޭނީ ޒުވާން ބަތަލާ އެރިކާ ފެނަންޑޭޒްކަމެވެ.

ޕްރޮމޯ އިން އިން ފެންނަނީ އޭނާކަން ކަށަވަރުކޮށްދީފައި ވަނީ މޫނުގެ ކްލޯޒްއަޕް ޝޮޓްތަކާއި ފޭޑްކޮށްފައި ހުރި މަންޒަރުތަކުންނެވެ. "ކަސޯޓީ" ގެ ރަސްމީ ތީމް ލަވައިގައި މި ފަހަރު ވެސް ރަތް ދޯޕައްޓާ ހިމަނާފައިވާ އިރު، އެރިކާއާ އެކު އެކްޓަރެއްގެ ގޮތުގައި ފެންނަނީ ކާކުކަން ކަށަވަރުވާ ވަރެއް ނުވެ އެވެ.

އެކަމަކު އެއީ ޔަގީނުން ވެސް އަނޫރާގްގެ ރޯލުން ފެނިގެންދާނެ އެކްޓަރެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ކަސޯޓީ" ގެ އާ ސީޒަނުގައި އަނޫރާގްގެ ރޯލުން ފެނިގެން ދާނީ "ކެއިސީ ހޭ ޔާރިއާން" ފަދަ ސިލްސިލާތައް ކުޅެފައިވާ ޕާތު ސަމްތާން އެވެ.

ކުރިން އަޑު އަރާފައި އޮތް ގޮތުން އަނޫރާގްގެ ރޯލުން ފެނިގެން ދާނީ އެރިކާއާ އެކު ސޮނީން ގެނެސް ދިން "ކުޗް ރަންގް ޕިޔާރް ކޭ އެއިސާ ބީ" ގައި ބަތަލުގެ ރޯލް ކުޅުނު ޝަހީރް ޝެއިހް ނުވަތަ ކަލާޒުން ގެނެސްދޭ "ކަސަމް" ގެ އެކްޓަރު ޝަރަދު މަލްއުތުރާ އެވެ. ޕްރޮމޯ އިން ފެންނަ ގޮތުގައި އެރިކާ އެކު ފެންނަނީ އެ ދެ ތަރިންކުރެ މީހަކު ނޫނެވެ.

"ކަސޯޓީ" ގެ އާ ސީޒަންގެ ކާސްޓް އަދި ސިއްރުކޮށްގެން އުޅޭ އިރު، ދެން ގިނަ ބަޔަކު އެންމެ ބޮޑަށް ބޭނުން ވަނީ ބަޖާޖުގެ ރޯލް ކުޅޭނެ އެކްޓަރަކާއި ކޮމަލިކާގެ ރޯލް ކުޅޭނެ ބަތަލާއަކީ ކޮބައިތޯ ބެލުމެވެ. ކުރިން ޕްރޭނާގެ ރޯލް ކުޅުނު ޝްވެތާ ތިވާރީއާ އެކު މިސްޓަ. ބަޖާޖްގެ ރޯލް ކުޅުނީ ރޯނިތު ރޯއި އެވެ. އަދި ކޮމަލިކާގެ ރޯލް ކުޅުނީ އުރްވަޝީ ދޮލަކިއާ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ކޮމަލިކޯގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ސްޓާ ޕްލަސް އިން ގެނެސްދޭ
ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ގައި ކުރިން އަކްޝަރާގެ ރޯލް ކުޅުނު ހީނާ އެވެ. އޭނާ ވަނީ "ކަސޯޓީ" ގެ ރޯލެއް ހުށަހެޅިކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

އެކަމަކު ކޮމަލިކާގެ ރޯލުން ފެންނާނެކަން ޔަގީންކޮށްދޭން ހީނާ ވަނީ ދެކޮޅު ހަދައިފަ އެވެ.

ކޮންމެއަކަސް "ކަސޯޓީ" ޕްރޮމޯއާ އެކު މިއޮތީ ބެލުންތެރިންގެ ހިތްތައް ތަޅުވާލައިފަ އެވެ. ދެން އިންތިޒާރު ކުރަންވީ ޝޯ ދައްކަން ފަށާނެ އިރަކަށެވެ. ޕްރޮމޯގައި ބުނާ ގޮތުން ދެން މާ ލަހެއް ނުވެ އެވެ.

ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ހިންދީ ސިލްސިލާތަކުގެ ފޯރި ހިއްޕުވައި ދިން "ކަސޯޓީ" އަކީ 2001-2008 އަށް ގެނެސް ދިން ވަރަށް ކާމިޔާބު ސިލްސިލާއެކެވެ.

އެ މުއްދަތުގެ ތެރޭގައި އެ ސިލްސިލާގެ 1،423 އެޕިސޯޑް، ބިޔަ ކާސްޓަކާ އެކު ގެނެސް ދިނެވެ.