21 ޖުލައި 2018 - 14:33

ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލް ކަހާލައިގެން ވެއްޓި މުހައްމަދު ޖަޒްލާން ޖަލީލް ރޭ މަރުވީ ގެއަށް ދިޔަ މަގުމަތީގައި ކަމަށް އޭނާގެ ބައެއް ރައްޓެހިން މިއަދު ބުނެފި އެވެ.

ޅ. އޮޅުވެލިފުށި، ހުވަނދުމާގެ، ޖަޒްލާން 18، މަރުވީ ހުޅުމާލޭ ފިތުރޯނު މަގުގައި، ލަގްޒަރީ ފްލެޓްތަކެއް އިމާރާތްކުރާ ސައިޓަކުން ފެން ބޭރުކުރަން މަގު ހުރަސްކޮށް އަޅާފައިވާ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެންނެވެ. ސައިކަލުން ވެއްޓި އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، އޭނާ ވެއްޓުނު ސަރަހައްދުގައި ލޭ ކޯރެއް ހެދިފައި އޮތެވެ.
ޖަޒްލާންގެ ބައެއް އެކުވެރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާ އެކްސިޑެންޓުވީ ރައްޓެހިންތަކަކާ އެކު ބޭރުގައި އުޅުމަށް ފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ. ޖަޒްލާންއާ އެކު އެންމެ ފަހުން އުޅުނު އިރު، މާ ބޮޑު ތަފާތު ކަމެއް ފާހަގަ ނުކުރެވޭ ކަމަށް އެ މީހުން ބުންޏެވެ.
"ޖަޒްލާނަކީ ވަރަށް ރަނގަޅު، ސަކަ މިޒާޖެއްގެ ކުއްޖެއް. ރޭގައި ބައްދަލުވި އިރު، ތަފާތު ކަމެއް ފާހަގައެއް ނުވޭ. ކަމަކާ ކަންބޮޑުވެގެން އުޅުނު ހެން ހިއެއް ނުވޭ. ބަލި ކަމަކަށް ވެސް ފާހަގަ އެއް ނުކުރެވޭ. ޖަޒްލާން އެކްސިޑެންޓުވި ހަބަރު ލިބުނީ ހަމަ ކުއްލިއަކަށް،" ޖަޒްލާންގެ ގާތް އެކުވެރިއަކު ކިޔައިދިނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިއުޓީ ފްރީގައި މަސައްކަތް ކުރަމުން އަންނަ ޖަޒްލާން އެ ކުންފުންޏާ ގުޅުނުތާ އަދި އަހަރެއް ނުވެ އެވެ. އާއިލާއާ އެކު އޭނާ ހުޅުމާލެއަށް ބަދަލުވެ، އެ ރަށުގައި ދިރިއުޅެން ފެށީ ވަރަށް ފަހުންނެވެ.
"ވަރަށް ބޮޑު ސިހުމެއް މި ލިބުނީ. އަދިވެސް ގަބޫލު ކުރަން ދަތިވެފައި މިހުރީ ޖަޒްލާން މި ދުނިޔެ ދޫކޮށްފައި ދިޔަ ކަމަށް،" ޖަޒްލާންގެ އެހެން އެކުވެރިޔަކު ބުންޏެވެ.
"ޖަޒްލާންގެ އޮންނާނެ ހުޅުމާލޭގައި ރައްޓެހިންގެ ގްރޫޕެއް، އެމީހުންނާއެކީގައި ގިނައިން އުޅޭނީ ވެސް،"
ޖަޒްލާނަކީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅޭ ޒުވާނެކެވެ. އޭނާގެ ހިދުމަތް ބަލައިގަނެ، އެ ޖަމިއްޔާ އިން ވަރަށް ފަހުން އެވޯޑެއް ވެސް ދިނެވެ. ޖަޒްލާނަކީ ރޭސިން ގްރޫޕެއްގައި، ރޭސް ޖެހުމުގައި ވެސް ބައިވެރިވެ އުޅުނު ޒުވާނެކެވެ.
"މީހުންނަށް ވަރަށް އެހީތެރިވާނެ ޖަޒްލާން. ރައްޓެހިންނާ ގުޅޭ މުރާލި ކުއްޖެއްގެ ގޮތުގައި ގިނަ ބަޔަކު ޖަޒްލާން ސިފަ ކުރަނީ. އަނެއްކާ އެހާ ސަކަރާތް ވެސް ޖަހާނެ،" އެކުވެރިޔާ ބުންޏެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ޖަޒްލާން ދުއްވި ސައިކަލް ބަމްޕަރުގައި ޖެހި އޭނާ ވިއްސައިގެން ދިޔައީ ވަރަށް ދުރަށެވެ. އެއާއެކު، އޭނާގެ ބޯ ތާރުގަނޑުގައި ޖެހި ހަރަކާތް އެއްކޮށް ހުއްޓުނު ކަމަށް ވެ އެވެ.
ޖަޒްލާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެކަމަކު، އޭނާގެ ހާލު ސީރިއަސްވެގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ ރޭ ދަންވަރު އެވެ.
ހުޅުމާލޭގައި މަގު ހުރަސްކޮށް ފެން ހޮޅި އެޅުމަށް ހަދާފައިވާ ބަމްޕަރެއްގެ މަތިން ސައިކަލެއް ކައްސާލައިގެން ވެއްޓި މީގެ ކުރިން ވެސް ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެ އެވެ.
ޖަޒްލާނަކީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުތަކުގައި މަރުވި ތިން ވަނަ މީހާ އެވެ. އޭނާގެ ކަށު ނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު ހުޅުމާލެ ވަގުތީ މިސްކިތުގަ އެވެ.