ކުޅިވަރު ކުޅުންތެރިންނަށް މުހިއްމު ޑިވައިސްއެއް
ކުޅިވަރު ކުޅުންތެރިންނަށް މުހިއްމު ޑިވައިސްއެއް

ހުރިހާ ކުޅިވަރެއްގައި ވެސް މިހާރު ޓެކްނޮލޮޖީ އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ނިމިގެންދިޔަ ވޯލްޑް ކަޕްގައިވެސް ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީން ވަނީ ފެނިފައެވެ. ގެންގުޅުނު ބޯޅައަކީ ވެސް އެންއެފްސީ ޗިޕެއް ހަރުކޮށްގެން ބޭނުންކުރި ބޯޅައެކެވެ. ކުޅުމުގެ ފެންވަރު ރަގަޅުކުރުމަށް މިހާރުގެ ކުޅުންތެރިން އެކި ކަހަލަ އެޕްތަކާއި ގިޒްމޯތަކާއި އާލާތްތައް ބޭނުންކުރެއެވެ. މިތަކެތީގެ އަގުބޮޑުކަމުން އާދައިގެ ކުޅުންތެރިންނަށް ގަނެވޭ ވަރެއް ނުވެއެވެ. އެކަމަކު ޓީގޯލްއަކީ އެންމެ އާދައިގެ ކުޅުންތެރިންނަށް ވެސް ބޭނުންކުރެވޭނެ އާލާތެކެވެ.

ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ޓީގޯލްއިން ފަރުމާކޮށްފައިވާ ޓީގޯލް ޑިވައިސަކީ ޕްރޮފެޝަނަލް ފެންވަރުގައި ތިމާގެ ފުޓުބޯޅަ ކުޅުމުގައި އިސްލާހުކުރަންވީ ކަންކަމާއި ރަގަޅަށް ކުރެވޭ ކަންކަމާއި ވިސްނަންޖެހޭ ކަންކަން އިތުރަށް ދެނެގަނެވޭނެ އާލާތެކެވެ.

ޓީގޯލްގައި ހިމެނޭ އެކްސެލެރޮމީޓަރާއި ޖީޕީއެސްގެ އެހީގައި ހޯދޭނެ މައުލޫމާތުގެ ތެރޭގައި ކުޅުންތެރިޔާގެ ދުވެއްޔާއި ރާސްތާ އާއި ހަކަތަ ބޭނުންކުރެވުނު މިންވަރާއި އެންމެ ބާރު ދުވެއްޔާއި ދުވުމުގެ ފެންވަރު ފަދަ ކަންކަން ހިމެނެއެވެ. އަދި ދަނޑުގައި ކުޅުންތެރިޔާ އޭނާގެ ފެންވަރު ދެއްކި މިންވަރާއި ދަނޑުމަތީގައި ހަރަކާތްތެރިވެ އުޅުނު ސަރަހައްދުތައް އެނގޭނެ ޗާޓެއް ވެސް ފަހުން ބަލައިލަން މީގެ އެޕްގައި ރައްކާކުރެވެއެވެ.

ޓީގޯލްއަކީ ކުޑަކުޑަ މައުދަން ފޮއްޗެކެވެ. ޓީޝާޓްގައި، ކަށިމަތީގައި ނުވަތަ އަތުގައި އަޅާ އުޅައަކަށްލާ ރައްކާކޮށްގެން ވެސް، ބޯޅަ ކުޅޭއިރު މި މައުދަން ފޮތި ބޭނުންކުރެވެއެވެ. ކުޅެން ނުކުންނަންވީމާ ޓީގޯލް ސެންސަ މީގެ އެޕާ ގުޅާލަންވީއެވެ. ކުޅެ ނިމިގެން އެޕް ހުޅުވާލުމުން ބޭނުންވާ ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެއެވެ. ކުޅުމުގެ ފެންވަރާއި، ބުންވަރާއި، ދަނޑުމަތީގައި ވަގުތު ހޭދަކުރެވުނު ހިސާބުތައް ބަލައިގެން އިތުރަށް ރަގަޅުކުރަންވީ ކަންކަން، ޓީގޯލުން ދެނެގަނެވޭނެއެވެ. އަދި މުޅި ޓީމްގެ ޕަފޯމަންސާއި ވަކިވަކި ކުޅުންތެރިންގެ ފެންވަރު އަޅައިކިޔެން ވެސް ހުރެއެވެ.

ޓީގޯލަކީ ދަނޑުން ބޭރުގައި ވެސް ބޭނުންކުރެވޭނެ ފިޓްނަސް އެކުވެރިޔެކެވެ. ފިޔަވަޅުގެ އަދަދާއި ކެލޮރީގެ މިންވަރާއި ދަތުރުކުރެވުނު ދުރުމިން ދެނެގަތުމުގައި މި ވައްތަރުގެ އެހެން އާލާތްތަކަށް، ޓީގޯލް ވަކި ދުލެއް ނުކުރެއެވެ.

ޓީގޯލަކީ މީގެ އެންމެ ފުރަތަމަ އާލާތަށް ނުވެދާނެއެވެ. އެކަމަކު މިއީ އަތްފޯރާ އަގެއްގައި ވިއްކާ މީގެ ފުރަތަމަ ޑިވައިސް އެވެ. މިވަގުތު ޓީގޯލްއަށް އޯޑަރުކުރެވެން ހުރީ 80 އެމެރިކާ ޑޮލަރަށެވެ. މިހާރު އޯޑަރުކުރާ މީހުންނަށް މީގެ ޑިވައިސް ލިބޭނީ ސެޕްޓެމްބަރު މަހުއެވެ.