ޗައިނާއަކީ މިހާރު ސްމާޓްފޯނުގެ ވިޔަފާރީގައި ވެސް ކާމިޔާބީ ހޯދަމުން އަންނަ ގައުމެކެވެ. ޝޯމީ އަކީ ސްމާޓްފޯނުގެ ދުނިޔޭގައި މިހާރު ނަން ހިނގާ ކުންފުންޏެކެވެ. އެކުންފުނިން މިހާރު ބާޒާރަށް ނެރެގެން އުޅޭ އުފެއްދުމަކީ ޝޯމީ މީ މެކްސް3 އެވެ. މިއީ މީގެ އެހެން ފޯނުތަކަށްވުރެ ނިސްބަތުން ބަލާބެލުމަށާއި ބެޓެރީގެ ބާރަށް ބެލި ނަމަވެސް އަޅައިގަންނަހާ ބޮޑު ފޯނެކެވެ.

މީ މެކްސް3ގެ ސްކްރީންގެ ބޮޑުމިނުގައި 6.9 އިންޗި ހުރެއެވެ. ސްކްރީންގެ ރޭޝިޔޯއަކީ 18:9 އެވެ. ރިޒޮލިޔުޝަންއަކީ 1080 ޕީއެވެ. ބެޓެރީގެ ބާރު ވެސް އެންމެ ފަހުން ނުކުތް މީގެ ފޯނާ އަޅާބަލާއިރު ވަރަށް ބޮޑެވެ. ބުނެވޭ ގޮތުގައި ގަޑިއެއްގެ އިރުތެރޭ 71 ޕަސެންޓަށް ޗާޖުކުރެވޭނެއެވެ.

ޝޯމީ މީ މެކްސް3 ގެ ހާއްސަ ސިފަތަކުގެ ތެރޭގައި 12 މެގަޕިކްސަލް އާއި 5 މެގަޕިކްސަލްގެ ދެ ކެމެރާ ހިމެނެއެވެ. މީގައި އަޅުވާފައިވާނީ ސްނެޕްޑްރެގަން 636 އެވެ. އަދި 6 ޖީބީ ރެމްއަކާއި 128 ޖީބީގެ ސްޓޯރޭޖް އެކުލެވެއެވެ. އަދި 8 މެގަޕިކްސަލް ސެލްފީ ކެމެރާއެއް ވެސް ހިމެނެއެވެ.

މީ މެކްސް3 ވިއްކާނީ އެންމެ ދަށްވެގެން 250 އެމެރިކާ ޑޮލަރަށެވެ. މި މޮޑެލް ލިބެން ހުރީ ކަޅުކުލަ އާއި ނޫކުލަ އާއި ރަންކުލައިންނެވެ. ޗައިނާގައި މީ މެކްސް3 ވިއްކަން ފެށި ނަމަވެސް އެހެން ގައުމެއްގައި މި ފޯނު ވިއްކަން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.