މެޑްރިޑުން ބްރެޒިލްގެ ތަރި ތައާރަފްކޮށްފި
މެޑްރިޑުން ބްރެޒިލްގެ ތަރި ތައާރަފްކޮށްފި

މެޑްރިޑް (ޖުލައި 21) – މީގެ އަހަރެއްހާ ދުވަސް ކުރިން ރެއާލް މެޑްރިޑަށް ސޮއިކުރި ބްރެޒިލްގެ އުމުރުން 18 އަހަރުގެ ފޯވާޑް ވިނީޝަސް ޖޫނިއާ އެ ކްލަބުން އިއްޔެ ތައާރަފްކޮށްފި އެވެ.

ބްރެޒިލްގެ ފްލެމިންގޯ އަށް ކުޅެމުން އައި ކުޅުންތެރިއާގެ ސޮއި މެޑްރިޑުން ހޯދީ 45 މިލިއަން ޔޫރޯ އަށެވެ. މިއީ 19 އަހަރުން ދަށުގެ ކުޅުންތެރިއަކަށް ކްލަބަކުން މިހާތަނަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ. އޭނާ ކުރިއަށް އޮތް ސީޒަނުން ފެށިގެން މެޑްރިޑުގެ ސީނިއާ ޓީމަށް ކުޅޭނެ އެވެ.

ވިންގަށާއި ފޯވާޑުގެ މަގާމަށް ވެސް ކުޅެވޭ މި ކުޅުންތެރިއާ އަކީ މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ސިފަކުރެއްވި ގޮތުގައި މިހާރު ވެސް ބްރެޒިލާއި ދުނިޔޭގެ ފުޓްބޯޅައިގެ އުއްމީދުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ކުޅުންތެރިއެކެވެ.

މެޑްރިޑަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ ވެސް ބައިވެރިވި ރަސްމިއްޔާތުގައި ވިނީޝަސް ބުނީ އުމުރުން އެންމެ 18 އަހަރުގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހަށް އާދެވުނީތީ ފަހުރުވެރިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕީއެސްޖީގެ ނޭމާއާ އެއް ސްޓައިލަކަށް ކުޅޭ ވިނީޝަސް ކުރިން ބުނީ ސީދާ ނޭމާ އަށް ވުމުގެ ޝައުގެއް ނެތް ކަމަށާއި ބޭނުންވަނީ އަމިއްލަ ކެރިއަރެއް ބިނާކުރަން ކަމަށެވެ. އަދި ބައިވަރު ކާމިޔާބީތަކެއް ހޯދައި، ބްރެޒިލްގެ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭން ކަމަށް ވެސް ބުނެފައިވެ އެވެ.

ވިނީޝަސް ވަނީ މިދިޔަ އަހަރުގެ 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދިއިރު ހަތް ގޯލް ޖަހާފައިވެ އެވެ.