22 ޖުލައި 2018 - 06:46

ބޮލީވުޑްގެ ފިލްމަކަށް ލަވަ ކިޔައިދިން ބޭރުގެ ފަންނާނުންގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން އަދި އޮސްޓްރޭލިއާގެ އަންހެން ލަވަ ކިޔުންތެރިޔާ ކައިލީ މިނޯގް ފާހަގަކޮށްލެވެ އެވެ.
ދާދި ފަހުން އިނގިރޭސި ލަވަކިޔުންތެރިޔާ ޒޭން މާލިކް ވެސް ބުނި ގޮތުގައި އޭނާ ވަނީ ހިންދީ ފިލްމަކަށް ލަވައެއް ރެކޯޑްކޮށްފަ އެވެ. އަދި އާ އަލްބަމްގައި އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މިއުޒިޝަން އޭއާރް ރަހްމާނާ އެކު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ޒޭން ބުނެފައިވެ އެވެ.
މި ލިސްޓަށް ދެން އިތުރުވާ ނަމަކީ ސެލީނާ ގޮމޭޒް، 25، އެވެ. މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ސެލީނާ ބުނީ އޭނާއަކީ ބޮލީވުޑްގެ ބައެއް މިއުޒިޝަނުން ފޮލޯކުރާ މީހެއް ކަމަށެވެ.
"އޭގެ ތެރޭގައި ހިމެނޭ ރަހްމާން. އަހަންނަށް ވަރަށް ކަމުދާ އިތުރު މިއުޒިޝަނުންތަކެއް ވެސް އިންޑިއާގައި އެބަތިބި. ކޮންމެވެސް ދުވަކުން އަހަރެން ބޭނުން ހިންދީ ލަވައެއް ކިޔާލަން،" ބޭޑް ލަޔާ، ހޭންޑްސް ޓް މައި ލައިފް އަދި ކަމް އެންޑް ގެޓް އިޓް ބެކް ފަދަ މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ އަހަރުގެ ސެލީނާ ބުންޏެވެ. "އަދި ރަހްމާނާ އެކު މަސައްކަތްކޮށްލަން ފުރުސަތެއް ލިބޭނެ ދުވަހަކަށް އުންމީދު ކުރަން."
އޭނާ ބުނި ގޮތުގައި ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔައިލުމަކީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ. އަދި އެފަދަ ފުރުސަތެއް ލިބޭ ދުވަހަކުން އޭގެ ބޭނުން ހިފާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރު ކިޑްނީގެ ޓްރާންސްޕްލާންޓެއް ވެސް ހެދި ލަވަކިޔުންތެރިޔާގެ އެންމެ ފަހުގެ ލަވައަކީ ދާދި ފަހުން ނެރުނު ސިންގަލް "ބެކް ޓް ޔޫ" އެވެ.
އޭކަން ލަވައެއް ކިޔައި ދިން ހިންދީ ފިލްމަކީ ޝާހްރުކް ހާނާއި ކަރީނާ ކަޕޫރްގެ ރާ.ވަން (2011) އެވެ. ކައިލީ ލަވަ ކިޔައި ދިން ބޮލީވުޑް ފިލްމަކީ 2009 ގައި ރިލީޒް ކުރި އަކްޝޭ ކުމާރްގެ "ބްލޫ" އެވެ.