21 ޖުލައި 2018 - 08:28

މޯލްޑިވްސް ގޭސް ދިގުފެތުމުގެ ގައުމީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އަލީ އިއްމާން ހޯދިއިރު އަންހެން ޗެމްޕިއަންކަން އައިޝަތު ސާޖިނާ ހޯދައިފި އެވެ.

ބަދަލުތަކާ އެކު ކ. ދިއްފުށީގައި މި ފަހަރުގެ މުބާރާތް ކުރިއަށްގެންދިޔައިރު، ފަސް ކިލޯމީޓަރުގެ ފިރިހެން ބައިގައި 22 ފެތުންތެރިން ވާދަކުރިއިރު އިއްމާން ޗެމްޕިއަންކަން ހޯދީ 1 ގަޑި 29:38 މިނެޓުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔައީ 1 ގަޑި 30:08 މިނިޓުން ރޭސް ނިންމި ހަސަން އަޝްރަފް އެވެ. ތިން ވަނަ އަށް ދިޔައީ 1 ގަޑި 30:23 އިން ރޭސް ނިންމި އިބްރާހިމް މައިޝާން ޝަމީމް އެވެ.

ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އިއްމާން ބުނީ އޭނާގެ ޓާގެޓަކަށްވީ ފެށި ގޮތަށް ނިމެންދެން އެއް ވަނައިގައި އޮވެ ރޭސް ނިންމާލުން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މުބާރާތުގެ އެއް ވަނަ ހޯދަން ވަރަށް ދުރާލާ ތައްޔާރުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ދެ ވަނަ އަށް ދިޔަ އަޝްރަފް ބުނީ އެއް ވަނަ ހޯދަން ޓާގެޓް ކުރި ނަމަވެސް އެކަން ހާސިލްނުވީ ކަމަށާއި ދިގު ފެތުމަށް އެހާ ބޮޑު ޕްރެކްޓިސްތަކެއް ނުކޮށް އައުމުން އުނދަގޫތަކެއް ދިމާވި ކަމަށެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ގައުމީ ޓީމުގެ ފެތުންތެރިއާ ސާޖިނާ ހޯދީ 1 ގަޑި 41:26 މިނިޓުން ރޭސް ނިންމައިގެންނެވެ. ނުވަ ފެތުންތެރިން ވާދަކުރި މި ބައިގެ ދެ ވަނަ އަށް ދިޔައީ 1 ގަޑި 44:47 މިނިޓުން ނިންމި އައިމިނަތު އިރަމް ސަލީމް އެވެ. ތިން ވަނަ އަށް ދިޔަ އަންމާއު އަހުމަދު ސަލީމް ރޭސް ނިންމީ 1 ގަޑި 44:52 މިނިޓުންނެވެ.

ރާއްޖޭގެ އެއް ވަނަ ފެތުންތެރިއާގެ މަގާމު ހޯދާފައިވާ ސާޖިނާ ބުނީ ފަތަމުން ދިޔައިރު ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްވެގެންދިޔަ ކަމަށާއި ކާމިޔާބު ލިބުނީ ހިތްވަރު އެލުވާނުލައި ކުރިއަށް ދިއުމުން ކަމަށެވެ.

ޖޫނިއާ ބައިގައި ތިން ކިލޯމީޓަރު ފަތަންޖެހޭއިރު، މީގެ ފިރިހެން ބައިގައި ފަސް ފެތުންތެރިން އަދި އަންހެން ބައިގައި ތިން ފެތުންތެރިން ވާދަކުރި އެވެ. ފިރިހެން ބައިން އެއް ވަނަ ހޯދީ 1 ގަޑި 01:22 މިނިޓުން ރޭސް ނިންމި މުހައްމަދު ޖޫދު ފަޔާޒް އެވެ. ދެ ވަނަ އަށް ދިޔަ މުހައްމަދު ރިހާން ޝިޔާމް ރޭސް ނިންމީ 1 ގަޑި 01:26 މިނިޓުންނެވެ. ތިން ވަނަ އަށް ދިޔައީ އިބްރާހިމް ނަފީލް އިސްމާއިލް އެވެ.

އަންހެން ބައިން އެއް ވަަަނަ އަށް ދިޔައީ މަރިޔަމް ނަބާހަތު އާޒިމް އެވެ. އޭނާ ރޭސް ނިންމީ 1 ގަޑި 18:03 މިނިޓުންނެވެ. ދެ ވަނަ އަށް ދިޔަ ޖުމައިރާ އައިމިނަތު އާމިރް 1 ގަޑި 18:04 މިނިޓުން ރޭސް ނިންމިއިރު، ތިން ވަނަ އަށް ދިޔައީ 1 ގަޑި 18:10 މިނިޓުން ރޭސް ނިންމި ޒައިނަބް އަބްދުﷲ ޝަފީގް އެވެ.

އެއް ކިލޯމީޓަރު ފެތުމުގެ ސްވިމް ޗެލެންޖުގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ 21 މިނިޓް 34 ސިކުންތުން ނިންމި ޔޫސުފް ނުހައިކް ނަސީމް އެވެ. ދެ ވަަނަ އަށް ދިޔައީ ހުސެއިން އަލްސަން މުހައްމަދު އެވެ. އޭނާ ރޭސް ނިންމީ 21 މިނިޓް 38 ސިކުންތުންނެވެ. ތިން ވަަނަ އަށް ދިޔަ އަހުމަދު ނީކް ނިޔާޒް ރޭސް ނިންމީ 22 މިނިޓް 18 ސިކުންތުންނެވެ.
އަންހެން ބައިގެ އެއް ވަނަ ހޯދީ ފާތިމަތު އީޝަލް އައްސަދު ހަނީފް އެވެ. އޭނާ ރޭސް ނިންމީ 25 މިނިޓް އަށް ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އީން އައްބާސް ޝަރީފް ރޭސް ނިންމީ 26 މިނިޓް ދެ ސިކުންތުންނެވެ. ތިން ވަނަ ހޯދި އައިޝަތު ތީޝާ މުހައްމަދު ރޭސް ނިންމީ 26 މިނިޓް ހަތް ސިކުންތުންނެވެ.
ފައްސަތޭކަ މީޓަރު ފަތަން ޖެހޭ ކުޑަކުދިންގެ ބައި ދެ ފިރިހެން ފެތުންތެރިންނާއި ހަތް އަންހެން ފެތުންތެރިން ވަނީ ފުރިހަމަ ކޮށްފަ އެވެ. އެއީ ފިރިހެން ބައިން އިޒްޔާން ނާޒިމް އާއި މުހައްމަދު އާން އަނަސް ވަހީދު އެވެ. އަދި އަންހެން ބައިން އަޔާނާ އަރީފް، މީރަލް އައިން ލަތީފް، މަރިޔަމް އަގްސާ އައްސަދު ހަނީފް، ޒީކް އަޝްރަފް ރަޝީދު، ހަނާން ހުސެއިން ހަލީމް، އައިމިނަތު ރިދާ މައުސޫމް އަދި ޒަހާ ޒައިދުލް ހަލީލް ރޭސް ފުރިހަމަކުރި އެވެ.
ދިގު ފެތުމުގެ މުބާރާތުން ވަނަތަކަށް ހޮވުނު ފެތުންތެރިންނަށް ފައިސާގެ އިނާމްތަކުގެ އިތުރުން އި އިވެންޓުގެ ކޯ ސްޕޮންސަރުން ކަމަށްވާ މާލެ ފިޓްނަސް ކްލަބުން ވަނީ އެ ކްލަބްގެ ޖިމް އިން އެއް މަސްދުވަހުގެ މެމްބަޝިޕް އިނާމެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.
މުބާރާތުގެ ދިގު ފެތުމުގެ ބައި އިއްޔެ ނިމިގެންދިޔައިރު، މިއަދު އޮންނާނީ ގައުމީ އެކުއަތެލޯން މުބާރާތެވެ. ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ މި މުބާރާތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ. އެކުއަތެލޯން އަކީ ފެތުމާއި ދުވުން ހިމެނޭ އިވެންޓެކެވެ. ގައުމީ ފެންވަރުގައި ބާއްވާ އެކުއަތެލޯން ފުރަތަމަ މުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް ކެޓަގަރީ ހިމެނޭ ސަބް ހަ ކެޓަގަރީ އޮންނާނެ އެވެ. އެކުއަތެލޯން އަކީ މި ފަހަރުގެ އެންމެ ފޯރިގަދަވާނެ ހަރަކާތެވެ. ރާއްޖޭގެ އެތުލީޓުންނާއި ބޭރުގެ އެތުލީޓުން ވެސް ވާދަކުރެ އެވެ. އެކުއެތަލޯންގައި އޮންނާނީ ފުރަތަމަ ދުވުމެވެ. އެއަށް ފަހު ފެތުމަށް ފަހު އިވެންޓް ނިންމަން ޖެހޭނީ ވެސް ދުވުމުގެ ރޭހަކުންނެވެ.