21 ޖުލައި 2018 - 00:05

ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއް ކައްސާލައިގެން ވެއްޓި، މިރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ އެވެ.
ހުޅުމާލޭ ފިތުރޯނު މަގުގައި، ލަގްޒަރީ ފްލެޓްތަކެއް އިމާރާތްކުރާ ސައިޓަކުން ފެން ބޭރުކުރަން މަގު ހުރަސްކޮށް އަޅާފައި އޮންނަ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެން ވެއްޓި ލިބުނު އަނިޔާތަކުގައި މަރުވީ މުހައްމަދު ޖަޒްލާން އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ވަޒީފާ އަދަކުރަމުން އައި ޒުވާނާ ދުއްވި ސައިކަލް ބަމްޕަރުގައި ޖެހުމުން އޭނާ ގޮސް ވެއްޓުނީ ވަރަށް ދުރަށް ކަމަށް، މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. އެ ވަގުތުން ފެށިގެން ވެސް އޭނާގެ ހަރަކާތެއް ނެތް ކަމަށްވެ އެވެ.
އެކްސިޑެންޓުވުމުން މިރޭ 9:00 ޖަހާއިރު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ސީރިއަސްކަމުން ފަހުން ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ޖަޒްލާނަކީ ރޭސިން ގްރޫޕެއްގައި، ރޭސް ޖެހުމުގައި ވެސް ބައިވެރިވެ އުޅުނު ޒުވާނެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އޭނާ އާންމުކޮށް ވެސް ސައިކަލް ދުއްވަނީ ބާރަށެވެ.
ހުޅުމާލޭގައި މަގު ހުރަސްކޮށް ފެން ހޮޅި އެޅުމަށް ހަދާފައިވާ ބަމްޕަރެއްގެ މަތިން ސައިކަލެއް ކައްސާލައިގެން ވެއްޓި މީގެ ކުރިން ވެސް ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެ އެވެ.