20 ޖުލައި 2018 - 22:43

އާދަމްގެފާނުން ފެށިގެން މުޙައްމަދުގެފާނާ ހަމައަށް ﷲ ފޮނުއްވެވި އެންމެހާ ނަބީންނާއި ރަސޫލުން މީސްތަކުންނަށް އަންގަވައިދެއްވަމުން ގެންދެވީ މައިގަނޑު އެއްކަންތައްތަކެވެ. ގޮވާލައްވަމުން ގެންދެވީ އެއް ދީނަކަށެވެ. އެއީ އިސްލާމް ދީނެވެ.
ސަބަބަކީ ﷲ ގެ ޙަޟްރަތުގައި (ގަބޫލު ކުރެވިގެންވާ) ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. މި ދީނުގެ ބިންގަލަކީ އެއްކައުވަންތަ ﷲ ވޮޑިގެންވާކަން ގަބޫލު ކުރުމެވެ. އަދި އެކަލާނގެއީ ހުރިހާ ފުރިހަމަ ސިފަފުޅުތަކުން ސިފަލިބިވޮޑިގެންވާ އަދި އެންމެހާ އުނިސިފަތަކުން ހުސްދުރުވެ ވޮޑިގެންވާ ކަލާނގެކަން ގަބޫލު ކުރުމެވެ.
އެއަށް ފަހު އެކަލާނގެ ފޮނުއްވާ ރަސޫލުންނަށާއި މަލާއިކަތުންނަށް އަދި އާޚިރަތް ދުވަހަށް (ހައްގު ގޮތުގައި) އީމާންވުމެވެ. އަދި ރަސޫލުންގެ މައްޗަށް ﷲ ބާވާލައްވާ ރިސާލަތުތައް ތެދުކުރުމެވެ. ހުރިހާ ނަބީންނާއި ރަސޫލުން ގޮވާލައްވަމުން ގެންދެވީ މިކަންކަން ގަބޫލު ކުރުމަށެވެ. އެނޫން އެހެން އެއްޗަކަށް ތަބާނުވުމަށެވެ.
މި ދެންނެވި މައިގަނޑު ކަންތައްތައްތަކުގެ އިތުރަށް ކޮންމެ ރަސޫލަކު ވެސް އެރަސޫލެއްގެ ރިސާލަތު އަމާޒު ކުރެވޭ ފަރާތަށް ނިސްބަތްވާ ގޮތަށް އިންސާނުންގެ ދިރިއުޅުމުގެ ޢަމަލީ ކަންތައްތަކާ ގުޅޭ ނުވަތަ ތަކުލީފު ތަކާ ގުޅޭ ޙުކުމްތަކެއްވެސް ﷲ ގެ ޙަޟްރަތުން އެބޭކަލުން ގެނެސްދެއްވަ އެވެ. މިހުކުމް ތަކަކީ އޭގެ އުސޫލުތަކަށް ބަލާއިރު އެކައްޗެއް ކަމުގައި ވީ ނަމަވެސް އެ އުސޫލުތަކުގެ ދަށުން ކުރަންޖެހޭ އަމަލީ ކަންކަމުގައި ތަނާއި ޒަމާނަށް ގުޅޭ ގޮތަށް ތަފާތުތަކެއް ހުންނަ ޙުކުމްތަކެކެވެ. މިފަދަ ޙުކުމްތަކަށް ކިޔަނީ ޝަރީޢަތެވެ.
އާންމު ގޮތެއްގައި ޝަރީޢާ އޭ ބުނުމުން މުޅި ދީނުގެ މާނަ އެއިން ދޭހަވިއަސް ޝަރީޢާގެ ޚާއްޞަ މާނަ އަކީ އަޅުކަންތަކާއި، ދިރިއުޅުމުގެ ޝަޚުޞީ އަދި ޢާއިލީ ކަންކަމާއި، ދޭދޭ މީހުންގެ ދެމެދުގައި ހިނގާ މުޢާމަލާތުތަކާއި، އެކަންކަމާ ގުޅިގެން ތަރުތީބުވާ ކަންކަމަށް އިސްލާމް ދީނުގައި އައިސްފައިވާ ހުކުމްތަކެވެ. މިޙުކުމްތައް ﷲ ބާވާލައްވަމުން ގެންދެވީ ކޮންމެ ރަސޫލު ބޭކަލަކަށްވެސް އެބޭކަލެއްގެ ޒަމާނުގައި އެބޭކަލެއްގެ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އެހެންވެ ތަފާތު ޝަރީޢަތްތައް ބާވާލެއްވިފައި ވެއެވެ.
މިގޮތުން ޝަރީޢަތްތައް ބާވާލައްވަމުން އައިސް މި ސިލްސިލާ ގައި ސިއްކަ ޖެއްސެވުނެވެ. އެއީ ނަބީކަމާއި ރަސޫލުކަން ޚަތަމް ކުރެއްވި މާތް ނަބިއްޔާ މުޙައްމަދުގެފާނަށް ބާވާލެއްވުނު ޝަރީޢަތާ ހަމައިންނެވެ. މި ޝަރީޢަތަކީ، އެ ބާވާލެއްވުނު ހިސާބުން ފެށިގެން ދެން އަންނަ ހުރިހާ އުންމަތްތަކަށް އަދި ހުރިހާ ޒަމާނަކަށްވެސް ފެތޭ ފަދަ މުނަރަ ކަމެއް ލިބިގެންވާ ޝަރީޢަތެކެވެ. އެހެންކަމުން މިޝަރީޢަތުގެ މަސްދަރު ތަކަކީ ކޮބައިތޯ އާއި އެ މަސްދަރުތައް ޒަމާންތަކަށް ނަގުލުވަމުން ދަނީ ކިހިނަކުންތޯ ދެނެގަތުމަކީ މުސްލިމުންނަށް މުހިންމު ކަމެކެވެ.
އިސްލާމީ ޝަރީޢަތަކީ ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެނެސްދެއްވި ކަންކަމެވެ. އެކަލޭގެފާނުގެ ތަޢުލީމުތަކެވެ. މި ތަޢުލީމުތައް ބިނާވެފައިވަނީ މައިގަނޑު ދެ މަޞްދަރެއްގެ މައްޗަށެވެ. އެއީ ﷲ ގެ ކަލާމްފުޅު ކީރިތި ޤުރުއާނާއި މާތްރަސޫލާގެ ސުންނަތެވެ. ކީރިތި ޤުރުއާނަކީ އޭގެ ލަފުޒާއި މާނަ ﷲ ގެ ޙަޟްރަތުން ބާވާލެއްވިގެންވާ އެއްޗެކެވެ.
ﷲ ގެ ޙަޟްރަތުން މި ވަޙީ ކީރިތި ރަސޫލާ އާ ހަމައަށް ވާސިލު ވެފައި ވަނީ ވަޙީގެ މަލާއިކަތާ ޖިބުރީލުގެފާނު މެދުވެރި ކުރައްވައެވެ. ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނުންގެ އަރިހުން ރިވާވެގެން އައިސްފައިވާ ހުރިހާ ކަންކަމެވެ. އޭގެ ތެރޭގައި އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކާއި، އެކަލޭގެފާނު ޢަމަލުފުޅުތައް ކުރެއްވެވި ގޮތާއި، އެކަލޭގެފާނުގެ ކުރިފުޅުމަތީ ހިނގާ ކަންތައްތަކުގެ ތެރެއިން އެކަންކަމަށް އެކަލޭގެފާނު އިގުރާރުވެ ވަޑައިގަންނަވާ (އެބަހީ އިއުތިރާޒު ނުކުރައްވާ) ކަންތައްތަކެވެ.
މިހުރިހާ ކަމެއްވެސް ބިނާވެގެންވަނީ ﷲ ގެ ވަޙީއާ އެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އޭގެ ލަފުޒާއި ޢިބާރާތް އެކަލޭގެފާނުގެ އަރިއަހުން ވާރިދުވެފައި ވީ ނަމަވެސް އެއީ ހަގީގަތުގައި ހަމަ ﷲ ގެ ވަޙީއެވެ. އަދި އެއީ ކީރިތި ޤުރުއާނުގެ ޝަރަޙަ އެކެވެ.
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ބާވާލެއްވުނު ޝަރީޢަތް މީސްތަކުންނަށް އުނގަންނައިދެއްވުމަށް ގާތްގަނޑަކަށް 23 އަހަރު ހޭދަކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި އަޞްޙާބުން ގެންދެވީ އެކަލޭގެފާނުގެ ތަޢުލީމުތައް ދަސްފުޅު ކުރައްވަމުންނެވެ. އަދި އޭގެ ތެރޭގައި ކީރިތި ޤުރުއާން ވެސް ހިމެނެއެވެ.
ޤުރްއާން ހިތުދަސް ކުރެއްވުމުގެ އިތުރަށް އެޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ލިޔަމުންވެސް ގެންދެވުނެވެ. އަދި އަބޫބަކުރުގެފާނުގެ ޒަމާނުގައި އެއްފޮތެއްގެ ގޮތުގައި ޖަމާކުރެވުނެވެ. އޭގެފަހުން ޢުޘްމާނުގެފާނުގެ ޒަމާނުގައި އިތުރު ކޮޕީތައް ހައްދަވައި އިސްލާމީ ކަންކޮޅުތަކަށް ފޮނުވުނެވެ. މިގޮތަށް ކީރިތި ޤުރްއާނާ މެދު ޢަމަލު ކުރެވުނު އިރު ކިރިތި ރަސޫލާ ގެ ޙަދީޘްފުޅުތައް ލިޔުއްވުން އޮތީ މަނާ ކުރައްވާފަ އެވެ.
އެއީ ޤުރުއާނާއި ސުންނަތް އެކަތިއަނެއްކައްޗާ އޮޅިދާނެތީ އެވެ. ޞަޙާބީންގެ ޒަމާނުގައި ވެސް މިކަން މިގޮތަށް ދެމިގެން ދިޔައެވެ. ނަމަވެސް ޤުރްއާން ޖަމާ ކުރެވި މުޞްޙަފްތައް ހެދުމުން އެއާ އެހެން އެއްވެސް އެއްޗެއް ދެން އެކުވެ ނުދާނެކަން ކަށަވަރުވީ ހިސާބުން އިސްލާމީ ވެރިންނާއި ޢިލްމުވެރިން ކީރިތިރަސޫލާގެ ސުންނަތް ވެސް ލިޔުއްވިއެވެ.
ޤުރުއާނާއި ސުންނަތަކީ މުސްލިމުންގެ ދިރިއުޅުމުގެ ދުސްތޫރު ކަމުގައި ވާތީ، ފޮތްތަކެއްގެ ގޮތުގައި އެ ލިޔެ ރައްކާ ނުކުރި ނަމަވެސް ނުވަތަ ޖީލުތަކަށް ދެމިގެން ދިއުމުގެ މަގުޞަދުގައި މީސްތަކުންނަށް އެރިވާކުރަމުން ނުގެންދިޔަ ނަމަވެސް މި ދެ މަސްދަރު އޭގެ ޒާތުގައި ރައްކާތެރި ކުރެވެމުން ދިޔައެވެ. އެއީ މުސްލިމުންގެ ދިރިއުޅުން ބިނާވެފައިވަނީ އެ ދެ މަސްދަރުގައިވާ އެންމެހާ އުޞޫލުތަކާއި ހުކުމްތަކުގެ މައްޗަށް ކަމަށް ވާތީ އެވެ.
މިފަދަ ތަބީއީ ގޮތެއްގައި އެ ހުރިހާ އެއްޗެއް މުސްލިމުންގެ ތެރޭ އެއްޖީލުން އަނެއް ޖީލަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރިވާ ވަމުން ދިޔައެވެ. އެހެންނަމަވެސް ކޮންމެ ބައެއްގެ ތެރޭގައިވެސް އެބަޔަކާ ދުޝްމަން ބައެއް އުފެދިގެން އެބައެއްގެ ހަމަތަކާއި އުސޫލުތަކާ ގުޅުން ނެތް ކަންކަން ވައްދައި ހެދުމަކީ ތާރީޚުގައި ފެނިފައިވާ ކަންކަމެވެ.
ވީމާ މިފަދަ ކަންކަމުން ސަލާމަތްކަން ހޯދުމާއި، އިސްލާމީ ޝަރީޢަތުގެ މަސްދަރުތައް ރައްކާތެރި ކުރުމުގައި އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، މަސްދަރުތަކާ މެދު މުސްލިމުންގެ އިތުބާރު އިތުރުކުރުން ފަދަ ސަބަބުތަކަށްޓަކައި ހިޖުރައިން ފުރަތަމަ ގަރުނު ނިމެން ކައިރިވެފައިވަނިކޮށް ކީރިތިރަސޫލާގެ ސުންނަތްވެސް ލިޔަން ފެއްޓެވުނެވެ. އެއީ ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ކީރިތިޤުރުއާންވެސް ލިޔުމުން ޖަމާ ކުރައްވާފައިވާ ފަދައިން ސުންނަތް ވެސް އެގޮތަށް ރައްކާތެރި ކުރެއްވުމަށެވެ. އަދި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހިވަސައްލަމް، އެކަން މަނާ ކުރައްވާފައިވާ ސަބަބަކީ އެއްގޮތަކަށް ވެސް އެ ލިޔެ ރައްކާކުރުން މަނާ ކުރެއްވުން ނޫން ކަމަށް ވާތީ އެވެ.
މިގޮތުން ތާބިޢީންގެ ތާބިޢީންގެ ޒަމާނުގައި ކީރިތި ރަސޫލާގެ ޙަދީޘްތައް ޖަމާކޮށް ލިޔެވުނެވެ. އެބޭކަލުން ހަދީޘްތައް ރިވާ ކުރައްވާފައި ވަނީ ތާބިޢީންގެ ކިބައިންނެވެ. ތާބިޢީން ރިވާކުރައްވާފައިވަނީ އަޞްޙާބުންގެ ކިބައިންނެވެ. އަޞްޙާބުން ރިވާކުރައްވާފައިވަނީ ކީރިތިރަސޫލާގެ ކިބައިންނެވެ. މިގޮތުން ރިވާ ކުރެވޭ ހުރިހާ ޙަދީޘެއްގައިވެސް އެޙަދީޘް ރިވާވެގެން އައި ގޮތް ނުވަތަ ރިވާކުރެއްވި ހުރިހާ ރާވީންގެ ނަން ވަރަށް ފުރިހަމަކޮށް ބަޔާން ކުރުމަށް ފަހުގައި ނޫނީ އެއްވެސް ޙަދީޘެއް ލިޔުއްވާފައެއް ނުވެއެވެ.
އަދި ޙަދީޘްތައް ލިޔެވިފައިވާ ފޮތްތައް ލިޔުއްވި ޢިލްމުވެރިންވެސް އެގޮތަށް ރާވީންނާއެކު އައިސްފައި ނުވާ ނަމަ އެޙަދީޘެއް ގަބޫލު ކުރެއްވުމުގައި އަވަސްވެ ނުގަނެއެވެ. ކިތަންމެ ބުރަމަސައްކަތެއް ކުރައްވަން ޖެހިވަޑައިގަތަސް އަދި ކިތަންމެ ގިނަދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތަސް އެޙަދީޘަކާ މެދު ޔަގީންކަމެއް ނުލިބެނީސް އެބޭފުޅަކު އެގަބޫލު ނުކުރައްވައެވެ.
އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ޙަދީޘް ފޮތްތައް ލިޔުއްވި ބޭފުޅުންނަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ދެބޭފުޅުންނަކީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް އެވެ. އެއަށްފަހު އިމާމް މާލިކުއާއި އިމާމް ތިރުމިޛީ އާއި އިމާމް އަބޫދާއޫދުއާއި އިމާމް އިބްނު މާޖާ އާއި އިމާމް އައްނަސާއީ ހިމެނިވަޑައިގަންނަވައެވެ.
ވީމާ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް އެއޮތީ ސަލާމަތްކަމާއެކު ރައްކާތެރި ކުރެވިފައެވެ. ކީރިތި ޤުރްއާން ވަނީ މުތަވާތިރުކޮށް (ޖަމާއަތަކުން ޖަމާއަތަކުން ގުޅިގެން) ޤަޠްޢީ ކޮށް (ކަށަވަރުކަމާއި ޔަގީންކަމާ އެކު) ވާސިލުވެފައެވެ. ސުންނަތުގެ ތެރޭގައި މުތަވާތިރު ނޫން އަދި ޤަޠްޢީ ނޫން ބައެއް ނައްޞުތައް ހުއްޓަސް އޭގެ ތަފާތު ދަރަޖަތައް ފާހަގަ ކުރެވޭ ފެންވަރުގައި އަދި އޭގެ ތެރެއަށް ވަދެފައިވަނީ ކޮން އެއްޗެއްކަން ފާހަގަ ކުރެވޭނެ ހެކި ތަކާ އެކު އެ ހުރިހާ ނައްސުތަކެއް ވަނީ ރައްކާކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ އިތުބާރު ވަރުގަދަވެގެން ދެއެވެ.