ރިޔާޒާ ބެހޭ ގޮތުން ރައީސް ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތަށް: ރިޔާޒްގެ އާއިލާ
ރިޔާޒާ ބެހޭ ގޮތުން ރައީސް ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތަށް: ރިޔާޒްގެ އާއިލާ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންނަށް ދޭން އޭނާ އިންކާރު ކުރައްވާފައި ނުވާ ކަމަށާއި އެކަމާ ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީން އިއްޔެ ވާހަކަފުޅު ދެއްކެވީ ކަން ހިނގާފައިވާ ގޮތް އުޅޭ ގޮތަށް ކަމަށް ރިޔާޒްގެ އާއިލާއިން މިއަދު ބުނެފި އެވެ.

ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައި އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިދިޔަ މެއި މަހު ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހދ. ހަނިމާދޫއަށް އިއްޔެ ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި، ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ފޯނު ދޭން އެންގުމުން ރިޔާޒް ފުރަތަމަ އެކަމަށް އިންކާރު ކުރެއްވި ކަމަށާއި އަދި ފަހުން ފޯނު ދެއްވިޔަސް، ފޯނު ހުޅުވަން ދެއްވީ ނުބައި ޕިން ކޯޑެއް ކަމަށެވެ. އަދި ރިޔާޒްގެ މައްޗަށް ވެސް ޖަލު ހުކުމެއް އައީ ގާނޫނީ މަރުހަލާގައި އެއްބާރުލުން ދޭން އިންކާރު ކުރުމުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ރިޔާޒްގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯޓު އަމުރާ އެކު ރިޔާޒްގެ ފޯނު ދޭން ފުލުހުން އެންގުމުން ވަގުތުން އެ ފޯނު ހަވާލުކުރި ކަމަށާއި އަދި ޕިން ކޯޑް ދޭން ރިޔާޒް ފުރަތަމަ ދެކޮޅު ހެދީ އެ ބާވަތުގެ އެހެން އަމުރުތަކުގައި ޕިން ކޯޑް ދިނުމަށް އަންގާފައި އޮންނަ ނަމަވެސް، ރިޔާޒްގެ ފޯނު ދޭން އެންގި ކޯޓު އަމުރުގައި އެގޮތަށް ބަޔާންކޮށްފައި ނެތުމުން ކަމަށެވެ. އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ދައުވާ އުފުލި ފަހުން ޕިން ކޯޑް ދޭން ކޯޓުން އެންގުމުން ރިޔާޒް ދިން ޕިން ކޯޑް ޖަހައިގެން ފޯނު ހުޅުވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ރިޔާޒް ހައްޔަރު ކޮށްފައިވަނީ އިސްލާހީ މަސައްކަތުގައި އޭނާ ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންނާއި މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދު ކުރުމަށް ކަމަށް އާއިލާއިން ދެކޭ ކަމަށެވެ. އަދި އެ މައްސަލައަކީ ރިޔާޒްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެއް ކަމަށް ވާއިރު، ދައުލަތުގެ އެންމެ އިސްވެރިޔާ ޝަރީއަތުގެ މަރުހަލާގައި ނުނިމި ހުންނަ މައްސަލަތަކާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމަކީ އެ އާއިލާއިން ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ރިިޔާޒްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ކުރާ އިތުރު ތިން ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ.