20 ޖުލައި 2018 - 21:07

ބޮޑުތަކުރުފާނު މަގުން ބައެއް ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ މަގުން ބަންދުކޮށްފައިވާ ސަރަހައްދުގައި ވެހިކަލް ޕާކް ކުރުމާއި ދުއްވުން މަނާކޮށް، ޕާކްކުރާ އުޅަނދުތައް އެތަނުން ނަގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖާ ގުޅޭ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން ބޮޑުތަކުރުފާނު މަގު މެރީ ބްރައުން ސަރަހައްދުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބަންދުކޮށް، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ކުރިން ވަނީ ބަދަލު ގެނެސްފަ އެވެ. އަދި އެ ސަރަހައްދުގައި ޕާކް ކުރުން ކުރިން ވެސް އޮތީ މަނާކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދުވަސްވަރަކީ މަގު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ދުވަސްވަރަކަށް ވާތީ، ބަންދު ކޮށްފައިވާ ސަރަހައްދުގައި މާދަމާއިން ފެށިގެން އެއްވެސް އުޅަނދެއްގައި ނުދުއްވުމަށާއި ޕާކް ނުކުރަން އަންގާ ކަމަށެވެ. އަދި އޭގެފަހުން އެ ސަރަހައްދުގައި ޕާކް ކުރާ ވެހިކަލްތައް އެތަނުން ނަގަމުންދާނެ ކަމަށާއި ވެހިކަލްތައް ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެ އިއުލާނުގައި އެދިފައިވެ އެވެ.
އަންނަ މަހު ބްރިޖް ހުޅުވަން މަސައްކަތް ކުރަމުން އަންނައިރު، ބްރިޖް ހުޅުވެން ވާއިރަށް މަގުގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.